ނާއުއްމީދުގެ ތެރޭގައި ރައްޔިތުން ބައިތިއްބާފައި މަޑުން ނުހުންނާން: ރައީސް

ނާއުއްމީދީ މެސެޖްތަކެއް ސަރުކާރުން ދޭން ރައްޔިތުން ނޭދޭ ކަމަށާއި ނާއުއްމީދުގެ ތެރޭގައި ރައްޔިތުން ބައިތިއްބާފައި މަޑުން ނުހުންނަވާނެ ކަަމަށް ގއ. ގެމަނަފުށީގައި މިރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.


"އަޅުގަނޑަކީ އަބަދުވެސް ހުވަފެން ފެންނަ މީހެއް. އަދި އެ ހުވަފެން ހަގީގަތަކަށް ހެދޭތޯ މަސައްކަތް ކުރާ ހިތްވާ މީހެއް. އަޅުގަނޑަކީ ނާއުއްމީދުގެ ތެރޭގައި ހަށަން ބަނދެލައިގެން ހުންނަން ބޭނުންވާ މީހެއް ނޫން،" މަސްވެރިކަމުގެ ދާއިރާ އިން މި ސަރުކާރުން ކުރިއެރުންތަކެއް ހޯދައިދީފައިވާ ކަން ޔަގީންކޮށްދެއްވަން ރައީސް ވިދާޅުވި އެވެ.

މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ރައީސް ޔާމީން ވަނީ މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި މަސްވެރިކަމުގެ ދާއިރާ އަށް ހޯދައިދީފައިވާ ކުރިއެރުންތަކާއި ކުރިއަށް ހުރި އަމާޒުތަކުގެ މައްޗަށް ވާހަކަފުޅު ދައްކަވައިފަ އެވެ.

އެމަނިކުފާނު ވިދާޅުވީ މަސްވެރިކަމުގެ ދާއިރާ އަށް ކުރިއެރުންތައް ލިބެމުންދާ ކަން މަސްވެރިކަމުގެ ތަފާސްހިސާބުތަކުން ފެންނަން އެބަހުރި ކަމަށެވެ.

ރައީސް ވިދާޅުވީ މަސްވެރިކަމުގެ މެނިފެސްޓޯގައި ކަނޑައެޅި ކަންކަން ނުވާ ކަމަށް ފާޑުކިޔަމުންދާއިރު މަސްވެރިންގެ ކުރިއެރުމާއި ތަރައްގީ އަށް ސަރުކާރުން ކުރާ މަސައްކަތުގެ ވާހަކަ އިދިކޮޅު ފަރާތްތަކުން ނުދައްކާތީ ހައިރާންވެވަޑައިގަންނަވާ ކަމަށެވެ.

އެއް ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ އެންވެރިކަން ރަނގަޅުކޮށް އެންވެރިކަމުގެ އެހެން ވައްތަރެއް ތައާރަފްކުރުމުގެ ބޮޑު މަޝްރޫއު ވެސް ކުރިއަށްދާ ކަމެވެ.

ރައީސް ވިދާޅުވި ގޮތުގައި ތެލުގެ އަގު ބޮޑުވުމަކީ މަސްވެރިންނަށް ދަތިވާނެ ކަމެކެވެ. އެކަމަކު ސަރުކާރަށް ވެސް ތެޔޮގަންނަން ލިބެނީ ބޮޑު އަގުގައި ކަމަށްވާތީ އެކަމުގައި ސަރުކާރަށް ކޮށްދެވޭނެ މާބޮޑު ކަމެއް ނޯންނަ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެހެން ސިނާއަތްތަކަށް ވުރެ ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދެވޭތޯ ވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ހުރިހާ ދުވަހަކު އަޅުގަނޑުމެން އެކަން ކުރަމުން މިއައީ މިފްކޯގެ ތެރެއިން. މިފްކޯއިން ވަރަށް ހިތްވަރުކޮށްފައި މަސައްކަތްކުރި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގައި އެންމެ ގަދީމީ ސިނާއަތުގެ ގޮތުގައި އޮތް މަސްވެރިކަމުގެ ދާއިރާގައި މިފްކޯގައި ބޭނުންކުރި ވަސީލަތްތައް ވެސް ހުރީ ވަރަށް ދަށް ހާލަތުގަ އެވެ. އެ ހުރިހާ ކަންކަމުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުން، ރައީސް ވިދާޅުވި ގޮތުގައި، މިފްކޯ އަށް ވެސް މިހާރު ހެޔޮބަދަލުތައް އަންނަމުންދާ މަންޒަރު ފެންނަމުން އެބަދެ އެވެ.

އެމަނިކުފާނު ވިދާޅުވީ ސައުދީ ފަންޑުގެ އެހީގައި އަންނަ އަހަރު ގާތްގަނޑަކަށް ހަތަރު ކޭނަރީ ގާއިމްކުރާނެ ކަމަށެވެ. އޭގެ ސަބަބުން މަސް ގަތުމަށް މިހާރު ދިމާވާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށާއި އިތުރު އައިސްޕްލާންޓްތައް ވެސް ސަރުކާރުން އުފައްދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިފްކޯ އެންމެ ހަރަކާތްތެރި ވަނީ ފެލިވަރުގައި ކަމަށްވާތީ އެތަނުގައި އެ އޮތީ މަސްވެރިންގެ މެރީނާއެއް ވެސް އުފައްދާފައި،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފަށާފައި މިހިރި މަސައްކަތްތަކަކީ މަސްވެރިންނަށް ފައިދާ ހުރި، އަދި ގެމަނަފުށި ކަހަލަ ރައްޔިތުންތަކަކަށް ފައިދާވާ ކަންތައްތައް ކަމަށް ވަންޏާ މި މަސައްކަތް އުދުހޭ ސްޕީޑުގައި ދިއުމުގެ ޖާގަ އަޅުގަނޑުމެންނަށް ލިބެންޖެހޭ."

އިދިކޮޅު ފަރާތްތަކުން ބޭރު ދުނިޔެއަށް ފަތުރާ ނުބައި ތަސައްވަރުގެ އަސަރު މަސްވެރިކަމުގެ ދާއިރާ އަށް ވެސް ކުރާ ކަމަށް ރައީސް ވިދާޅުވި އެވެ. މިސާލެއް ދައްކަވަމުން ވިދާޅުވީ ބޭރު ގައުމުތަކަށް މަސްއެކްސްޕޯޓްކުރާއިރު ރާއްޖެ އަކީ އިސްލާމީ އުސޫލްތަކުގެ މަތީގައި ދެމިއޮންނާނެ ގައުމެއް ކަމަށް ބުނާތީ އެކަމުގެ އަދަބު ލިބޭ ކަމަށެވެ.

މަސްވެރިންގެ ދުވަހުގެ ޖަލްސާގައި މިރޭ ވަނީ މަސްވެރިކަމުގެ ދާއިރާ އިން ފާހަގަކޮށްލެވޭ ހިދުމަތްކޮށްދޭ މީހުންގެ އަގުވަޒަންކޮށް ހަނދާނީ ފިލާ އަރުވައިފަ އެވެ.