ސްކޫލް ބަދަލުކުރަން ޖެހުމުން، އޯޓިސްޓިކް ދަރިވަރެއްގެ މަންމަ ގޮތް ހުސްވެފައި

އިސްކަންދަރު ސްކޫލުގައި ކިޔަވާ އޯޓިސްޓިކް ދަރިވަރަކު އެހެން ސްކޫލަކަށް ބަދަލު ކުރުމުން، އެ ކުއްޖާއަށް ނަފްސާނީ ގޮތުން އަސަރުކޮށް، ކިޔެވުން ކުރިއަށް ނުގެންދެވިދާނެ ކަމުގެ ބިރު އާއިލާއަށް ކުރިމަތިވެއްޖެ އެވެ.


އިސްކަންދަރު ސްކޫލުން މި އަހަރު ގްރޭޑް ހަތެއް ނިންމައި، އަމީނިއްޔާއަށް ބަދަލުވި ދަރިވަރުގެ މަންމަ، އައިމިނަތު އުލްފާ ބުނީ އެސްޕާގާސް ސިންޑްރޯމްގެ ސަބަބުން އޭނާގެ ދަރިފުޅަކީ އާ މީހުންނާ ބައްދަލުވެ، އާ ތަންތަނަށް ނިކުމެ އުޅެން ފަސްޖެހޭ ކުއްޖެއް ކަމަށެވެ. އަދި އަންނަ އަހަރު އިސްކަންދަރުގެ ގްރޭޑް އަށަކުން ޖާގަ ދޭ ކުދިންގެ ގުރުއަތުގައި ނުހޮވި، އަމީނިއްޔާއަށް ބަދަލުވާން ޖެހުމުން ދަރިފުޅު ރޮއެ، ސްކޫލަށް ދާން ދެކޮޅުހަދަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ބުނާ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ކުޑަކުދިންނަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ. އަދި އެފަދަ ކުދިންގެ ކަންކަން ނިންމުމުގައި އަބަދުވެސް އިސްކަން ދޭން ޖެހޭނީ އެ ކުދިންގެ މަންފާއަށް ކަމަށާއި އެ ނޫން ގޮތަކަށް އަމަލު ކުރުން ގާނޫނުން މަނާކުރެ އެވެ.

ދަރިފުޅުގެ މި ހާލަތު އުލްފާ ވަނީ ގުރުއަތު ލުމުގެ ކުރިން ސްކޫލުގެ ސަމާލުކަމަށް ގެނެސްފަ އެވެ. އެކަމަކު އޭރު ސްކޫލުން ނިންމީ، އޭނާ ބުނި ގޮތުގައި، އެކަން ބެލޭނީ އެޑިއުކޭޝަން މިނިސްޓްރީއަށް ކަމަށެވެ.

އުލްފާ ބުނި ގޮތުގައި ގުރުއަތުން ދަރިފުޅު ނުހޮވުމުން އޭނާ އެ މައްސަލަ ސިޓީއަކުން އެޑިއުކޭޝަނަށް ހުށަހެޅި އެވެ. އެކަމަކު ޖަވާބުގައި މިނިސްޓްރީން ބުނީ އިސްކަންދަރުން ޖާގަ ނުލިބިއްޖެ ނަމަ އަމީނިއްޔާއިން ޖާގަ ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މައްސަލައަކީ އޭނާ ދާ ސްކޫލެއް ނޫން. އެންމެ ކުރިއްސުރެ ރާއްޖޭން ބޭރުގައި އުޅެފައި މީގެ ތިން އަހަރު ކުރިން އިސްކަންދަރަށް ވެއްދި ފަހުން އަދި ކިރިޔާ މި ސްކޫލަށް މި ހޭނުނީ. އެކަމަކު އަނެއްކާވެސް މި އޮތީ ސްކޫލު ބަދަލު ކުރަން ޖެހިފައި،" އުލްފާ ބުންޏެވެ.

އޭނާ ބުނީ ގުރުއަތުން ނުހޮވުނު ހިސާބުން، ދަރިފުޅަށް ނަފުސާނީ މައްސަލަތައް ކުރިމަތިވެ ރުޅިގަދަވެފައިވާ ކަމަށެވެ. އަދި އެކަން ސްކޫލުގެ ކައުންސިލަރުން ވެސް އުލްފާގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށް ބުންޏެވެ.

