ކުޅިވަރު / އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް

އީގަލްސް އިން ހަތަރު ވަނަ ފަހަރަށް ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

އީގަލްސްގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ 1-0 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް އީގަލްސް އިން ހަތަރު ވަނަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މިއީ އީގަލްސް އާއި ޓީސީ މި މުބާރާތުގެ ފައިނަލުގައި ބައްދަލުކުރި ދެ ވަނަ ފަހަރެވެ. މި ދެ ޓީމު 2016 ވަަނަ އަހަރު ފައިނަލުގައި ކުޅުނު މެޗުން އީގަލްސް މޮޅުވީ 5-3 އިންނެވެ. މި ފަހަރުގެ މުބާރާތުގެ ފައިނަލަށް މި ދެ ޓީމު ވެސް ދަތުރުކުރީ މެޗަކުން ބަލިނުވެ އެވެ. އީގަލްސް ހުރިހާ މެޗަކުން މޮޅުވިއިރު، ޓީސީ ވަނީ ގްރޫޕް ސްޓޭޖުގައި ވިކްޓަރީއާ އެއްވަރުވެފަ އެވެ.

އީގަލްސް އިން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ 2014، 2016 އަދި 2017 ވަނަ އަހަރު އެވެ. އީގަލްސް އިން މި ފަހަރުގެ މުބާރާތް ކާމިޔާބުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އެވެ. އަދި މި މުބާރާތް 21 އަހަރުން ދަށަށް ހާއްސަކޮށްގެން ބޭއްވި އެންމެ ފަހު ހަތަރު މުބާރާތުގެ ތަށި އުފުލާލީ ވެސް އީގަލްސް އިންނެވެ. މިދިޔަ އަހަރުގެ މުބާރާތް 19 އަހަރުން ދަށަށް ބޭއްވިއިރު، ޗެމްޕިއަންކަން ހޯދީ ގްރީން ސްޓްރީޓްސް އިންނެވެ.

ފައިނަލަށް ނުކުތްއިރު އީގަލްސް އަށް އޮތް އެންމެ ބޮޑު ހިތް ނުތަނަވަސް ކަމަކީ ސެމީ ފައިނަލުގައި އެ ޓީމުގެ އެއް ނަމްބަރު ކީޕަރު ހަސަން އަލީފަށް ރަތް ކާޑު ދެއްކުމުން މި މެޗަށް ސަސްޕެންޑްވެފައިވުމެވެ. އީގަލްސް އިން އަލީފަށް ދެއްކި ރަތް ކާޑު އެޕީލްކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ. ބަދަލުގައި މި މެޗުގައި ކުޅެން އެރި ކީޕަރު ކީޕަރު މުހައްމަދު ސިނާހު ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މެޗުގެ ފުރަތަމަ ހަމަލާ ފޮނުވާލީ އީގަލްސް އިންނެވެ. ހަ ވަނަ މިނިޓްގައި އެ ޓީމުގެ އިސްމާއިލް ވިފާގު (އިއްސެ) އޭރިއާ ބޭރުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ ތިން މިނިޓް ފަހުން ޓީސީގެ އަކުމަލް މުހައްމަދު (އަކޫބެ) ހުސްކޮށްލާފައި ޒަޔާން ނަސީރަށް ޖައްސާލި ބޯޅަ އޭނާ ފައިގައި ރަނގަޅަށް ލައްވާލާ ގޮތެއްނުވި އެވެ.

ޓީސީގެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނުވާލީ މެޗުގެ 17 ވަނަ މިނިޓްގައި އެ ޓީމުގެ އައްޒާމް އަބްދުﷲ (އެޑޫ) އެވެ. އޭރިއާ ތެރެއިން އެޑޫ ޖެހި ބޯޅަ އީގަލްސްގެ ކީޕަރު ސިނާހު ވަނީ މަތަކޮށްފަ އެވެ. އެ ބޯޅަ އީގަލްސްގެ ޑިފެންޑަރުން ތެރެއިން ގޯލަށް އަމާޒުވި ނަމަވެސް ސިނާހު ވަނީ ރަނގަޅު ވަގުތުގައި ހަރަކާތްކޮށް އެ ބޯޅަ ހުއްޓުވައިފަ އެވެ.

