ފީފާ ރޭންކިންގައި ރާއްޖެ އަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

ފީފާ ވޯލްޑް ރޭންކިންގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު މި ފަހަރު ނުވަ ދަރަޖައިގެ ކުރިއެރުމެއް ހޯދައިފި އެވެ.


ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގައި ހިމެނޭ ގައުމުތަކުގެ ތެރެއިން ރާއްޖެ ދެ ވަނައިގައި އޮތްއިރު، ރާއްޖެ އަކީ މި ފަހަރު މި ސަރަހައްދުން އެންމެ ބޮޑު ކުރިއެރުމެއް ވެސް ހޯދި ގައުމެވެ. ރާއްޖެ އޮތީ ދުނިޔޭގެ 165 ވަނައިގަ އެވެ.

ބައިނަލްއަގްވާމީ މެޗުތަކަށް ބަލައިގެން ރޭންކިންގައި ޕޮއިންޓް ލިބޭއިރު ރާއްޖެ ވަނީ ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި ބަންގްލަދޭޝް އަތުން 5-0 އިން އަދި އޭޝިއަން ކަޕް ކޮލިފައިންގައި ލާއޮސް އަތުން 4-0 އިން މި މަހު މޮޅުވެފަ އެވެ.

މި ސަރަހައްދުން އެއް ވަނައިގައި އޮތީ ހަތަރު ދަރަޖައިގެ ކުރިއެރުމަކާ އެކު އިންޑިއާ އެވެ. އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިންޑިއާ އޮތީ ދުނިޔޭގެ 148 ވަނައިގަ އެވެ. ސަރަހައްދުގެ ތިން ވަނައިގައި އޮތީ ދެ ދަރަޖައިގެ ވެއްޓުމަކާ އެކު ބަންގްލަދޭޝް އެވެ. އެ ޓީމު އޮތީ ދުނިޔޭގެ 185 ވަނައިގަ އެވެ.

ދުނިޔޭގެ 186 ވަނައިގައި އޮތް ނޭޕާލް އޮތީ ދެ ދަރަޖައިގެ ކުރިއެރުމަކާ އެކު ސަރަހައްދުގެ ހަތަރު ވަނައިގަ އެވެ. ފަސް ވަނައިގައި އޮތީ ކުރިން ދުނިޔޭގެ ފުލުގައި އޮތް ބޫޓާނެވެ. އެ ގައުމުން މި ފަހަރު ތިން ދަރަޖައިގެ ކުރިއެރުމެއް ހޯދިއިރު އެއީ ދުނިޔޭގެ 189 ވަނަ ގައުމެވެ.

ސްރީ ލަންކާ އާއި ޕާކިސްތާނަށް ކުރިއެރުމެއް ލިބިފައި ނުވާއިރު ލަންކާ އޮތީ ސަރަހައްދުގެ ހަ ވަނައިގައި ދުނިޔޭގެ 193 ވަނަ މަގާމުގަ އެވެ. ސަރަހައްދުގެ ފުލަށް ޕާކިސްތާން ވެއްޓިފައިވާއިރު، އެ ގައުމު އޮތީ ދުނިޔޭގެ 194 ވަނައިގަ އެވެ.

ކޮންމެ މަހަކު ފީފާ އިން ނެރޭ ރޭންކިންގެ މި ފަހަރު އެއް ވަނަ ހޯދީ އާޖެންޓީނާ އެވެ. ޕޮއިންޓް ލިބިފައިވާ ގައުމުތަކުގެ ތެރެއިން އެންމެ ފުލުގައި އޮތީ 28،000 މީހުން ދިރިއުޅޭ ބްރިޓިޝް ވާޖިން އައިލެންޑްސް އެވެ.