ގްރީންސްޓްރީޓްސް އަށް ދެ ވަނަ، އީގަލްސް ކަޓައި ޓީސީ ޕްރިމިއާ ލީގަށް

އެސްޓީއޯ މާލޭ ލީގުގައި ކުޅުނު ފަހު މެޗުގައި ހަވީރު ކްލަބް އީގަލްސް އަތުން 1-0 އިން މޮޅުވެގްރީންސްޓްރީޓްސް އިން ލީގުގެ ދެ ވަނަ މަގާމް ކަށަވަރުކުރިއިރު އީގަލްސް ގަދަ ހަތަރަކުން ކަޓައި ގަދަ ހަތަރެއްގެ ފަހު ޖާގަ ޓީސީ ސްޕޯޓްސް ކްލަބަށް ލިބިއްޖެ އެވެ.


ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ގްރީން އިން ދެ ވަނަ ޔަގީންކުރީ 27 ޕޮއިންޓާ އެކު އެވެ. ނިއު ރޭޑިއަންޓާއި މާޒިޔާ އަށް 26 ޕޮއިންޓް ލިބިފައިވާއިރު ދެ ޓީމު މިރޭ ކުޅެ މޮޅުވާ ޓީމަކަށް ޗެމްޕިއަންކަން ލިބޭނެ އެވެ. ބަލިވާ ޓީމަކަށް ލިބޭނީ ތިން ވަނަ އެވެ. އެއްވަރުވެއްޖެ ނަމަ މާޒިޔާ އަށް ޗެމްޕިއަންކަން ލިބި ނިއު ޖެހޭނީ ތިން ވަނައިން ފުއްދާލާށެވެ.

އީގަލްސް ގަދަ ހަތަރަކުން ހިތްދަތި ގޮތަކަށް ކެޓީ ޓީސީއާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް ލަނޑުގެ ތަފާތުން ކުރި ނުލިބުމުންނެވެ. މިދިޔަ އަހަރުގެ ގައުމީ ޗެމްޕިއަން އީގަލްސް އިން މި ބުރުގައި ރަނގަޅު ނަތީޖާތަކެއް ނެރެ ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ފަހު މެޗުން ބަލިވެ ކެޓުމާ އެކު އެ ޓީމުގެ ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ. ހާއްސަކޮށް މިސްރު ޑިފެންޑަރު މަހުމޫދު ސައީދާއި ސްރީ ލަންކާ ގޯލްކީޕަރު ސުޖަން ޕެރޭރާ ވަރަށް ބޮޑު ރުޔެވެ.

ޓީސީއާ އެކު ޕްރިމިއާ ލީގުން ފުރުސަތު ހޯދީ 27 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތް ގްރީންސްޓްރީޓްސް އާއި ދެ ވަނައިގައި 26 ޕޮއިންޓާ އެކު އޮތް މާޒިޔާ އާއި 26 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓެވެ.

އީގަލްސް އާއި ވިކްޓަރީ އާއި ކްލަބް ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީ ގަދަ ހަތަރަކުން ކެޓިއިރު މި ހަތަރު ޓީމަށް ޖެހޭނީ ދެ ވަނަ ޑިވިޝަނުގެ ކްލަބް ޒެފްރޯލާއި ރަނަރަޕް ކުޑަހެންވޭރާ އެކު މާލޭ ލީގު ކޮލިފައިން ކުޅޭށެވެ. އަންނަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުން ޖާގަ ލިބޭނީ ކޮލިފިކޭޝަނުގެ ގަދަ ހަތަރު ޓީމަށެވެ.

އީގަލްސްގެ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ބުނީ މި މެޗުން ބަލިވީ އެ ޓީމުން އަމިއްލަ އަށް ކަމަށާއި މިއީ މެޗު ފަސޭހަކޮށްލުމުގެ ނަތީޖާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ވަރަށް ރަނގަޅު ފުރުސަތެއް އޮތް. އެކަމަކު އަމިއްލަ އަށް މި ނަތީޖާ މި ހޯދީ. ފެށުނީއްސުރެ ގްރީންސްޓްރީޓްސް އަންޑައެސްޓިމޭޓް ކުރުމުގެ ނަތީޖާ މިއީ. މިފަދަ މެޗުތަކަކީ ފަހަތުން އަރައި މޮޅުވާން ވަރަށް އުނދަގޫ މެޗުތަކެއް،" ސާންތީ ބުންޏެވެ.

ގްރީންގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް މެޗަށް ނުކުތްއިރު ވެސް ގަދަ ހަތަރެއް ކަށަވަރުވެފައި އޮތް ނަމަވެސް، މެޗުން މޮޅުވެގެން ދެ ވަނަ ހޯދެން އޮތުމުން އެ ފުރުސަތު ދޫކޮށްލަން ބޭނުންނުވި ކަމަށެވެ.

