ބަތަލާ އަމްރިތާ އެޕާޓްމަންޓްތަކުގެ ކުލި މާފުކޮށްފި

ބޮލީވުޑްގެ ބަތަލާ އަމްރިތާ ރާއޯ، މުމްބާއީގައި ހުންނަ އޭނާގެ އެޕާޓްމަންޓްތަކުގެ ކުލި، އަންނަ މަހާ ހަމައަށް މާފުކޮށްފި އެވެ.


"ވިވާ" އާއި "މޭ ހޫ ނާ" އަދި "އިޝްގް ވިޝްގް" ފަދަ ފިލްމުތައް ކުޅުނު ބަތަލާގެ ޕްރޮޕަޓީތައް މުމްބާއީގެ އެކި ސަރަހައްދުތަކުގައި ހުރެ އެވެ. އަދި އޭގެ ތެރެއިން ގިނަ ތަންތަން ހުންނަނީ ކުއްޔަށް ދީފަ އެވެ. މި ތަންތަނުގެ ކުލި މާފުކޮށްދޭން ނިންމީ ކޮވިޑް-19 އާ ހެދި އެތައް ބައެއްގެ އާމްދަނީ ހުއްޓި ދަތިވެފައި ވާތީ އެވެ.

މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ 39 އަހަރުގެ ބަތަލާ ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާގެ އިމާރާތްތަކުގެ ކުލި މާޗު މަހުން ފެށިގެން އަންނަ މަހާ ހަމައަށް މާފުކޮށްދީފައިވާ ކަމަށެވެ. އަމްރިތާ ބުނި ގޮތުގައި އޭނާގެ އެޕާޓްމަންޓަކުގައި ކުއްޔަށް ތިބޭ ގިނަ މީހުންނަކީ ފްރީލާންސްކޮށް އެކްޓިން އާއި ސިނަމަޓޯގްރަފީ ކަހަލަ ދާއިރާތަކުގައި އުޅޭ މީހުންނެވެ.

ކޮވިޑް-19 އާ ހެދު އިންޑިއާގައި ލޮކްޑައުން އިއުލާންކުރުމާ އެކު، ފިލްމީ މަސައްކަތްތައް އެއްކޮށް ހުއްޓިފައިވާތީ އެފަދަ މީސްމީހުންނަ އާމްދަނީ ލިބޭނެ ދޮރުތައް މިހާރު ބަންދުވެފައިވާ ކަމަށް ގަބޫލުކުރާ ކަމަށް ބުންޏެވެ.

"އެހެންވެ ހިތަށް އެރީ މި ދަނޑިވަޅަކީ އަހަންނަށް ވެސް ބަޔަކަށް އެހީއެއްވެވިދާނެ ވަގުތެކޭ،" އަމްރިތާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ކުލި މާފުކޮށްދިނުމުގެ އިތުރުން މަސައްކަތު މީހުންގެ ވަޒީފާގައި ތިބި މީހުންނަށް މުސާރަދީ، އޭގެ ތެރެއިން އާއިލާގެ ކައިރި އަށް ދާން ބޭނުންވާ މީހުންނަށް އެ މަގު ވެސް އޭނާ ފަހިކޮށްދީފައިވެ އެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ރޭޑިއޯ ޖޮކީ (އާރްޖޭ) އައްމޯލާ ކައިވެނިކުރި ބަތަލާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ މިދިޔަ އަހަރު ގެނެސްދިން "ތަކޭރީ" އިންނެވެ. އަމްރިތާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދަ ލެޖެންޑް އޮފް ކުނާލް" އާއި "ސަތުސަންގް" ހިމެނެ އެވެ.