ކާއްޓާ ބެހޭ ގޮތުން މީޑިއާއާ ބައްދަލުކުރަން ލަންކާގެ ވަޒީރަކު ރުކުގައި

ސްރީ ލަންކާގައި ކާށި ލިބުން ދަތިވެ، އަގު އުފުލެމުންދާތީ އެކަމާ ގުޅޭ މައުލޫމާތު އެ ގައުމުގެ ސްޓޭޓް މިނިސްޓަރަކު ރުކުގައި އޮންނަވައިގެން މިއަދު މީޑިއާތަކާ ހިއްސާކުރައްވައިފި އެވެ.


ރުކަށް އަރަން ލަންކާ މީހަކު އުފެއްދި ހާއްސަ އާލާތެއް ބޭނުން ކުރައްވައި "ރުކަށް އަރުއްވައި" ކުރުނބާ ވެސް އެޅުއްވި ނޫސް ކޮންފަރެންސް ބޭއްވީ ލަންކާގެ ކޮކޮނަޓް، ފިޝްޓެއިލް ޕާމް، ޕަލްމައިރާ އެންޑް ރަބާ ޕްރޮޑަކްޓް ޕްރޮމޯޝަންގެ ސްޓޭޓް މިނިސްޓަރު އަރުންދިކާ ފެނަންޑޯ އެވެ.

މިނިސްޓަރު މީޑިއާތަކާ ބައްދަލުކުރެއްވީ ނިގަމްބޯ ސިޓީގެ ޕުއްޓަލަމް ޑިސްޓްރިޓްގެ އަވަށެއް ކަމަށްވާ ޑަންކޮޓޫވާގަ އެވެ. އެ ނޫސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ ކާށީގެ ޑިމާންޑް ދުނިޔޭގައި މިހާރު ވަރަށް ބޮޑަށް އުފުލެމުންދާތީ ލަންކާގައި ވެސް ކާށީގެ އަގު އުފުލި، ޒަރޫރީ ބޭނުންތަކަށް ވެސް ކާށި ހޯދުން ދަތިވެފައިވާ ކަމަށެވެ. އަދި މިކަމާ ހެދި މިހާރު ރުކަށް އަރާ މީހުން ހޯދުން ވެސް ދަތިވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ރުކުރާ އުފެއްދުން ކަހަލަ މަސައްކަތްތަކަށް ވެސް ބުރޫ އަރާފައިވާ ކަމަށް ވިދާޅުވި އެވެ.

އަރުންދިކާ ވިދާޅުވީ ލަންކާ އަށް މި ވަގުތު އޮތް އެއް ހައްލަކީ ދުނިޔޭގައި ކާށީގެ ޑިމާންޑް ބޮޑުވަމުންދާތީ ލަންކާ އަށް ދިމާވެފައިވާ ތާށިކަން ކުޑަކުރަން ކާށީގެ އެކްސްޕޯޓް މި ވަގުތަށް މަޑުޖައްސައިލުން ކަމަށެވެ. އަދި ރުކަށް އަރާ މީހުންނަށް އަރާ ކޮންމެ ރުކަކަށް 100 ރުޕީސްގެ އަގެއް ދޭންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

މިއަދުގެ ނޫސް ކޮންފަރެންސްގައި ދައްކައިލި ރުކަށް އަރާ މެޝިނާ ބެހޭ ގޮތުން މިނިސްޓަރު ވިދާޅުވީ އެ ބޭނުންކުރާނީ ހާއްސަ ފިޔަވަޅުތަކެއްގެ ދަށުން ކަމަށާއި މެޝިން ރަސްމީކޮށް ބޭނުންކުރުމުގެ ހުއްދަ ސަރުކާރުން ވަރަށް އަވަހަށް ދޭނެ ކަމަށެވެ. އެ މެޝިން އިންނަނީ ރުކުގެ ވަށައިގެން ދެ ޅާނބު ލައިފައި އިންނަ ގޮތަށް އަދި ރުކަށް އަރާ މީހާ ގޮނޑިއެއްގައި އިށީނދެގެން އިންނަ ކަހަލަ ގޮތަކަށެވެ.