ލައިފްސްޓައިލް / ނާސާ

އެމެރިކާ އަލުން ހަނދަށް ދާން ކުރާ މަސައްކަތަށް ފާޑުކިޔައިފި

14 އޮކްޓޯބަރ 2020 - 07:52

އަލުން ހަނދަށް ދާން އެމެރިކާ އިން ކުރާ މަސައްކަތުގެ ތެރެއިން ނާސާ އިން ފަށާފައިވާ "އާޓެމިސް" ޕްރޮގްރާމް މާބޮޑަށް "އެމެރިކާވެފައި"ވާ ކަމަށާއި އެއީ މުޅި ދުނިޔޭގެ ބައިވެރިވުމާއެކު ކުރަންޖެހޭ މަސައްކަތެއް ކަމަށް ރަޝިއާގެ ސްޕޭސް ޕްރޮގްރާމް ރޮސްކޯސްމޮސްގެ ޑިރެކްޓަރު ޖެނެރަލް ޑިމިޓްރީ ރޮގޯޒިން ވިދާޅުވެއްޖެ އެވެ.

އިންޓަނޭޝަނަލް އެސްޓްރޮނޯޓިކަލް ކޮންގްރެސް އިން ވާޗުއަލްކޮށް ބޭއްވި ނޫސް ކޮންފަރެންސެއްގައި ޑިމްޓްރީ ވިދާޅުވީ އެމެރިކާ އިން 2024 ގައި އެކަނި ހަނދަށް ދާން މަސައްކަތް ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެހެން ގައުމުތައް ވެސް ބައިވެރިކޮށްގެން އެ މަސައްކަތް ކުރިިއަށް ގެންދަން އެމެރިކާ ބޭނުންވާ ނަމަ ރަޝިއާ އޮތީ ބައިވެރިވާން ކަމަށް ބުންޏެވެ.

"މިހާރު އެކަން ކުރަން އެ އުޅެނީ ހަމައެކަނި އެމެރިކާ ކްރެޑިޓް ނަގާ ގޮތަށް. އަސްލު މިކަހަލަ ކަންކަން ކުރިއަށް ގެންދަންވާނީ ބައިނަލްއަގްވާމީ އުސޫލުތަކާއި ހަމަތަކުގެ މަތިން ގިނަ ބަޔަކަށް ބައިވެރިވެވޭ ގޮތަށް،" ޑިމިޓްރީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސްޕޭޝް މިޝަންތައް ކުރިއަށް ގެންދަންޖެހޭ އުސޫލުތަކާއި ހަމަތަކުގެ މަތިން ނާސާގެ "އާޓެމިސް" ޕްރޮގްރާމް ކުރިއަށް ގެންދަން ބޭނުންވާ ނަމަ ރޮސްކޯސްމޮސް އޮތީ އޭގައި ބައިވެރިވާ ގޮތަށެވެ.

"އެ ފުރުސަތު ދޭން [އެމެރިކާ] ބޭނުންވާ ކަމަށް ވަންޏާ އަހަރެމެން އޭގައި ބައިވެރިވުމާ ދޭތެރޭ ވަރަށް ފުންކޮށް ވިސްނާނަން،" ޑިމިޓްރީ ވިދާޅުވީ އެވެ.

ހަނދަށް ދާން އެމެރިކާ އިން ފަށާފައިވާ އާ ޕްރޮގްރާމަކީ ފުރަތަމަ ފަހަރަށް އަންހެން އެސްޓްރޮނޯޓުން ބައިވެރިކުރާނެ ޕްރޮގްރާމެކެވެ. އަދި މީގެ އެންމެ ހާއްސަ އެއް ކަމަކީ ހަނދާ ގުޅޭ ދިރާސާތަކާއި އެކި މަސައްކަތްތަކަށް "ހަނދުގެ ވަށައިގެން" ޖައްވީ ސްޓޭޝަނެއް ގާއިމުކުރުމެވެ. އެއަށް ދީފައިވާ ނަމަކީ "ލޫނާ ގޭޓްވޭ" އެވެ. އެތަނަކީ ހަނދަށް ދިއުމުމުގެ ކުރިންނާއި ހަނދުން ދުނިޔެ އަށް އަލުން އައުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ ކަންކަން ވެސް ހިނގާނެ ތަނެވެ.

