ލީގުގެ ފަހު ބުރު ފަށާއިރު މާޒިޔާ ބޮޑު ލީޑެއްގައި

މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފަހު ބުރުގެ ކުޅުން މިއަދު ފަށާއިރު ލީގުގެ އެއް ވަނައިގައި މާޒިޔާ އޮތީ އަށް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ލީގުގެ ފަހު ބުރުގައި ކޮންމެ ޓީމަކަށް ފަސް މެޗު އޮތްއިރު، ގިނަ ޓީމުތައް އޮތީ މާޒިޔާ އަތުލެވޭނެ ހިސާބެއްގައެއް ނޫނެވެ.


ލީގުގެ ތިން ވަނަ ބުރުގައި ކުޅޭނީ ގަދަ އަށް ޓީމު ކަމަށް ގަވާއިދުގައި ލިޔެފައިވީ ނަމަވެސް އެ ބަދަލުކޮށް ފަހު ބުރުގައި ގަދަ ހަ ޓީމު ކުޅޭގޮތަށް ހެދީ ލީގުގައި ވާދަކުރާ ޓީމުތަކާ ބައްދަލުކުރުމަށް ފަހު އެފްއޭއެމުންނެވެ. އެއީ ކްލަބްތަކަށް މާލީ ގޮތުން ދިމާވެފައިވާ މައްސަލަތަކުގެ ސަބަބުން ސީޒަން ދިގުލައިގެން ދާން ބައެއް ކްލަބްތަކުން ބޭނުންނުވާތީ އެވެ. އަދި ބައެއް ކްލަބްތަކުން ސީޒަން އަވަހަށް ނިންމާލަން ބޭނުންވި އެއް ސަބަބަކީ އެއް ވަަނައިގައި އޮތް މާޒިޔާ އަތުލެވޭނެ ކަމުގެ މާ ބޮޑު ޔަގީންކަމެއް ނެތުމެވެ.

މާޒިޔާ އެއް ވަނައިގައި އޮތީ 41 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އީގަލްސް އޮތީ 33 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި ޓީސީ އޮތީ 28 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތް ގްރީން ސްޓްރީޓްސްގެ އޮތީ 26 ޕޮއިންޓެވެ. ފަސް ވަނައިގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް 21 ޕޮއިންޓާ އެކު އޮތްއިރު، ހަ ވަނައިގައި އޮތް ފޯކައިދޫ އަށް ވަނީ 20 ޕޮއިންޓް ލިބިފަ އެވެ.

ލީގުގައި މިހާތަނަށް މާޒިޔާ ކުޅުނު 16 މެޗުގެ ތެރެއިން އެ ޓީމު ވަނީ 13 މެޗުން މޮޅުވެފަ އެވެ. ދެ މެޗުން އެއްވަރުވިއިރު، ބަލިވީ އެންމެ މެޗަކުންނެވެ. ލީގުގެ ތިން ވަނަ ބުރުގައި ތިން މެޗުން މާޒިޔާ އަތުން ޕޮއިންޓްތަކެއް ގެއްލިގެން ނޫނީ އެ ޓީމަށް ލީގު ގެއްލޭނެ ގޮތެއް ނެތެވެ. ލީގުގެ ދެ ވަނައިގައި އޮތް އީގަލްސް ތިން ވަނަ ބުރުގެ ފަސް މެޗުން މޮޅުވި ނަމަވެސް މާޒިޔާ ޗެމްޕިއަންކަން ހޯދަން ބޭނުންވަނީ ފަސް މެޗުން ނުވަ ޕޮއިންޓެވެ. އޭގެ މާނަ އަކީ ފަހު ބުރުން މަދުވެގެން ތިން މެޗު ނަގައިގެން މާޒިޔާ އަށް ޗެމްޕިއަންކަން ހޯދޭނެ އެވެ.

ލީގުގައި އެންމެ ފަހުން ޓީސީ އަތުން 3-0 އިން މޮޅުވި މެޗަށް ފަހު އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މާޒިޔާ އަތުލުމަށް ވުރެން މި ވަގުތަށް އީގަލްސްގެ އެންމެ ބޮޑު ފޯކަސް އަކީ އަމިއްލަ މަގާމު ދިފާއުކުރުން ކަމަށެވެ.

"މާޒިޔާ ތިން މެޗުން ބަލިވާނެތޯ އެއީ މި ދައްކަން ޖެހޭ ވާހަކަ އަކީ. އެއަށް މިހާރު ނުވިސްނަން މިހާރު މި އޮތް ހިސާބާ މެދު ވިސްނަނީ. އެ ހިސާބުގައި ހިފަހައްޓާލަން ބޭނުންވަނީ ލީގު ނިމޭއިރު ވެސް. އެއީ ވެސް އީގަލްސް އަށް ވަރަށް ބޮޑު ކާމިޔާބަކަށް ވާނެ. އެއީ އީގަލްސް ތާރީހުގައި ވެސް އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ދެވިފައި އޮތް ހިސާބެއް ނޫން. އެކަމަކަށް މި މަސައްކަތްކުރަނީ. އެއީ މުހިއްމު ކަމެއްކަމަށް މި ވަގުތު މި ބަލަނީ،" މޯހަން ބުންޏެވެ.

މާޒިޔާ އިން ޕްރިމިއާ ލީގު ކާމިޔާބުކުރީ 2016 ވަަނަ އަހަރު އެވެ. އޭގެ ފަހުން އެ ޓީމުން ވަނީ މިހާރުގެ ކޯޗު މަރުޖާން ސެކުލޮސްކީގެ ކޯޗުކަމުގައި 2017 ވަނަ އަހަރުގެ މާލޭ ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މާޒިޔާ އިން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޓީމު ވަރުގަދަ ކޮށްފަ އެވެ. އެ ގޮތުން އަފްގާނިސްތާން ގައުމީ ޓީމުގެ ޑިފެންޑަރު ޝާރިފް މުހައްމަދު އާއި ޓީސީ އަށް ކުރިން ކުޅުނު މުހައްމަދު ސާމިރު އަދި އިބްރާހިމް އައިސަމް ވަނީ މާޒިޔާއާ ގުޅިފަ އެވެ. ލީގުގެ ތިން ވަަނަ ބުރުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު މާޒިޔާ ނުކުންނާނީ ފޯކައިދޫއާ ދެކޮޅަށެވެ.