އެޑިިއުކޭޝަނުން އެދެވޭ ޖަވާބެއް ނުލިބުމުން އޭނާ ދެން އެ މައްސަލަ ހުށަހެޅީ ޑިސްއެބިލިޓީ ކައުންސިލަށާއި ޖެންޑާ މިނިސްޓްރީއަށެވެ. އެކަމަކު މިނިސްޓްރީގެ ސިޓީގެ ޖަވާބު އަދި ނުލިބޭ ކަމަށް އުލްފާ ބުންޏެވެ.

ދަރިފުޅު ސްކޫލަށް ނުދާނެހެން ހީވާތީ އާއި އޯޓިސްޓިކް ކުއްޖަކު ގަދަކަމުން ސްކޫލަށް ފޮނުވަން ބޭނުން ނުވާތީ އޭނާ ދެ ވަނަ ފަހަރަށް އެޑިއުކޭޝަން މިނިސްޓްރީގެ ވެރިންނާ ބައްދަލުކޮށް، އެކަން ހުށަހެޅުމުން އެ މައްސަލަ ބަލާނެ ކަމަށް ބުނެފައިވާ ކަމަށް އުލްފާ ކިޔައިދިނެވެ.

"އެކަމަކު އޭގެ ޖަވާބުގައި ފޮނުވި ސިޓީގައި ވެސް ބުނެފައި އޮތީ އިސްކަންދަރު ސްކޫލުގެ ގްރޭޑް އަށެއްގައި އިތުރަށް ޖާގަ ނެތް ކަމަށް،" އޭނާ ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިފްހާމް ހުސެން ވިދާޅުވީ އެސްޕާގާސް ސިންޑްރޯމް ހުންނަ ކުދިންނަކީ ވަރަށް ހުނަރުވެރި އަދި އުފެއްދުންތެރި ކުދިން ކަމަށް ވިޔަސް، އާ މީހުންނާ ބައްދަލުވެ، އާ ތަންތަނަށް ދާން ޖެހިލުންވާނެ ކަމަށެވެ. އަދި އެފަދަ މާހައުލަށް ކުދިން ހޭނެން ވަގުތު ނަގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޯޓިޒަމް ހުންނަ ކުއްޖަކު ޓަސްލާފައި އެހެން ސްކޫލަކަށް ނުދެވޭނެ. އެހެން ސްކޫލަކަށް ބަދަލުކުރާ ނަމަވެސް އެކަން ކުރަން ޖެހޭނީ ކުރިއާލާ ތައްޔާރުވެގެން، ކުއްޖާ ނަފްސާނީ ގޮތުން ތައްޔާރުވުމަށް ވަގުތު ދީގެން،" އިފްހާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެސްޕާގާސް ސިންޑްރޯމް ކުދިން އާ ތަންތަނަށް ދާން ޖެހިލުންވާނެތީ، އެފަދަ ކުދިން ގެންގުޅެން ޖެހޭނީ އެ ކުދިންނަށް އެންމެ ގެއްލުން ކުޑަ މާހައުލެއްގަ އެވެ. އެހެންކަމުން ނަފްސާނީ ގޮތުން ލިބިދާނެ ގެއްލުން ކުޑަކުރަން، އެ ދަރިވަރު އިސްކަންދަރުގައި މަޑުކުރުވުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

އުލްފާ ބުނީ ސްކޫލު ހުޅުވެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، އެކަމާ ބެހޭ ގޮތުން ކަމާ ބެހޭ އެއްވެސް އިދާރާއަކުން މިހާތަނަށް އެހީތެރިކަން ފޯރުކޮށްދީފައި ނުވާ ކަމަށެވެ. އަދި ވީހާ ވެސް ގެއްލުން ކުޑަ ގޮތަކަށް އެފަދަ ކުދިންނާ މެދު އަމަލްކުރަން ގާނޫނުގައި ބުނެފައި އޮތް ނަމަވެސް، އެ ހައްގު ހޯދަން ދާންވީ ތަން މިހާރު ނޭނގޭ ކަމަށް ވެސް އޭނާ ބުންޏެވެ.