އީގަލްސް އިން ލީޑުނެގީ މެޗުގެ 32 ވަނަ މިނިޓްގައި މުހައްމަދު އަޒުމޫން ޖެހި ގޯލުންނެވެ. ކޯނަރަކުން އޭރިއާތެރެއިން ހައިޝަމް ހަސަން ބޮލުން ޖައްސާލި ބޯޅަ ލިބުނީ އޭރިއާތެރޭގައި ހުސްކޮށްހުރި އަޒްމޫނަށެވެ. އޭނާ ވަނީ ފަސޭހަކަމާ އެކު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް މުބާރާތުގައި އީގަލްސް އަށް މުހިއްމު ގޯލުތަކެއް ޖަހައިދިން އަޒްމޫން އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އީގަލްސް އިން ދެ ވަނަ ލަނޑެއް ޖަހަން ޓީސީ ހާފުގެ ތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ކާމިޔާބެއް ނުވި އެވެ. އީގަލްސްގެ އަލީ ޝަމާލް ފޮނުވާލި ބާރު ބޯޅައެއް ޓީސީގެ ކީޕަރު ހަސަން ނިމާހު ވަނީ މަތަކޮށްފަ އެވެ.

އީގަލްސްގެ ހަންނަ (ކ) ގޯލަށް ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ދެ ވަނަ މިނިޓް ތެރޭ އީގަލްސްގެ އަހުމަދު ސަމާހު އޭރިއާ ތެރޭގައި ހުސްކޮށް ހުރެފައި ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. މި ހާފުގައި ޓީސީން ނުކުތީ އެ ޓީމުގެ ވިންގް މުހައްމަދު ޖުމާން ކުޅެން އަރުވައިގެންނެވެ. އެ ޓީމުން މި ހާފުގައި ގިނަ އެޓޭކުތަކެއް ކުރި ނަމަވެސް އޭގެ އެއްވެސް ފުރުސަތެއްގެ ބޭނުމެއް އެންމެ ރަނގަޅަށް ނުހިފުނެވެ. ބަދަލުތަކެއް ގެނެސްގެން ވެސް ލަނޑު ޖަހަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.

މި ހާފުގައި އީގަލްސް އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން އެންމެ ރަނގަޅު ތިން ފުރުސަތުގެ ތެރެއިން ދެ ފުރުސަތު ލިބުނީ އެ ޓީމުގެ ކެޕްޓަން ހަސަން ރާއިފް (ހަންނަ) އަށެވެ. އޭނާ ފޮނުވާލި އެއް ހަމަލާ ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ. އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އާދަމް ފަހުމާން (އެޑަމާ) ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

އީގަލްސް އިން މި ފަހަރުގެ މުބާރާތް ކާމިޔާބުކުރިއިރު ޓީމު ރޭވުމުގައި އެންމެ އިސް ދައުރެއް އަދާކުރީ އެސިސްޓަންޓް ކޯޗު އަދި އިބްރާހިމް ސައީދު (ކަކާ) އެވެ. ކަކާ އަކީ އީގަލްސް ސީނިއާ ޓީމުގައި ވެސް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ ކޯޗެކެވެ.

