ޖެފް ބެޒޯސްގެ ކުރީގެ އަންހެނުން ޚައިރާތަށް 1.7 ބިލިއަން ޑޮލަރު ހޭދަކޮށްފި

ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު، އެމެޒޯން ކުންފުނީގެ ވެރިޔާ ޖެފް ބެޒޯސްއާ މިދިޔަ އަހަރު ވަކިވި އޭނާގެ ކުރީގެ އަންހެނުން މެކެންޒީ ސްކޮޓް ހައިރާތަށް މިހާތަނަށް 1.7 ބިލިއަން ޑޮލަރު ހަދިޔާކޮށްފައިވާ ކަމަށް ބުނެފި އެވެ.


މެކެންޒީ އާއި ބެޒޯސްގެ ކައިވެނި 25 އަހަރު ފަހުން މިދިޔަ އަހަރުގެ ކުރީކޮޅު ރޫލައިލި އިރު، އެމެޒޯންގެ ހަތަރު ޕަސެންޓް ހިއްސާއާ އެކު މެކެންޒީ އަށް 35 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ. އެއާ އެކު އޭނާ ހިމެނުނީ ދުނިޔޭގެ އެންމެ މުއްސަނދި އަންހެނުންގެ ތެރޭގަ އެވެ. މެކެންޒީގެ މިލްކިއްޔާތު މިހާރު 60 ބިލިއަން ޑޮލަރަށް އަރަ އެވެ.

އުމުރުން 50 އަހަރުގެ މެކެންޒީ މިހާރު ހިމެނެނީ ދުނިޔޭގެ އެންމެ މުއްސަނދި 10 އަންހެނުންގެ ލިސްޓްގެ ހަތަރު ވަނައިގަ އެވެ. އަދި ދުނިޔޭގެ ރޭންކުން ބަލާ ނަމަ އޭނާ އޮތީ 22 ވަނައިގަ އެވެ.

މެކެންޒީ އެހީ ދިން ޖަމިއްޔާ ޖަމާއަތްތަކުގެ އަދަދު 116 އަށް އަރަ އެވެ. އޭނާ ފައިސާ ހަދިޔާކުރި ދާއިރާތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކާއި ޖިންސީ އަދި ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށާއި ޑިމޮކްރަސީ ހަރަދަނާކުރަން ކުރާ މަސައްކަތް ފަދަ ދާއިރާތައް ހިމެނެ އެވެ. ޑިއަމްގައި މެކެންޒީ އާންމުކުރި ލިޔުމެއްގައި ހޭދަކުރި އަދަދުގެ ތަފުސީލުތައް ވެސް ހިމަނާފައިވެ އެވެ.

އޭނާ އެހީ ދިން ޖަމާއަތްތަކުގެ ތެރޭގައި ނެޝަނަލް އެސޯސިއޭޝަން ފޯ ދި އެޑްވާންސްމަންޓް އޮފް ކަލަޑް ޕީޕަލް (އެންއޭއޭސީޕީ) ލީގަލް ޑިފެންސް އެންޑް އެޑިއުކޭޝަން ފަންޑް އާއި ދި އޮބާމާ ފައުންޑޭޝަނާއި ޖޯޖް ޑަބްލިއު ބުޝް ޕްރެޒިޑެންޝަލް ސެންޓަރާއި ޔޫރަޕިއަން ކްލައިމެޓް ފައުންޑޭޝަނާއި ރޭޕް، އެކިއުޒް އެންޑް އިންސެންޓް ނެޝަނަލް ނެޓްވޯކް (ރެއިން) ހިމެނެ އެވެ.

މެކެންޒީގެ މުއްސަނދިކަމުން ޚައިރާތަށް ފައިސާ ހަދިޔާކޮށްފައިވާކަން އިއުލާންކޮށްފައި މި ވަނީ ދުނިޔޭގެ މަހުޖަނުން އެ މީހުންނަށް ލިބިފައިވާ ތަނަވަސްކަމުން ދުނިޔޭގެ ހާލަތު ރަނގަޅުކުރަން އެކަށީގެންވާ ވަރަށް ހޭދަނުކުރާ ކަމަށް ބުނެ ފާޑުކިޔުންތައް ވެސް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން ބެޒޯސް، 56، އަކީ އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާ އެކެކެވެ. އޭނާގެ މިލްކިއްޔާތު މިހާރު 180 ބިލިއަން ޑޮލަރަށް އަރަ އެވެ. ރިޕޯޓްތައް ބުނާގޮތުން ދުނިޔޭގެ ފުރަތަމަ ޓްރިލިނިއަރަކަށްވާނީ ވެސް ބެޒޯސް އެވެ.

އޭނާ އާއި މެކެންޒީގެ ކައިވެނި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރޫޅައި އިރު، ކައިވެންޏަށް ހަތަރު ދަރިން ދަރިން ލިބިފައިވެ އެވެ.