މަޑޫރޯ.
30 މާޗް 2021 - 08:11
ކޮވިޑް-19އާ ބެހޭ ގޮތުން ސައްހަ ނޫން މައުލޫމާތު ހިއްސާކުރައްވާތީ ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑޫރޯގެ ފޭސްބުކް ޕޭޖް ވަގުތީ ގޮތުން ބޭނުން ނުކުރެވޭ ގޮތް ހަދައިފި އެވެ.
މިކަމާ ބެހޭ ގޮތުން، މާކް ޒުކަބާގްގެ ފޭސްބުކުން ހޮނިހިރު ދުވަހު ބުނީ ރައީސްގެ ޕޭޖަށް ފިޔަވަޅު އަޅަން މަޖުބޫރުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ކޮވިޑް-19އާ ބެހޭ ގޮތުން ކަށަވަރުނުކޮށްދޭ މައުލޫމާތުތަކެއް، އެ ބަލީގެ ފަރުވާއެއް ކަމަށް ވިދާޅުވެ ތަކުރާރުކޮށް ހިއްސާކުރައްވާތީ ކަމަށެވެ. މަޑޫރޯ ވިދާޅުވާ ގޮތުގައި ދިޔާ ބޭހެއް ކަމަށްވާ ކާވެޓިވީ އަކީ ކޮވިޑް-19 އިން ފަސޭހަކޮށްދޭ ކަށަވަރު ބޭހެކެވެ. އަދި އެ ބޭހާ ގުޅޭ ސައްހަ ނޫން ވާހަކަތަކެއް މަޑޫރޯ ގެންދެވޭތީ ތަކުރާރުކޮށް ވީޑިއޯތަކުން ވެސް ފޭސްބުކްގައި ހިއްސާކުރަމުންނެވެ.
މިކަމާ ގުޅިގެން ފޭސްބުކުން ބުނީ ކޮވިޑްގެ ކަށަވަދު ފަރުވާއެއް ކަމަށް މަޑޫރޯ ދައްކަވަމުން ގެންދެވީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށާއި މިހާތަނަށް ޑަބްލިއުއެއެޗްއޯ އިން ވެސް ކޮވިޑަށް ވަކި ހާއްސަ ފަރުވާއެއް އޮތްކަން ކަށަވަރުނުކޮށްދޭ ކަމަށެވެ. ކޮވިޑަށް މި ވަގުތު ހޯދިފައި އޮތް ހައްލަކީ ވެކްސިނެވެ.
ވެނުޒުއޭލާގެ ރައީސްގެ ވާހަކަތަކަކީ ފޭސްބުކްގެ އުސޫލާ ވެސް ހިލާފަށް ފަތުރާ ވާހަކަތަކަށްވާތީ އޭނާގެ ޕޭޖް ފްރީޒްކުރީ ކަމަށް ބުންޏެވެ. މީގެ ކުރިިން ވެސް ކޮވިޑް-19 އާއި އެ ބަލީގެ ވެކްސިނާ ބެހޭ ގޮތުން ސައްހަ ނޫން ވާހަކަތައް ފަތުރަމުން ދިޔަ ބައެެއް މީހުންގެ އެކައުންޓްތައް ފޭސްބުކުން ބްލޮކްކޮށްފައިވެ އެވެ.
މަޑޫރޯ އަށް ފޭސްބުކް ބޭނުން ނުކުރެވޭ ގޮތް ހެދި ނަމަވެސް އޭނާގެ އިންސްޓަގްރާމް އެކައުންޓަށް ފިޔަވަޅެއް އަޅައިފައެއް ނުވެ އެވެ. އިންސްޓަގްރާމަކީ ފޭސްބުކްގެ ދަށުން ހިންގާ އެއްޗެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy