ވޮލީބޯޅައިގެ ފިރިހެން ދެ މުބާރާތުގެ މޮޅު ކުޅުންތެރިން ހޮވައިފި

"މިހާރު އެވޯޑްސް" ގައި ހިމެނޭ 2019 ވަނަ އަހަރުގެ އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިޔާ އާއި ޒުވާން ކުޅުންތެރިޔާ އަށް ގައުމީ ވޮލީބޯޅާ ލީގާއި ގައުމީ ފިރިހެން ވޮލީބޯޅަ މުބާރާތުން ވާދަކުރާ ކުޅުންތެރިން ހޮވައިފި އެވެ.


ގައުމީ ލީގުން އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިޔާ އަށް ވާދަކުރަނީ ދިވެހި ސިފައިންގެ ކްލަބްގެ އާދަމް ނަސީމް (އެޑަމް)، އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އަދި ހުސެއިން ޝާހިދު (ޝާޑު)ގެ އިތުރުން ޕޮލިސް ކްލަބްގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އަލީ ހުޒާމް (ހުޒަންޓެ) އެވެ.

ދިވެހި ސިފައިންގެ ކްލަބުން އެއް ޕޮއިންޓުގެ ތަފާތުން ގައުމީ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، އެ މުބާރާތުގައި ޕޮލިސް އަތުން ކުޅުނު ދެ މެޗުން ވަނީ ބަލިވެފަ އެވެ. އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު އެޑަމް ހޯދިއިރު، ޝާޑު އަކީ އެންމެ މޮޅު ސެޓަރެވެ. އަދި ލޯންގޭ ވަނީ ޗެމްޕިއަންކަން ހޯދުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. ޕޮލިހުގެ ހުޒަންޓެ އާއި ކުޑަކާއްޓެ ވަނީ ގައުމީ ލީގުގެ ޑްރީމް ޓީމުގައި ހިމެނިފަ އެވެ.

އެންމެ މޮޅު ޒުވާން ފިރިހެން ވޮލީބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ގައުމީ ލީގުން ވާދަކުރަނީ ސްޕޯޓްސް ކްލަބް ހޯކްސްގެ އަހުމަދު މުޒްލިފް، ގުޑީސް ސްޕޯޓްސް ކްލަބްގެ ޝަމާއިލް ހުސެއިން، ސްޕޯޓްސް ކްލަބް ސިޓީގެ މުހައްމަދު ޝަމްވީލް އާއި އަބްދުﷲ ޒަޔާން މުފީދުގެ އިތުރުން ސިފައިންގެ އަހުމަދު އަޒީމް (އައްމަޑޭ) އެވެ.

ގައުމީ މުބާރާތުން އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިޔާ އަށް ވާދަކުރަނީ ސިފައިންގެ އެޑަމް، ލޯންގޭ، ޝާޑު އަދި ލިބަރޯ އަހުމަދު ނަބީލްގެ އިތުރުން ޕޮލިހުގެ ކުޑަކާއްޓެ އެވެ. އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމަށް ގައުމީ މުބާރާތުން ވާދަކުރަނީ ސިފައިންގެ އައްމަޑޭ، ގުޑީސްގެ ޝަމާއިލް އަދި ސިޓީގެ ޝަމްވީލް އެވެ.

ގައުމީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އެޑަމް ހޯދިއިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ ލޯންގޭ އެވެ. އެ ޓީމުގެ ސެޓަރު ޝާޑު އާއި ލިބަރޯ ނަބީލް ވަނީ ދެ މެޗުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި މި މުބާރާތުގެ ތިން ވަނަ ސެމީގައި ގުޑީސް އަތުން ޕޮލިސް މޮޅުވި މެޗުގައި ކުޑަކާއްޓެ މޮޅު ކުޅުމެއް ދެއްކި އެވެ.

ވޮލީބޯޅައިގެ މި ދެ އެވޯޑުގެ އިތުރުން ފިރިހެން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ވެސް މިހާރު އެވޯޑްސްގައި ހޮވާނެ އެވެ. އަދި ފުޓްބޯޅައިގެ އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ އަށް ރަން ބޫޓު ދޭނެ އެވެ. މީގެ އިތުރުން ޓޭބަލް ޓެނިސް، އެތުލެޓިކްސް، ބެޑްމިންޓަން އަދި ސްވިމިން އެއްކޮށްލައިގެން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ވެސް ހޮވާނެ އެވެ.

މީގެ އިތުރުން ބައިނަލްއަގްވާމީ މައިދާނުގައި ކާމިޔާބީ ހޯދާ ދިވެހި ކުޅުންތެރިންގެ އަގުވަޒަންކުރުމުގެ އެވޯޑަކާއި ކުޅިވަރަށް ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ފަރާތްތަކަށް ވެސް ހާއްސަ އެވޯޑެއް ދޭނެ އެވެ. އެ އިނާމް ޚާއްސަކުރަނީ ދިވެހި ކުޅިވަރަށް ބައި ގަރުނެއްހާ ދުވަހު ޚިދުމަތްކުރެއްވި މަރްހޫމް މުހައްމަދު ޒާހިރު ނަސީރުގެ ހަނދާނާއި ޝަރަފަށެވެ.