ސަފީރު ފީޓާ އާއި އަނބިކަނބަލުން.
09 ޖުލައި 2021 - 08:41
ބެލްޖިއަމުން ދެކުނު ކޮރެއާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޕީޓާ ލެޒްކޯޝާގެ އަނބިކަނބަލުންގެ ފަރާތުން ހަރުކަށި އަމަލުތައް ތަކުރާރުވެ، މާރާމާރީ ހިންގަވާތީ ސަފީރު ވީހާ ވެސް އަވަހަކަށް އެނބުރި ގައުމަށް ވަޑައިގަންނަވަން ބެލްޖިއަމްގެ ފޮރިން މިނިސްޓްރީން މި ހަފުތާގައި އަންގައިފި އެވެ.
މީޑިއާތަކުން ބުނި ގޮތުގައި ސަފީރުކަމުގެ ދައުރު ކުރުކޮށްލައްވައި އެނބުރި ވަޑައިގަންނަވަން އެންގީ ޗައިނާގެ ބެއިޖިން އަށް އުފަން އަނބިކަނބަލުން ޒިއަންގް ޒިއުގީގެ ފަރާތުން މި އަހަރުގެ ތެރޭގައި ފެންމަތިވި ދެ ހާދިސާއަކާ ގުޅިގެންނެވެ.
އެގޮތުން މި މަހުގެ 5 ވަނަ ދުވަހު އޭނާ ޕާކެއްގެ ތެރޭގައި އުޅުއްވަނިކޮށް ކުނި ކަހަން އުޅުނު މަސައްކަތު މީހެއްގެ ފިހިގަނޑުން ޒިއަންގްގައި ފައިގައި ޖެހި، ހިނގި އަރާރުމެއްގެ ތެރޭގައި މަސައްކަތު މީހާއާ މާރާމާރީ ހިންގާފައިވެ އެވެ. އަދި މި ހާދިސާގެ ތެރޭގައި މަސައްކަތު މީހާ ޒިއަންގް ކޮއްޕައިލުމުން ވެއްޓި އަނިޔާވެ، ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ވެސް ދޭން ޖެހުނެވެ.
މަސައްކަތު މީހާ އާއި ޒިއަންގްއާ ދެމެދު ހިނގި މާރާމާރީއާ ގުޅިގެން އެ ސަރަހައްދަށް ފުލުހުން ވެސް ދިޔަ އެވެ. އެކަމަކު ދެ މީހުން ވެސް އަމިއްލަ އަށް މައްސަލަ ނިންމައިލީ އެވެ.
މި ހާދިސާގެ ކުރިން ޒިއަންގް ވަނީ މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ޝޮޕިން މޯލެއްގައި އެތަނުގެ ދެ މުވައްޒަފަކަށް ވެސް ހަމަލާދީފަ އެވެ. އެގޮތުން އޭނާ ހެދުންތަކެއް ވަގަށް ނަގަން އުޅޭ ކަމަށް ޝައްކުވެގެން ފާރަލާން ފެށުމުން މުވައްޒަފެއްގެ ކަންކަށިމަތީގައި ޖެހުމަށް ފަހު، އެހެން މުވައްޒަފެއްގެ ބޮލުގައި ޖަހާފައިވެ އެވެ. މި ހާދިސާއާ ގުޅިގެން ޒިއަންގެ މައްސަލަ ފުލުހުންނަށް ވެސް ރިޕޯޓްކުރި އެވެ. އެކަމަކު މައްސަލަ ފަހުން އަނބުރާ ނަގާފައިވެ އެވެ.
މި ދެ ހާދިސާއާ ގުޅިގެން ބެލްޖިއަމްގެ ފޮރިން މިނިސްޓަރު ސޯފީ ވިލެމެޒް ވިދާޅުވީ ވީހާ ވެސް އަވަހަކަށް އެނބުރި ގައުމަށް ވަޑައިގަންނަންވަން ސަފީރަށް މިހާރު އަންގާފައިވާ ކަމަށާއި ދެން އިތުރަށް ސަފީރު ދެކުނު ކޮރެއާގައި ބަހައްޓަން ބޭނުން ނުވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ތަކުރާރުކޮށް ސަފީރުގެ އަނބިކަނބަލުންގެ ފަރާތުން މައްސަލަތައް ދިމާވުމަކީ ވަރަށް ކަންބޮޑުވާ ކަމެކެވެ. ޕީޓާ ދެކުނު ކޮރެއާގެ ސަފީރަކަށް އައްޔަންކުރީ 2018 ގަ އެވެ.
"މިކަމަކާ ހެދި އަހަރެމެން ބޭނުމެއް ނޫން ދެ ގައުމުގެ ގުޅުމަށް އެއްވެސް ބުރުލެއް އަރާކަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ސަފީރުގެ އަނބިކަނބަކުންގެ މައްސަލާގައި ދެކުނު ކޮރެއާގެ ފޮރިން މިނިސްޓްރީން ބުނީ ކަމުގެ ހަގީގަތް އިތުރަށް ސާފުކުރަމުން އަންނަ ކަމަށާއި އެކަމާ ބެހޭ މައުލޫމާތު ފަހުން މީޑިއާތަކަށް ހިއްސާކުރާނެ ކަމަށެވެ.
މިއީ ބެލްޖިއަމާއި ދެކުނު ކޮރެއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 120 ވަނަ އަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy