15 އޯގަސްޓް 2020 - 08:22
ކަންބޮޑުވާ މިންވަރަށް ކާނާ އިސްރާފުކުރަމުންދާތީ އެކަމަށް ދެކޮޅަށް "ދަ ކްލީން ޕްލޭޓް" ގެ ނަމުގައި ޗައިނާ ސަރުކާރުން ކެމްޕޭނެއް ފަށައިފި އެވެ.
މިފަދަ ކެމްފޭނެއް ފަށާފައި މި ވަނީ ކާނާ އިސްރާފުކުރާ މައްސަލަ ބޮޑުވަމުންދާތީ އެ ގައުމުގެ ރައީސް ޝީ ޖިންޕިން ވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވާ ދަނޑިވަޅެއްގަ އެވެ. ރައީސް ވިދާޅުވި ގޮތުގައި ދަތި އުނދަގޫ މި ދަނޑިވަޅުގައި ވެސް ޗައިނާގައި ކާނާ އިސްރާފުކުރަމުންދާ މިންވަރަށް ބަލާ އިރު އެއީ ކަންބޮޑުވެ، ސީރިއަސްކޮށް އެކަމާ ދޭތެރޭ ވިސްނަން ޖެހިފައިވާ ކަމެކެވެ.
"ފުޑް ސެކިއުރިޓީއާ ދޭތެރޭ ޗައިނާ ވަރަށް ބޮޑަށް ވިސްނަންވެއްޖެ. ހާއްސަކޮށް މިފަދަ ދަތި އުނދަގޫ ވަގުތުތަކުގައި،" ޝީ ވިދާޅުވި އެވެ.
"ކްލީން ޕްލޭޓް" ގެ ނަމުގައި ކެމްޕޭނެއް ފަށާފައި މި ވަނީ ބައެއް މީހުން ކާއިރު ކާނާ އިން އިސްރާފުވާ ގޮތަށް އަމަލުކުރާ ތަން ފެންނަ ވީޑިއޯތައް ސޯޝަލް ޕްލެޓްފޯމްތަކުގައި ވެސް އާންމުކޮށް އެއީ މާ މޮޅު ކަމެއްގައި ދައްކާތީ ދައުލަތުގެ މީޑިއާ އިން މިފަދަ މައްސަލަތަކަށް ފާޑު ވެސް ކިޔަމުން ދަނިކޮށެވެ.
ކާނާ އިސްރާފުކުރާ މައްސަލައާ ގުޅޭ ގޮތުން ރައީސް ދެއްކެވި ވާހަކަތަކަށް ތާއީދުކޮށް ވޫހާން ކެޓަރިން އިންޑަސްޓްރީ އެސޯސިއޭޝަނުން ވެސް ވަނީ ކެމްޕޭނަށް ހުރިހާ އެންމެން އެއްބާރުލުން ދިނުމަށް ގޮވާލައިފަ އެވެ. އެގޮތުން ވަކިން ހާއްސަކޮށް ކެއުންބުއިމުގެ ހިދުމަތް ދޭ ތަންތަނުން ކާނާ ތައްޔާރުކުރާ އިސްރާފުނުވާ ގޮތަށް އެކަން ކުރުމާއި ކަސްޓަމަރުންނަށް ވެސް އިސްރާފުކުރަން ހިތްވަރު ދެވޭ ގޮތަށް ކާތަކެތި ސާވްނުކުރަން އެދިފައިވެ އެވެ.
މީގެ ހަތް އަހަރު ކުރިން ވެސް ޗައިނާގައި ކާނާ އިސްރާފުކުރުމާ ދެކޮޅަށް ކެމްޕޭނެއް ހިންގާފައިވެ އެވެ. އެ ފަހަރު "އޮޕަރޭޝަން އެމްޕްޓީ ޕްލޭޓް" ގެ ނަމުގައި ކުރިއަށް ގެންދިޔަ ކެމްޕޭން އަމާޒުކުރީ ސަރުކާރުގެ އިދާރާތަކުން ބާއްވާ ހަފުލާތަކުގައި ކާތަކެތި އިސްރާފުކުރުން މަދުކުރުމަށެވެ.
ވޯލްޑް ވައިޑް ފަންޑް (ޑަބްލިއުއެފްއެފް) ޗައިނާގެ ދިރާސާ ރިޕޯޓެއްގައިވާ ގޮތުން 2013-2015 އަށް އެ ގައުމުން އަހަރަކު 17-18 މިލިއަން ޓަނުގެ ކާނާ އިސްރާފުގެ ގޮތުގައި އުކާލާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކީބޯ
15 August 2020
އަހަރުމެންގެ ދީނާވެސް ގުޅުންހުރި ކަމެއް އިސްރާފްނުކުރުމަކީ. ކިތަންމެ ކުޑައެތިކޮޅެއްވެސް އިސްރާފުނުކޮށްވޭތޯ ބަލަންވާނެ.