އެމްޑީޕީގެ ވެރިކަމުގައި، ރައީސް އަބްދުﷲ ޔާމީން ބަންދުކުރި މައްސަލައިގައި އޭރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގައި ވަކީލަކު ހަމަޖައްސަން އަމީނަށް ހަތް ދުވަހުގެ ފުރުސަތެއް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، 2010 ގައި ރައީސް ޔާމީން ހައްޔަރުކޮށް، ސިފައިންގެ ބެލުމުގެ ދަށުން ކ. އާރަށުގައި ދުވަސްތަކެއް ވަންދެން ބެހެއްޓި މައްސަލައިގައި އަމީނަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ މިއަދު އޮތީ ފުރަތަމަ އަޑުއެހުމެވެ. އެ މައްސަލައިގެ ޝަރީއަތް ސިއްރު ކުރަން ކޯޓުން ކުރިން ނިންމިޔަސް މިއަދު ޝަރީއަތް ކުރިއަށް ގެންދިޔައީ އާންމުކޮށް ހުޅުވާލައިގެންނެވެ.
ޝަރީއަތް ހިނގާތީ ޕާސްޕޯޓް ހިފަހައްޓާފައިވާ އަމީން ވަނީ އޭނާގެ ބަލި ހާލަތު ހުރި ގޮތުން ރާއްޖެ އިން ބޭރުން ފަރުވާ ހޯދަންޖެހޭ ކަމަށް ވިދާޅުވެ، އެކަމުގެ ހުއްދަ އަށް އެދިފަ އެވެ.
އެ މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވީ އެ ކަމުގައި ގޮތެއް ނިންމާފައި އަންގާނެ ކަމަށެވެ. ދެން އޮންނަ އަޑުއެހުން އަންނަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އޮންނާނެ އެވެ.
ދައުލަތުގެ ދައުވާގައިވާ ގޮތުން އަމީން ވަނީ ޑިފެންސް މިނިސްޓަރަކަށް ހުންނަވައިގެން ރައީސް ޔާމީނަށް ހިމާޔަތް ދޭން ކަމަށް ބުނެ، އެ މަނިކުފާނުގެ ނުރުހުމުގައި އަދި އެ މަނިކުފާނުގެ މިނިވަންކަން ގެއްލޭ ގޮތަށް ސިފައިންގެ ބެލުމުގެ ދަށުން އާރަށުގައި އެމަނިކުފާނު ބަހައްޓައިފަ އެވެ.
އެ ދައުވާ ސާބިތުވެއްޖެ ނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަމީނަށް އަންނާނެ އެވެ.