އަންނަ އަހަރު ރާއްޖެ ގެންނަ ޓީޗަރުންގެ ފެންވަރު މަތިވާނެ: އެޑިއުކޭޝަން މިނިސްޓްރީ

ބިދޭސީ ޓީޗަރުންގެ ފެންވަރު ދަށްކަމުގެ ޝަކުވާ އަބަދުވެސް ލިބޭ ކަމަށާއި ނަމަވެސް އަންނަ އަހަރު ގެންނަ ޓީޗަރުންގެ ފެންވަރު، ކުރީ އަހަރުތަކަށް ވުރެ މާ ބޮޑަށް ވެސް މަތިވާނެ ކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ދީފި އެވެ.


"މިހާރު" އާ ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއީލް ވިދާޅުވީ 180 ބިދޭސީ ޓީޗަރުން އަންނަ އަހަރަށް ހޯދަންޖެހޭ ކަމަށެވެ. އަދި އެކަމަށްޓަކައި އިންޑިއާގެ ތިން ސަރަހައްދަކަށް އެ މިނިސްޓްރީގެ ޓީމަކުން ޒިޔާރަތްކޮށް ޓީޗަރުންގެ އިންޓަވިއުތައް ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އެހެންކަމުން ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ޓީޗަރުން ރާއްޖެ އަންނާނެ ކަމަށް އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ ޖެނުއަރީ 8 ގަ އެވެ.

އަންނަ އަހަރަށް ސްކޫލުތަކަށް ބޭނުންވާ ބިދޭސީ ޓީޗަރުން ހޯދުމަށް އިއުލާން ކުރުމުން ކުރިމަތިލާފައި ވަނީ ހަމައެކަނި އިންޑިޔާ އިން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަންނަ އަހަރު ރާއްޖެ ގެންނަ ޓީޗަރުންގެ ފެންވަރު ޔަގީނުން ވެސް މަތިވާނެ،" އިބްރާހިމް އިސްމާއިލް

އިބްރާހިމް އިސްމާއިލް ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުތަކުގައި ފެންވަރު ދަށް ޓީޗަރުން ގެނެވިފައިވަނީ، އެމީހުން ރާއްޖެ ގެނައުމުގެ ޕްރޮސެސް ދިޔަ ގޮތުންނެވެ. ނަމަވެސް އަންނަ އަހަރަށް ބޭނުންވާ ޓީޗަރުުން ގެނައުމުގެ މަސައްކަތްތައް ކޮށްފައިވަނީ ވަރަށް ތަރުތީބުން ކަން އޭނާ

ފާހަގަކުރެއްވި އެވެ.

މި އަހަރުގެ ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަމީނިއްޔާ ސްކޫލުގައި ބޭއްވި އެސެމްބްލީގައި ޓީޗަރުންތަކެއް ބައިވެރިވަނީ: ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނީ އަންނަ މަހުގެ އަށެއްގައި.--- ފައިލް ފޮޓޯ: ހުސެން ޝަޔާހު/މިހާރު

"އިންޓަވިއު އިން ފާސްވާ ޓީޗަރުން މި ގެންނަނީ. ކުރީ އަހަރުތަކުގައި އެހެން ނުވެ ހިނގާދާނެ. އެކަމަކު މިހާރު މި ގެންނަ ޓީޗަރުންނަކީ އެކަށީގެންވާ ކިޔަވައިގެން ތިއްބެވި ޓީޗަރުން ވަޑައިގެން އިންޓަވިއުކޮށްފައި، އެމީހުންނަކީ ކިޔަވައިދެވޭނެ ކަމަށް ފެންނަ މީހުން. އަޅުގަނޑުމެން މި ނަގަނީ ސްކޫލުތަކުގައި ކިޔަވައިދެވޭނެ ކަމަށް ރެކްރޫޓް ޕެނަލް އަށް ފެންނަ ބޭފުޅުން،" އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.

"އަންނަ އަހަރު ރާއްޖެ ގެންނަ ޓީޗަރުންގެ ފެންވަރު ޔަގީނުން ވެސް މަތިވާނެ،"

އިބްރާހިމް އިސްމާއިލް ފާހަގަކުރެއްވި ގޮތުގައި ބިދޭސީ ޓީޗަރުން ހޯދަނީ، އެ މާއްދާއެއް ކިޔަވައިދޭނެ ދިވެހި ޓީޗަރުން ނުލިބުމުންނެވެ.

މިއަހަރު ވެސް 2139 ބިދޭސީ ޓީޗަރަކު، ރާއްޖޭގެ 212 ސްކޫލެއްގައި ވަނީ ކިޔަވައިދީފަ އެވެ. ނަމަވެސް ބައެއް ޓީޗަރުން އަމިއްލަ އަށް ކެނޑިގެން އަދި ފެންވަރު ދަށްވުމުގެ އެކި މައްސަލަތަކާ ގުޅިގެން އަނބުރާ ގައުމަށް ފޮނުވާލާފައި ވެ އެވެ.