23 ޖުލައި 2020 - 08:13
ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން އޭނާގެ ޕޭންވޭލް ފާމްހައުސްގައި ހުންނަތާ މިހާރު ފަސް މަހެއްހާ ދުވަސް ވެއްޖެ އެވެ. ކޮވިޑް-19 ހެދި ކުރިމަތިވި ލޮކްޑައުނާ އެކު ފިލްމީ މަސައްކަތްތައް ހުއްޓުމަކަށް އައި ނަމަވެސް، ސަލްމާންގެ އުފެއްދުންތެރިކަމށް އެއްވެސް ބަދަލެއް ނާދެ އެވެ.
ފާމްހައުސްގައި ހުރެގެން އޭނާ ވަނީ ވީޑިއޯ ދެ ލަވައެއް ވެސް އުފައްދައި ގެނެސްދީފަ އެވެ. އޭނާ އެ ދެ ލަވަ ކިޔައި، އެކްޓް ވެސް ކޮށްފައިވާ އިރު، އޭގެ ތެރެއިން އެއް ލަވައިގެ ވީޑިއޯ ވެސް ޑައިރެކްޓްކުރީ ސަލްމާނެވެ. ރިޕޯޓްތައް ބުނާގޮތުން ކަލާޒް އިން މި އަހަރުގެ ފަހުކޮޅު ގެނެސްދޭން ނިންމާފައިވާ ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 14 ގެ ޕްރޮމޯޝަނަލް މެޓީރިއަލްތައް ވެސް ސަލްމާން ތައްޔާރުކުރާނީ ފާމްހައުސްގަ އެވެ.
އެކަމަކު މި ދުވަސްކޮޅު އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ފެންނަނީ ދަނޑުވެރިކަމުގެ މަސައްކަތުގައި އުޅޭ ތަނެވެ. ހަނޑޫ އިންދުމާއި ދަނޑުގައި ފަސްގަނޑުޖެހުން ފަދަ ކަންކަން ކުރަނިކޮށް ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް ވެސް އިންސްޓަގްރާމްގައި އެބަހުއްޓެވެ.
ސަލްމާނާ އެކު އާއިލާގެ ބައެއް މީހުންނާއި ގާތް ބައެއް ރައްޓެހިން ވެސް އަންނަނީ ފާމްހައުސްގައި ވަގުތު ހޭދަކޮށް، ލޮކްޑައުންގެ ބޭނުން ރަނގަޅަށް ހިފޭތޯ ބަލަމުންނެވެ. ސަލްމާން ޕޯސްޓްކުރި އެއް ފޮޓޯއެއްގައި ދަނޑުވެރިކަންކުރާ މަސައްކަތުގެ އަގުޒަންކުރުމުގެ ގޮތުން ކެޕްޝަނަކަށް "ރެސްޕެކްޓް އޯލް ފާމާޒް" ލިޔެފައިވެ އެވެ.
ދަނޑުވެރިކަން ކުރުމުގައި ވަގުތު ހޭދަކުރަމުން އަންނަ އިރު ސަލްމާންގެ ކުރިއަށް އޮތް ފިލްމު "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" ގެ ޝޫޓިންގެ ބާކީ ހުރި މަންޒަރުތަކެއް ނަގަން އަންނަ މަހަށް ތާވަލުކުރި ނަމަވެސް އެކަން މިހާރު ފަސްކޮށްފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ޕްރަބޫދޭވާ ޑައިރެކްޓްކުރާ ފިލްމުގެ ބާކީ ހުރި މަންޒަރުތައް ނެގުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދަން ނިންމާފައި ވަނީ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އެހެންވެ "ރާދޭ" މި އަހަރު ފެނުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ.
ހަންގާމާ އިން ބުނި ގޮތުގައި އެ ފިލްމު އަންނަ އަހަރުގެ ހާއްސަ ދުވަހަކާ ދިމާކޮށް ރިލީޒްކުރެވޭތޯ މިހާރު އަންނަނީ މަޝްވަރާކުރަމުންނެވެ. ލޮކްޑައުންއާ އެކު އިންޑިއާގެ ސިނަމާތައް ބަންދުކުރަން ނުޖެހުނު ނަމަ "ރާދޭ" އަކީ މިދިޔަ ފިތުރު އީދާ ދިމާކޮށް ޖޫން 22 ގައި ރިލީޒްކުރާނެ ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އާޒާދު
23 July 2020
ސައްލޫބެ ތީ 100 ގެ މީހެއް.
ވަހީދު
23 July 2020
ދިވެހިން ނަށް މި ނަސީބެއް ވެސް ނެތެވެ. ހޮބީ އަކަށް ނުވަތަ ފެމެލީ މަސައްކަތެއްގެ ގޮތުގައި ގޯތީގައި ނުވަތަ "އަވަށް ބޭރުގައި"ދަނޑު ހައްދާން ވީއެވެ. އެކަމަކު އިންޑަސްޓްރިއަލް ކޮށް މި މަސައްކަތް ވާކަށް ނެތެވެ.ސަބަބަކީ ދަނޑުހަންދާނެ ބިން ނުވަތަ ފަޅުރަށް ރަށް ކުއްޔަށް ދެނީ ކުރާ ހުރިހާ މަސައްކަތެއްގެ މަންފާ ސަރުކާރަށް ލިބޭ ގޮތަށް " މަޅި އަޅުވާފައި" ކަމަށް ވާތީ އެވެ. ރިޒޯޓް ހަން 100 އަހަރަށް ދަނޑުވެރި ކަން ކުރުމަށް 21 އަހަރަށް.
ރުޅި
23 July 2020
މަ ވަރަށް ކުރާހިތްވާކަމެއް. ދަނޑުވެރިކަމަކީ ހައްދާ ގަސްތަކުން މޭވާ އަޅާ މޭވާކާން ލިބުނީމާ އެވާ އުފަލެއް ބުނެދޭންވެސް ނޭންގޭ.
ހަސަބު
23 July 2020
ދަނޑުވެރިކަމަކީ އިންސާނުން ބިންމަތީ ދެމިތިބުމަށް ބޭނުންވާ މަސައްކަތް. އެކަމަކު ނިކަމެތި މަސައްކަތެއްގެ ގޮތުގައި ދެކޭ މީހުން މަދެއް ނޫނެވެ. ރޯޓީ ކަޕަޅާ އައުރު މަކާން.
ބޭބެ ކުރަން
23 July 2020
ސަޅި ކަމެއް
ފަތިސް ހަނދުވަރު
23 July 2020
އެއްމެ ޝަރަފު ވެރި ސަޅި އެއް މަސައްކަތަކީ ދަނޑުވެރި ކަމެވެ. ކޮންމެ މީހަކު ވެސް ރިޓެއަރޑް ކޮށްފައި ދެން ކުރަން ވަރަށް ހިތް ގައިމު މަސައްކަތެވެ. ދަނޑުވެރި ކަމާއި ގެރި ބަލަރި ފާރމް މަސައްކަތެވެ. ފަތިހުގެ ހިތް ހަމަ ޖެހިމާއި ހަމަ ހިމޭން ކަމާއި މާމެލާ މެލި ފޮޅޭ ރީތި މަންޒަރާއި ގުދުރަތީ ރީތި މަންޒަރު ތަކާއ ހަމަ ހިމޭން ކަމެވެ. މާޝާ ﷲ!
ޝްރަދާ ކަޕޫރު
23 July 2020
ސަލްމާން ޚާން ކަހަލަ އެކްޓަރެއް މަދުވާނެ!