"މިއީ ހުރިހާ ކުދިން ކުރި މަސައްކަތް. މިއީ ވަރަށް ފަހުރުވެރި ކާމިޔާބެއް. ވަރަށް ހިތްހަމަ ޖެހިފައި މިހުރީ ތައްޔާރީތަކުން ފެށިގެން މިއަދާ ހަމައަށް ވެސް. އަބަދުވެސް އަޅުގަނޑުމެން ގަބޫލުކުރާ ގޮތަކީ ހަމަ ތިބެފައި ޔޫތު ޕްލޭޔަރުންތަކެއް ސީނިއާ ޓީމަށް ފޮނުވުމެއް ނޫން. އީގަލްސް އަކީ ޔޫތު ޕްލޭޔަރުންނަށް އިސްކަންދޭ ޓީމެއް،" ކަކާ ބުންޏެވެ.

އޭނާ ބުނީ ކުރިން މި މުބާރާތް ކާމިޔާބުކުރިއިރު ހުރި ކޯޗުންނާ އެކު މަސައްކަތް ކޮށްފައި މިދިޔަ ދެ އަހަރު ތެރޭގައި އޭނާ މި ޒިންމާނަގައިގެން ކުރި މަސައްކަތުން މި ފަހަރު ނަތީޖާ ފެނިފައިވާ ކަމަށެވެ.

މޮޅު ކުޅުންތެރިންގެ މަގާމު ހޯދި ސައިފުﷲ (ކ)، ހަންނަ (މ) އަދި ޔާން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ވިކްޓަރީ އެވެ. އެންމެ މޮޅު ގޯލްކީޕަރަކީ އެ ޓީމުގެ މާހީ އަބްދުﷲ އެވެ. އެންމެ މޮޅު ކުޅުންތެރިންނަށް ހޮވުނީ އީގަލްސް ހަންނަ އާއި ސައިފުﷲ އިބްރާހިމް އަދި ގްރީން ސްޓްރީޓްސްގެ އަބްދުﷲ ޔާމީން (ޔާން) އެވެ. މޮޅު ކުޅުންތެރިންގެ ތެރޭގައި ފައިނަލުގައި ކުޅުނު ޓީސީގެ ކުޅުންތެރިއަކު ނުހިމެނެ އެވެ.

އެފްއޭއެމުން 2011 ވަނަ އަހަރު ބާއްވަން ފެށި ޔޫތު މުބާރާތް މެދުކެނޑުނީ 2014 ވަނަ އަހަރު ބޭއްވުމަށް ފަހު އެވެ. އަލުން 2016 ވަނަ އަހަރު މި މުބާރާތް ފެށިއިރު މިހާތަނަށް ޗެމްޕިއަންކަން ހޯދާފައިވާ ޓީމުތަކަކީ މާޒިޔާ، ވެލެންސިއާ، ވިކްޓަރީ، ގްރީން ސްޓްރީޓްސް އަދި ކްލަބް އީގަލްސް އެވެ.

އެކާވީސް އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން މި މުބާރާތް ކުރިއަށްގެންގޮސްގެން ގިނަ ކަންތައްތަކެއް ހާސިލްވެފައިވާތީ މިދިޔަ އަހަރު މި މުބާރާތް 19 އަހަރުން ދަށަށް ބަދަލުކުރީ އާ ކުޅުންތެރިންތަކަކަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

އެކަމަކު އަލުން 21 އަހަރުން ދަށަށް މި މުބާރާތް ބަދަލުކުރީ އާ ވިސްނުމެއްގައި ކުރިއަށް ދިއުމަށެވެ. އެއީ އެއް އަހަރު 21 އަހަރުން ދަށަށް، އަނެއް އަހަރު 19 އަހަރުން ދަށަށް ބާއްވާށެވެ. އޭރުން މި އަހަރު ވާދަކުރި ކުޅުންތެރިން އިތުރު ހަރުފަތަކަށް އަރައި އަންނަ އަހަރު ކުޅެން އާ ކުޅުންތެރިންތަކަކަށް ފުރުސަތު ލިބިގެންދާނެތީ އެވެ.

1 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 11%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސިފްޓްކުދިންކޮޅު

20 February 2019

މަރުހަބާ އީޖަލްސް...މަރުހަބާ ކޯޗް ކަކާ އަށް...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454