"އަޅުގަނޑަކީ އަޅުގަނޑު ކުޅުނުއިރު ވެސް ޕްރެކްޓިސް މެޗެއް ވިޔަސް މޮޅުވާން ބޭނުންވާ މީހެއް. އެހެންކަމުން ރޭގެ މެޗާ އެކު އަޅުގަނޑުމެންނަށް ޖާގަ ލިބިފައި އޮތަސް ކުޅުންތެރިން ވަރަށް އެފަޓްލި މި މެޗު ކާމިޔާބުކުރަން. އަނެއްކާ ދެ ވަނަ ލިބެން އޮއްވާ ހަތަރު ވަނަ ހޯދަންވީ ސަބަބެއް ނެތް. މި މަގާމާ އެކު އަޅުގަނޑުމެން ޕްރިމިއާ ލީގާ ކުރިމަތިލާނީ ވަރަށް ބޮޑު އިތުބާރަކާ އެކު،" ސޮބާ ބުންޏެވެ.

އޭނާ ބުނީ މުހިއްމީ ބޮޑެތި ނަންތަކެއް ނޫން ކަމަށާއި މުހިއްމީ ދަނޑުމަތީގައި ކުރާ މަސައްކަތް ކަމަށެވެ. ގްރީންސްޓްރީޓްސް އިން ދައްކައިދިނީ ޑިސިޕްލިންއާ އެކު ރަނގަޅަށް ކުޅެފި ނަމަ އާދައިގެ ކުޅުންތެރިންނާ އެކު ކާމިޔާބު ހޯދޭނެކަން ކަމަށް ސޮބާ ބުންޏެވެ.

ސަސްޕެންޝަނުގެ ސަބަބުން ޔޫކްރޭން މިޑްފީލްޑަރު ސޮބުލް އިލިއާ އާއި މުހައްމަދު ސާއިފާއި މުހައްމަދު ޝައްފާޒް (ސައްޕޭ) ނެތި ކުޅުނު ގްރީން އިން ވަނީ މެޗުގެ ހަތަރު ވަނަ މިނެޓުގައި އަހުމަދު ނިޒާމްގެ ލަނޑުން ލީޑު ނަގައިފަ އެވެ. މި ލަނޑާ އެކު އީގަލްސް ވަރަށް ބޮޑު ހާސްކަމެއްގެ ތެރެއަށް ވެއްޓުނެވެ. އެ ޓީމަށް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުން ހިފޭ ގޮތެއް ނުވި އެވެ.

އެގޮތުން 22 ވަނަ މިނެޓުގައި މުހައްމަދު ނާއިމްގެ ހަމަލާއެއް ގޯލް ދަނޑިއަށް އަމާޒުވިއިރު 38 ވަނަ މިނެޓުގައި ބްރެޒިލް ފޯވާޑް އެޑަސަން ހުސްކޮށް ހުރެ އޭރިއާ ތެރެއިން ޖެހި ބޯޅަ، ގްރީންގެ ޖަޕާން ގޯލްކީޕަރު ޔުން ކުޗީ މަތަކުރި އެވެ. އަދި އޭގެ މިނެޓެއް ފަހުން އޭރިއާ ތެރެއިން ނާއިމް ކީޕަރު ބޯމަތިން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

ދެ ވަނަ ހާފު ފަށައިގެން 54 ވަނަ މިނެޓުގައި އީގަލްސްގެ ހުސެއިން ސިފާއު ޔޫސުފަށް މުޅިން ހުސް ފުރުސަތެއް ލިބުނެވެ. އަހުމަދު ޒާދު ދިން ބޯޅަ އޭރިއާ ތެރެއިން މުޅިން ހުސްކޮށް ލިބުނު ބޯޅަ ގޯލަށް ވައްދާލެވެ ގޮތެއް ނުވި އެވެ. މެޗުގެ 78 ވަނަ މިނެޓުގައި އީގަލްސްގެ އަހުމަދު ރިޒްވާން (ރިޒޭ) ހިލޭ ޖެހުމަކުން ވެސް ގްރީންގެ ގޯލަށް ނުރައްކާތެރި ބޯޅައެއް ފޮނުވާލި އެވެ. އަދި 90 ވަނަ މިނެޓުގައި ސިފާއު އަށް އަނެއްކާ ވެސް ހުސް ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅަ އޭނާ ޖަހަޖަހާ އޮއްވާ، ގްރީންގެ ކީޕަރު އެ ބޯޅަ ނެގި އެވެ.