ނާސާ އިން ބުނެފައިވާ ގޮތުގައި "އާޓެމިސް" ޕްރޮފްރާމަށް މިހާރު ވެސް ދުނިޔޭގެ ބައެއް އެހެން ސަރަހައްދުތަކުގެ ބައިވެރިވުން ލިބިފައިވެ އެވެ. އޭގެތެރޭގައި ކެނެޑާ އާއި ޔޫރަޕްގެ އެޖެންސީތައް ހިމެނެ އެވެ. ނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ "އާޓެމިސް" ގެ ބޮޑެތި މަސައްކަތްތަކުގައި ނަގާކިޔާނީ ހަމަ އެމެރިކާ ކަމެވެ. އޭގެ ތެރޭގައި "ލޫނާ ގޭޓްވޭ" އާ ގުޅުން ހުރި ރޮކެޓާއި ކެޕްސޫލާއި ލޭންޑާޒް އާއި މޮޑިއުލްސް ފަދަ މަސައްކަތްތައް ހިމެނެ އެވެ.

މިކަންކަމަށް އިޝާރާތްކުރައްވައި ޑިމިޓްރީ ވަނީ "އާޓެމިސް" ޕްރޮގްރާމަކީ އުސޫލުތަކަށް ތަބާނުވާ ޕްރޮގްރާމެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެެ. ޖައްވީ މިޝަންތަކުގައި އަބަދު ވެސް ބޮޑު ވާދަވެރިކަމެއް ރަޝިއާ އާއި އެމެރިކާއާ ދެމެދު އޮންނަ އިރު، އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އެންމެ ނަގާ ކިޔާ ދެ ގައުމަކީ ވެސް މިއީ އެވެ. އަދި މި އަހަރު ނާސާ އިން ވަނީ 10 އަހަރު ފަހުން ރަޝިއާގެ ބައިވެރިވުމެއް ނެތި ސީދާ އެމެރިކާގެ އުޅަނދުގައި އައިއެސްއެސް އަށް ދަތުރު ވެސް ކުރަން ފަށައިފަ އެވެ.

"އާޓެމިސް" ޕްރޮގްރާމް ނާސާ އިން އިއުލާންކުރި ފަހުން ޑިމިޓްރީ އަންނަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. މިދިޔަ ޖުލައި މަހު ރަޝިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ "އާޓެމިސް" ޕްރޮޖެކްޓަކީ އެމެރިކާ އިން ކުޅޭ ސިޔާސީ ކުޅިވަރެއް ކަމަށެވެ. އަދި އެ ޕްރޮގްރާމަކީ އެމެރިކާ އިން ބުނާ ގޮތަށް ބައިނަލްއަގްވާމީ ބައިވެރިވުން އޮތް ކަމެއްގެ ގޮތުގައި ދައްކަން އުޅުނަސް އެކަން ހިނގާ ގޮތަކީ ނޭޓޯގައި އެމެރިކާގެ ނުފޫޒު އޮންނަ ގޮތަށް ކަމަށް ޑިމިޓްރީ ވިދާޅުވި އެވެ.

"އެހެންވެ އެގޮތަށް ހިނގާ ޕްރޮޖެކްޓެއްގައި ރަޝިއާ ބައިވެރިއެއް ނުވާނެ. އަދި އެކަމަށް ޝައުގުވެރިކަމެއް ވެސް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ. "އެމެރިކާ އިން އަސްލު ބޭނުންވާ ގޮތަކީ މޫން މިޝަންގައި އެ މީހުންގެ ބާރުގަދަކޮށް، އެހެން މީހުންނަށް އޭގައި ބައިވެރިވެވެން އޮތީ އަގެއް ދައްކައިގެންނާއި ހަމައެކަނި އަތްގާތްކޮށްދޭ ބަޔަކަށް ވެގެން ދައްކުވައި ދިނުން."

ޑިމިޓްރީ ވިދާޅުވި ގޮތުގައި ހަނދަށް ދިއުމަކީ އެ ގައުމުން ވެސް ބޭނުންވާ ކަމެކެވެ. އަދި އެކަމަށް މަސައްކަތްކުރާބެ ކަމަށް ވިދާޅުވި އެވެ. އެގޮތުން އެމެރިކާ އިން ހަދަން އުޅޭ ކަހަލަ ސްޓޭޝަނެއް ރަޝިއާ އިން ވެސް ހަނދުގެ ކައިރީގައި ހަދާނެ ކަމަށް ވިދާޅުވި އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454