އަށަކުން މަތީގެ ގްރޭޑުތަކުގައި އާމަންހަޖަށް ކިޔަވައިދިނުން 2018 އަށް ފަސްކޮށްފި

ގްރޭޑް އަށަކުން ފެށިގެން 10އާ ހަމައަށް އާ މަންހަޖަށް ކިޔަވައިދިނުން، 2018 ވަނަ އަހަރަށް އެޑިއުކޭޝަން މިނިސްޓްރީން ފަސްކޮށްލައިފި އެވެ.


ގްރޭޑް އަށެއް ހިމެނެނީ ކީ ސްޓޭޖް ތިނެއްގެ ތެރޭގަ އެވެ. އެހެންކަމުން އަންނަ އަހަރު އަލަށް ކިޔަވައިދޭން ފަށަނީ ކީ ސްޓޭޖް ތިނެއްގައި ހިމެނޭ ގްރޭޑް ހަތެއްގައި އެކަންޏެވެ. މިއާ އެކު ގްރޭޑް 1-7 އަށް ކިޔަވާ ހުރިހާ ދަރިވަރުން ކިޔަވާނީ އާ މަންހަޖަށެވެ.

"މިހާރު" އާ ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް އިސްމާއީލް ވިދާޅުވީ، ގްރޭޑް ހަތަކުން އަށަކަށް ބަދަލުވާ އިރު އާ މަންހަޖަށް ކިޔަވަން ދަރިވަރުންނަށް އުނދަގޫވާނެ ކަމަށެވެ. އެހެންކަމުން ގްރޭޑް އަށަކުން ފެށިގެން 10 އާ ހަމައަށް ކިޔަވާ ދަރިވަރުން އެ މަންހަޖަށް އަމަލުކުރަން ފަށާނީ 2018 ވަނަ އަހަރު ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އަހަރު ހައެއްގައި ކިޔެވި ކުދިން އަންނަ އަހަރު ހަތަކަށް ދާއިރު ހުންނާނީ އާ ކަރިކިއުލަމަށް ހޭނިފައި. އެކަމަކު ހަތެއްގައި ކިޔެވި ކުދިން އަށަކަށް ދާއިރު އާ މަންހަޖަކަށް ހޭނިފައެއް ނޫން ހުންނާނީ. އެހެންވެ ދަރިވަރުންނަށް އުނދަގޫވާނެތީ އަޅުގަނޑުމެން ނިންމީ ގްރޭޑް އަށަކުން ފެށިގެން މަތީ ގްރޭޑުތަކުގައި ކިޔަވާ ދަރިވަރުން އާ މަންހަޖަށް އަމަލުކުރަން ފަށާނީ 2018 ވަނަ އަހަރުގައި ކަމަށް،" އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކީ ސްޓޭޖް ތިނެއްގައި ވެސް މަންހަޖުން ބަދަލުތަކެއް ފެންނާނެ ކަމަށެވެ. އޭގެ ތެރޭގައި ގްރޭޑް ހަތެއްގައި "ބިޒިނަސް ސްޓަޑީޒް" އާއި "ސައިންސް ސްޓަޑީޒް" ތައާރަފްކުރުން ހިމެނެ އެވެ.

ސްޓްރީމްތައް ނަގަން ކުރިން ޖެހޭނީ ގްރޭޑު އަށަކަށް ބަދަލުވާ އިރުގަ އެވެ. ނަމަވެސް އަންނަ އަހަރުން ފެށިގެން ވަކި ސްޓްރީމެއް ޚިޔާރު ކުރަންޖެހޭނީ އަދި ސާނަވީ ބައި ފެށެނީ ވެސް ގްރޭޑު ނުވަޔަކުން ކަމަށް ވުމުން، ސްޓްރީމްތައް ވެސް ނަގަން ފެށޭނީ ނުވަޔަކުން ފެށިގެންނެވެ.

"ބިޒިނަސް އަދި ސައިންސްގެ މާއްދާތައް ކިޔަވައިދޭން މި ފަށަނީ ކުރިން ގްރޭޑް އަށެއްގައި. އެކަމަކު ސްޓްރީމެއް އިހުތިޔާރުކުރުުގެ ކުރިން ދަރިވަރުންނަށް އެނގެން އެބަޖެހޭ އެ ސްޓްރީމްތަކުގެ ބޭސިކް. އޭރުން ކުރި އަށް ދާން ބޭނުންވާ ސްޓްރީމެއް ޗޫސް ކުރަން ފަސޭހަ ވެގެންދާނެ،" އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.

ގާތްގަނޑަކަށް 30 އަހަރަށް ފަހު، ތައުލީމީ އާ މަންހަޖަށް ކިޔަވައިދޭން ފަށާފައިވަނީ 2015 ވަނަ އަހަރު އެވެ. މިިދިޔަ އަހަރު ތަންފީޒުކުރަން ފެށީ ގްރޭޑު އެކަކުން ފެށިގެން ތިނަކާ ހަމަ އަށް ހިމެނޭ ކީ ސްޓޭޖް އެކެކެވެ. އަދި މިއަހަރު ކީ ސްޓޭޖް ދޭއްގައި ހިމެނޭ ގްރޭޑް 4،5،6 ވަނީ އާ މަންހަޖަށް ކިޔަވައިދޭން ފަށައިފަ އެވެ. އަންނަ އަހަރު ކީ ސްޓޭޖް ތިނެއް ފަށާނީ ގްރޭޑް ހަތެއްގައި އެކަންޏެވެ.