އެމްވީކޭގެ ލޯނު ނުދައްކައިފި ނަމަ ދޫގަސް ވިއްކާލުމުގެ ބާރު ބީއޯސީ އަށް ލިބިއްޖެ

އައްޑޫ ގަމުގައި ހުންނަ ދޫގަސް ހިންގުމާ ހަވާލުވުމުގެ މަސައްކަތް އެމްޕީއެލް އިން ކުރަމުން ދަނިކޮށް، އެމްވީކޭ އިން ނެގި ލޯނު ނުދައްކައިފި ނަމަ ދޫގަސް ވިއްކާލުމުގެ ބާރު ބޭންކް އޮފް ސިލޯން (ބީއޯސީ) އަށް ލިބިގެންވާ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.


ދޫގަސް ހިންގައި ތަރައްގީކުރުން އެމްޕީއެލްއާ ހަވާލުކުރަން ސަރުކާރުން ނިންމައި، އެ މަސައްކަތް ކުރަމުން ދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ކޯޓުން އެގޮތަށް ހުކުމްކުރީ ކުރިން އެމްވީކޭ އިން ދޫގަސް ހިންގި އިރު ނަގާފައި އޮތް ލޯނެއްގެ މައްސަލައިގަ އެވެ. އެމްވީކޭ އިން ލޯނު ނަގާފައިވަނީ ޑިސެމްބަރު، 2011 އަދި ފެބްރުއަރީ، 2012 ގަ އެވެ.

ދޫގަސް ރަހުނުކޮށް، އެމްވީކޭ އިން ނެގި 2.7 މިލިއަން ޑޮލަރު (41.6 މިލިއަން ރުފިޔާ) ހަތް މަސް ތެރޭގައި އެމްވީކޭ އިން ނުދައްކައިފި ނަމަ ދޫގަސް ވިއްކާލުން ނުވަތަ ކުއްޔަށް ދިނުމުގެ ބާރު ބީއޯސީ އަށް ލިބިގެންވާ ކަމަށް ކޯޓުގެ ހުކުމުގައިވެ އެވެ.

ދޫގަސްގެ އިތުރުން އެމްވީކޭ އިން ހުޅުމާލެ އިން ކުއްޔަށް ނަގާފައި އޮތް ބިމަކާއި އެ ކުންފުނީގެ ބައެއް މުދާ ވެސް އެ ލޯނަށް އޮތީ ރަހުނު ކޮށްފަ އެވެ. އެހެންވެ، އެ ތަންތަން ވިއްކާލުން ނުވަތަ ކުއްޔަށް ދިނުމުގެ ބާރު ވެސް ކޯޓުގެ ހުކުމުގައި ބީއޯސީ އަށް ވަނީ ދީފަ އެވެ.

ކޯޓުގެ ހުކުމުގައި ފައިސާ ދައްކަން އަންގާފައިވަނީ އެމްވީކޭގެ އިތުރުން އެ ލޯނަށް ގެރެންޓީ ދީފައިވާ އެމްވީކޭގެ ވެރިޔާ އިބްރާހިމް ޝަފީގާއި މ. މާފަންނުއާގޭ ފާތިމަތު ފަރީދާގެ މައްޗަށެވެ.

ލޯނުގެ އެ މައްސަލަ ހިނގަމުން ދަނިކޮށް ދޫގަސް އެމްޕީއެލާ ހަވާލު ކުރަން ސަރުކާރުން ނިންމުމުން، އެކަން ހުއްޓުވަން ވަގުތީ އަމުރެއް ނެރެދޭން ބީއޯސީން ވަނީ ސިވިލް ކޯޓުގައި އެދިފަ އެވެ.