މުލީ ބިން ހިއްކުން ނުނިމި ދިގުލައިގެން ދާތީ ކައުންސިލުން ކަންބޮޑުވެއްޖެ

މ. މުލީ ބިން ހިއްކުމުގެ މަސައްކަތް ނުނިމި ދިގުލައިގެން ދާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުންފާޅުކޮށްފި އެވެ.


ސަރުކާރުން މުލީ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާ އެވެ. އެކަމަކު އެމްޓީސީސީން ވަނީ ސަބް ކޮންޓްރެކްޓް އުސޫލުން މެލޭޝިއާގެ އެވޯޝަން ކުންފުންޏާ އެ މަސައްކަތް ހަވާލުކޮށްފަ އެވެ.

މުލީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ 40 ހެކްޓަރުގެ ބިން ހިއްކަން 99 މިލިއަން ރުފިޔާ ހަރަދުވެ އެވެ. އަދި އެ މަސައްކަތް ކުރާތާ މި މަހުގެ ނިޔަލަށް ދެ އަހަރުވާއިރު، މަސައްކަތް ނިންމަން ކަނޑައަޅާފައި އޮތީ މިދިޔަ މަހަށެވެ. ނަމަވެސް ދެ މަހުގެ މެދުކެނޑުމަކަށްފަހު ފެށި ފަހުން ވެސް ހަލުވިމިނެއްގައި މަސައްކަތް ކުރިއަށް ނުދާ ކަމަށް މުލީ ކައުންސިލުން ބުންޏެވެ.

މުލީ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝާތިރު މިއަދު ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު މަހު މަސައްކަތް އަލުން ފެށީ އާ ޑްރެޖަރެއް ގެނެސްގެން ކަމަށެވެ. ނަމަވެސް ބިން ހިއްކުން ނުނިމި ލަސްވަނީ އަލަށް ގެނައި ޑްރެޖަރުން އެކަށީގެންވާ ވަރަށް އަޑިން ވެލި ނުނެގޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެކަށީގެންވާ ވަރަށް އަޑިން ވެލި ނުނެގޭތީ ލަސްވަނީ، ކުރިން ބޭނުން ކުރި ޑްރެޖަރުގެ ބަދަލުގައި އާ ޑްރެޖަރެއް ގެނައީ ވެސް ގިނަ މަސައްކަތުގެ ސްޕީޑް ލަސްވާތީ،" ޝާތިރު ވިދާޅުވި އެވެ.

މުލީ ބިން ހިއްކުމަށް ވެލި ނަގަނީ އެ ރަށާއި މާޅުވެލި ކިޔާ ފަޅު ރަށާ ދޭތެރޭ އޮންނަ ފަޅު ތެރެއިންނެވެ.

ބިން ހިއްކުމުގެ މަސައްކަތް ހުއްޓުމުގެ ކުރިން 23 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ. އެހެންކަމުން ބާކީ އަދި 17 ހެކްޓަރުގެ ބިން ހިއްކަން ޖެހެ އެވެ.

ޝާތިރު ވިދާޅުވި ގޮތުގައި ބިން ހިއްކުން ނުނިމި ލަސްވާތީ އެ ރަށުގައި ދިރިއުޅޭ ގިނަ ބައެއްގެ ކަންބޮޑުވުންތައް ކައުންސިލާ ހިއްސާ ކުރަމުންދާ ކަމަށެވެ. އެހެންވެ، އެ މައްސަލަ ކަމާ ބެހޭ ފަރާތްތަކާ ހިއްސާ ކުރި ނަމަވެސް، އެކަށީގެންވާ ޖަވާބެއް ދީފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހައުސިން މިނިސްޓްރީއަށާއި އެމްޓީސީސީއާ މި މައުލޫމާތު ހިއްސާ ކުރިން، ލިޔުމަކުން އެއްވެސް ޖަވާބެއް ނުދޭ، އަނގަބަހުން ބުނީ ބަޔަކު ރަށަށް އަންނާނެ ކަމަށް. އެކަމަކު އަދިވެސް އެމީހުން ނާދޭ،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް މިކަމާ ގުޅިގެން ހައުސިން މިނިސްޓްރީއާ އެމްޓީސީސީގެ ބަހެއް ނުލިބުނެވެ.

ބިން ހިއްކުމުގެ މަޝްރޫއު ނިމުމުން މުލީގެ ބިމުގެ ބޮޑުމިން ގާތްގަނޑަކަށް 80 ހެކްޓަރަށް އަރާނެ އެވެ. އާބާދީގައި 1500 އެއްހާ މީހުން ދިރިއުޅެމުން އަންނަ މުލީގައި މިހާރުގެ ބޮޑުމިނަކީ 36 ހެކްޓަރު ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ. މުލީ ބިން ހިއްކަނީ އެރަށުގައި ބިމުގެ ދަތިކަން ކުރިމަތިވެ ރަށަށް އިތުރު ބިން ބޭނުންވާތީ، އެކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުންނެވެ.