29 ޖުލައި 2020 - 08:08
އެމެރިކާ އިން ދެކުނު ކޮރެއާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހެރީ ހެރިސް މަތިމަސް ބަހައްޓާ ގޮތުން ސިފަކޮށްދެނީ ޖަޕާނުގެ ދަށުގައި އެ ގައުމު އޮތް ދުވަސްވަރުގެ ހަނދާންތައް ކަމެއް ބުނެ ފާޑުކިޔުންތައް އަމާޒުވާން ފެށުމުން މަތިމަސް ބާލުއްވައިފި އެވެ.
ޖަޕާން ދަރިކޮޅުގެ އެމެރިކާ ރައްޔިތެއް ކަމަށްވާ ހެރީ ދެކުނު ކޮރެއާގެ ސަފީރަކަށް އެމެރިކާ އިން އައްޔަންކުރީ 2018 ގަ އެވެ. އެކަމަކު އޭނާގެ މަސައްކަތްތަކަށް ވުރެ ބޮޑަށް މީޑިއާތަކުގައި ހެރީގެ ވާހަކަ މިހާތަނަށް ދެކެވެމުން ދިޔައީ މަތިމަހާ ބެހޭ ގޮތުންނެވެ.
ފެންނަ ފެނުމަށް ހެރީގެ މަތިމަހުގައި މާ އާދަޔާހިލާފުކަމެއް ވެސް ނެތެވެ. އަދި އެ މަތިމަހަކީ އާންމުކޮށް ގިނަ ފިރިހެނުން މަތިމަސް ބަހައްޓާ ސްޓައިލަށް ހުރި އާދައިގެ މަތިމަހެކެވެ.
With help from his Senior Advisor @sykimsy, @USAmbROK Harris visited a classic local barbershop to become a little "cooler" during the hot summer months. Curious about how it went? Watch the video to find out more. pic.twitter.com/cpabketRfd
— U.S. Embassy Seoul (@USEmbassySeoul) July 25, 2020
ނަމަވެސް ދެކުނު ކޮރެއާ އިން ހެރީގެ މަތިމަހާ "އަޅައިގަނެގެން" އެ ވާހަކަ ބޮޑު ކަމަކަށް ހަދައިގެން އުޅުނީ އެއް ޒަމާނެއްގައި އެ މީހުންގެ ގައުމު އަތްގަދަކޮށްގެން އުޅުނު ޖަޕާނު ގަވަރުނަރުންގެ ހަނދާންތައް އާކޮށްދޭ ކަމަށް ބުނެ އެވެ. އަދި މިކަމުން ދެ ގައުމުގެ ގުޅުމަށް އަސަރުކޮށްފާނެ ކަމަށް ބުނެ ދެކުނު ކޮރެއާގެ މީޑިއާތަކުން ސަފީރުގެ މަތިމަހާ "ބެހެމުން" ދިޔަ އެވެ.
މިކަމާ ގުޅިގެން ހެރީ އަށް އަމާޒުވަމުން ދިޔަ ފާޑުކިޔުންތަކަށް މިހާތަނަކަށް މާ ބޮޑު ސަމާލުކަމެއް ނުދެއްވަ އެވެ. އެކަމަކު ހޮނިހިރުދުވަހު ސަފީރު ވަނީ މަތިމަސް ބާލުއްވައިފަ އެވެ. ސަބަބެއް ކަމަށް ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެތރިކަން ހޯދަން މާސްކް އަޅަން ޖެހިވަޑައިގަންނަވާތީ މަތިމަސް ހުރުމުން އުނދަގޫވެ، ހޫނުވެ ދާހިއްލުމެވެ. ބޯކޮށާ ތަނަކަށް ވަޑައިގެން މަތިމަސް ބޭލުއްވި ވީޑިއޯ ވެސް ސޯލްގައި ހުންނަ އެމެރިކާގެ އެމްބަސީގެ ޓްވިޓާގައި ހިއްސާކޮށްފައިވެ އެވެ.
ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަޕާނުގެ ބޮޑުވަޒީރަކަށް ހުންނެވި ހިޑޭކީ ޓޯޖޯ، ހެރީގެ މަތިހަމާ ވައްތަރު މަތިމަހެއްގައި.
އޭގައި ވިދާޅުވެފައި ވަނީ މަތިމަސް ބޭލުމުން މިހާރު ތަންކޮޅެއް "ކޫލްވެއްޖެ" ކަމަށެވެ.
އަސްކަރިއްޔާގައި 40 އަހަރު ވަންދެން ހިދުމަތްކުރެއްވި ހެރީ ކޮރެއާ ޓައިމްސް އަށް ވިދާޅުވެފައިވާ ގޮތުގައި އޭނާ މަތިމަސް ބަހައްޓަން ނިންމެވި އެއް ސަބަބަކީ ޑިޕްލޮމެޓެއްގެ ގޮތުގައި މަސައްކުރައްވަން ފެއްޓެވުމާ އެކު، އެއީ ހަޔާތުގެ ސޮފުހާއެއްގެ ގޮތުގަ އެވެ.
"އެކަމަކު އަހަރެންގެ ވާހަކަ މީޑިއާތަކުގައި މިހާތަނަށް ދެކެވުނީ ނިސްބަތްވާ ދަރިކޮޅެއްގެ ސަބަބުން،" ކުރިން ނޭވީ އެޑްމިރަލްއެއްގެ ގޮތުގައި މަސައްކަތްކުރެއްވި ސަފީރު ވިދާޅުވި އެވެ. "ވަކިން ހާއްސަކޮށް ސޯޝަލް މީޑިއާގައި އަހަރެންގެ މަތިމަހުގެ ވާހަކަ ވަރަށް ހޫނު."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސައިމާ
29 July 2020
ޖަޕާނުގެ ގަވަރުނަރަކީ ފިރިހެނެއް. ސަފީރަކީވެސް ފިރިހެނެއް. އެހެންވީމަ ހުރިހާ ފިރިހެނުން ކޮރިއާއިން ފައިބަން މަށަށް ފެނޭ.
މުލޭ
29 July 2020
ދެކުނު ކޮރެއާގެ ނޫސްވެރިންނަކީ ވެސް ވަރަށް ނާތަހުޒީބު ބަޔަކަށްތާ މިވީ.