ޑޭވިޑް ބެކަމްގެ ހިއްސާ އޮންނަ އީ-ސްޕޯޓްސް ކުންފުންޏެއްގެ ހިއްސާ ވިއްކަނީ

އިނގިރޭސިވިލާތުގެ ކުރީގެ ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމްގެ ހިއްސާ އޮންނަ އީ-ސްޕޯޓްސް ކުންފުންޏެއް ކަމަށްވާ "ގިލްޑް އީސްޕޯޓްސް" ލަންޑަންގެ ހިއްސާގެ ބާޒާރުގައި ލިސްޓްކޮށް އެ ކުންފުނީގެ ހިއްސާ އާންމުންނަށް ވިއްކަން ނިންމައިފި އެވެ.


މީޑިއާތަކުން ބުނީ ހިއްސާ ވިއްކައިގެން އެ ކުންފުންޏަށް 20 މިލިއަން ޕައުންޑް (25,818,100 ޑޮލަރު) ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ ކަމަށެވެ. މިއީ އިނގިރޭސިވިލާތުގެ ތާރީހުގައި ވެސް ލަންޑަން ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކޮށް، ފޭނުންނަށް އެ މީހުންގެ ޓީމްތަކަށް މާލީގޮތުން އެހީވާން ހިއްސާ ގަންނަން ލިބޭ ފުރަތަމަ ފަހަރެވެ.

"ގިލްޑް އީސްޕޯޓްސް" ހިއްސާ ވިިއްކަން ފަށާނީ މި މަހުގެ ފަހުކޮޅު އެވެ. ހިއްސާ ވިއްކައިގެން ލިބޭ ފައިދާއާ އެކު ކުންފުނީގެ އަގު 50 މިލިއަން ޕައުންޑް (64,488,750 ޑޮލަރު) އަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

"ގިލްޑް އީސްޕޯޓްސް" އިން ބުނީ ކުންފުނީގެ ހިއްސާ ވިއްކަން ނިންމީ ކޮރޯނާވައިރަހާ އެކު ކުރިމަތިވި ލޮކްޑައުންތަކާ އެކު އޮންލައިންކޮށް ގޭމް ކުޅޭ މީހުންގެ އަދަދު އިތުރުވެ، އެ ދާއިރާގެ މާކެޓް ފުޅާވަމުން އަންނާތީ އެވެ. އެހެންވެ "ގިލްޑް އީސްޕޯޓްސް" ވަނީ 2023 އާ ހަމައަށް އަންނަ އިރު އެ ޕްލެޓްފޯމް ބޭނުންކުރާ މީހުންޣޭ އަދަދު 646 މިލިއަނަށް އަރާނެ ކަމަށް ބުނެފަ އެވެ.

"ގިލްޑް އީސްޕޯޓްސް" އިން ނެރުނު ބަޔާނެއްގައި ބުނީ ބޭނުންވަނީ ފީފާ އާއި ފޯޓްނައިޓާއި ރޮކެޓް ލީގާއި ސީއެސް:ގޯ ފަދަ ވަރުގަދަ ޕްލެޓްފޯމަކަށް ވާން ކަމަށެވެ.

"އޮންލައިން ގޭމިންގައި ބައިނަލްއަގްވާމީ ކާމިޔާބު ފްރެންޗައިޒެއް ބިނާކުރުމަކީ އެންމެ ބޮޑު އެއް މަގުސަދު. މީގެ ސަބަބުން ޓްރެއިންވާން ފުރުސަތު ލިބި ފެންވަރު ރަނގަޅު ކުޅުންތެރިން އުފެދި، ވާދަވެރިކަން ބޮޑުވެ، ފޯރި ވެސް ގަދަވެގެންދާނެ." ބަޔާނުގައި ބުންޏެވެ. "މީގައި ބެކަމް ހިއްސާވުމަކީ ވެސް މި ލަނޑުދަނޑިތައް ހާސިލުކުރަން ލިބޭ ވަރަށް ބޮޑު ހިތްވަރެއް."

"ގިލްޑް އީސްޕޯޓްސް" ގައި ބެކަމްގެ ހިއްސާވި ނަމަވެސް އެއީ ކިހާ ވަރެއް ކަމާއި އޭގެ އަގު ހާމައެއްނުކުރެ އެވެ.