ގައުމުތަކުގައި ދަތި ހާލުގައި އުޅޭ މީހުންނަށް ކާނާ ފޯރުކޮށްދޭން ޔޫއީއޭގެ ނައިބު ރައީސް އަދި ބޮޑުވަޒީރު ޝެއިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް މި ރޯދަ މަސް ފެށުމާ އެކު ފެއްޓެވި "100 މިލިއަން މީލްސް" ކެމްޕޭންގެ ތެރެއިން މިހާތަނަށް 216 މިލިއަން މީލް ފޯރުކޮށް ދީފި އެވެ.
އެ ވާހަކަ ޓްވިޓާގައި ހިއްސާކުރައްވައި މުހައްމަދު ވިދާޅުވީ އެ އަދަދަކީ އަމާޒަށް ވުރެ ވެސް ދެ ގުނަ ބޮޑު އަދަދެއް ކަމަށާއި އަމާޒަކީ ރޯދަ މަސް ނިމުނުގެ ކުރިން 30 ގައުމަކަށް ކާނާ ފޯރުކޮށްދެއްވުން ކަމަށެވެ. އޭގެ ތެރޭގައި މެދު އިރުމަތީގެ ވަރަށް ގިނަ ގައުމުތަކުގެ އިތުރުން އެފްރިކާ އަދި އޭޝިއާގެ ގައުމުތައް ވެސް ހިމެނެ އެވެ. އަދި މި ފަހަރު އެހީ ދިން އިރު، ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި އެތައް ބައެއްގެ ދިރިއުޅުން އޮތީ ވަރަށް ދަތި ހާލަތެއްގަ އެވެ.
ގައުމުތަކަށް ކާނާ ފޯރުކޮށް ދިނުމުގައި 385،000 މީހުން ހަރަކާތްތެރިވެފައިވެ އެވެ.
މުހައްމަދުގެ "100 މިލިއަން މީލްސް" އަކީ އޭނާގެ މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް ގްލޯބަލް އިނިޝިއޭޓިވް (އެމްބީއާރްޖީއައި) ގެ ދަށުން ފެއްޓެވި ކެމްޕޭނެކެވެ. މީގެ އެންމެ ބޮޑު މަގުސަދަކީ ބަރަކާތްތެރި ރަމަޟާން މަހުގައި ދަތި ހާލުގައި އުޅޭ މީހުންގެ ހާލަތު ރަނގަޅުކޮށް ދިނުމާއި ބަނޑުހައިނޫހުނަކަން ނައްތައިލަން ކުރެވޭ މަސައްކަތަކަށް އެހީވުމެވެ.
އެމްބީއާރްޖީއައި އިން ބުނެފައިވާ ގޮތުގައި އެތަނުގެ އަމާޒަކީ 2030 އާ ހަމައަށް އަންނަންވާ އިރަށް ދުނިޔޭގައި ހައިހޫނުކަން ނައްތާލައި، ކާނާގެ ކަށަވަރުކަން ދިނުމެވެ.
މުހައްމަދު ވިދާޅުވީ ޔޫއޭއީ އަކީ އަބަދު ވެސް އެހީވުމުގައި ނަމޫނާ ގައުމެއް ކަމަށެވެ. އަދި އެ ގައުމުގެ އެންމެ ރީތި އެއް ސިފައަކީ ވެސް އެއީ ކަމަށާއި މުޅި ދުނިޔެއާ ދޭތެރޭ އެ ގައުމު ދެކެނީ އެއް ގައުމެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.