މާޒިޔާ ދަސްވެފައިވުމުގެ ފައިދާ ސުޒޭނަށް ނެގިދާނެތަ؟

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު މާޒިޔާއާ ދެކޮޅަށް ނުކުންނައިރު އެ ޓީމު އެނގުމަކީ އެޑްވާންޓޭޖެއް ކަމަށާއި އެކަމަކު އެއީ އެ ޓީމު ބަލިކުރެވޭނެ ސަބަބެއް ނޫން ކަމަށް ތިނަދޫގެ ކޯޗު އަދި ކުރިން މާޒިޔާ އަށް އިރުޝާދުދީފައިވާ އަލީ ސުޒޭން ބުނެފި އެވެ.


"މާޒިޔާ އެނގުމަކީ އެޑްވާންޓޭޖެއް. އެކަމަކު ކޮންމެ މެޗެއް ތަފާތު ވާނެ. ކުޅުންތެރިޔާ ކުޅޭލެއް ތަފާތު ވެދާނެ ކޮންމެ މެޗެއްގައި ވެސް. މާޒިޔާ ރަނގަޅަށް އެނގުން އެއީ އެޑްވާންޓޭޖެއް. އެކަމަކު އެ ފައިދާ ނެގޭނީ ތިނަދޫ އިން ވެސް ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފައިގެން. ކުރީ މެޗުގައި ވެސް ހުސް ގޯލަށް ޖަހަން ތިން ހަތަރު ފުރުސަތު ލިބި ބޭނުންނުކުރެވުމުން އޭގެ ސަބަބުން ޕޮއިންޓްތަކެއް ގެއްލިގެން ދިޔައީ،" މާޒިޔާ އަށް މިދިޔަ ސީޒަނުގައި ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ސުޒޭން ބުންޏެވެ.

އޭނާ ބުނީ "ދިވެހިރާއްޖެ އާއި ހަނދާ ދެމެދު ހުންނަ ދުރުމިނާއި ހަނދަށް ދެވޭނެ ގޮތާއި ދެވޭނެ ވަސީލަތްތައް ވެސް އެނގޭ" ކަމަށާއި އެކަމަކު އޭގެ މާނައަކީ ހަނދަން ދެވުން ނޫން ކަމަށެވެ.

ސުޒޭން ބުނީ މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ނެތުމަކީ ތިނަދޫ އަށް ލިބޭނެ ފައިދާއެއް ކަމަށެވެ. އޭނާ ބުނީ އަސަދުﷲ އަކީ ރާއްޖޭގައި ފަހަކަށް އައިސް ފެނުނު އެންމެ ނުރައްކާތެރި އަދި އެންމެ މަސައްކަތުގެ ރޭޓް ރަނގަޅު ފޯވާޑް ކަމަށާއި އޭނާ ނެތުމަކީ އޭނާ އެ ހުންނަ ޓީމަކަށް ލިބޭނެ ބޮޑު ގެއްލުމަކަށް ވާނެ ކަމަށެވެ.

"ކްރިސްޓިއާނޯ ރޮނާލްޑޯ ފަސް މެޗުގެ ސަސްޕެންޝަނާ އެކު ރެއާލް މެޑްރިޑް އެ ވެއްޓުނީ ސްޕެނިޝް ލީގުގެ ތިން ވަނަ އަށް. ރެއާލް މެޑްރިޑް ފަދަ ޓީމަކަށް އެކަކު މަދުވެގެން އެވަރު ވަންޏާ މާޒިޔާ ކަހަލަ ޓީމަކަށް އަސަދުﷲ ނެތިއްޔާ އަދި ކިހާ އުނދަގޫވާނެ. އޭނާ ހުރުމަށް ވުރެ ނެތުން އެއީ ތިނަދޫ އަށް ވާނެ ފައިދާއެއް،" ސުޒޭން ބުންޏެވެ.

މި މެޗަށް ނުކުންނައިރު ތިނަދޫ އޮތީ 11 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. ގަދަ ހަތަރަކަށް އެ ޓީމު ވާދަކުރާއިރު މި ވަގުތު ހަތަރު ވަނައިގައި 12 ޕޮއިންޓާ އެކު އޮތީ ގްރީންސްޓްރީޓްސް އެވެ. ސުޒޭން ބުނީ ތިނަދޫ އަށް ގަދަ ހަތަރެއްގެ މަގު ބަންދު ނުވާ ކަމަށާއި އެކަމަކު ބައިވަރު މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"އުނދަގޫ ހާލަތެއް މިއީ. އެކަމަކު ނުކުރެވޭނެ ކަމެއް ނޫން ތިނަދޫގައި ތިބި ކުޅުންތެރިންނަށް ބަލާއިރު. ކުރީ މެޗުގައި (ކުޑަހުވަދޫ މެޗު) ގައި އެ ޓީމުން ފުޓްބޯޅައިގެ އާއްމު އުސޫލުން ކަންކަން ކޮށްގެން، މެޗުގެ ތެރޭގައި ލަސްކުރުމާ މިކަންތައް ފެނުނީމާ އެނގިއްޖެ ތިނަދޫ އަކީ ސުޕީރިއާ ޓީމެއްކަން،" ސުޒޭން ބުންޏެވެ.