އެއީ ސިޔާސީ ކަންކަމުގައި އެއް އިރެއްގައި ވަރަށް ގާތް ދެ އެކުވެރިންނެވެ. ސިޔާސީ ގިނަ މަސައްކަތްތަކުގައި އެކި ކަންކަން ކުރެއްވީ ވަރަށް ބޮޑަށް ގުޅިވަޑައިގެންނެވެ. އެކަމަކު، އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ދިއްގަރު ދާއިރާގެ ކުރީގެ މެމްމަބަރު އަހުމަދު ނާޒިމް މިއަދު ބައްދަލުވީ ކްރިމިނަލް ކޯޓުންނެވެ. ގާތްގަނޑަކަށް އަށް އަހަރު ފަހުންނެވެ.
ވ. އާ ރަށް ކުއްޔަށް ދިނުމުގައި ޔާމީން ރިޝްވަތު ނެންނެގި ކަމަށް ބުނެ ދައުލަތުން ކުރާ ދައުވާގައި ޔާމީނާ ދެކޮޅު ހެއްކެއްގެ ގޮތުގައި ދައުލަތުން ނާޒިމްގެ ނަން ހުށަހެޅުމުން ޔާމީނާ ދެކޮޅަށް ހެކިބަސް ދެއްވަން ނާޒިމް ހުންނެވީ ކޯޓުގަ އެވެ. ޝަރީއަތް ކުރިއަށް ގެންދާ ކޯޓު ރޫމުގެ މެދުގައި ހުރި ބެންޗުގައި ޔާމީން އިންނެވި އެވެ. ބެންޗުގައި އެއް ފަރާތުގައި ބަހައްޓާފައި ހުރި މޭޒު ކައިރީގައި ހުންނެވީ ނާޒިމެވެ.
ޝަރީއަތުގައި ދޮގު ނުހައްދަވާނެ ކަމަށް ހަތިމުގައި އަތްލައްވައި ނާޒިމް ހުވާ ކުރެއްވުމާއެކު، އިސް ގާޒީ އަހުމަދު ޝަކީލް އެއްސެވި ސުވާލަކީ ބެންޗުގައި ތިއްބެވި އެއްވެސް ބޭފުޅަކާ މެދު ރުޅިވެރިކަމެއް، ނަފުރަތްތެރިކަމެއް، އަދާވާތްތެރިކަމެއް ނުވަތަ ދެކޮޅުވެރިކަމެއް އެއްވެސް ދުވަސްވަރެއްގައި އޮންނާތޯ އެވެ.
ޖަވާބުގައި ނާޒިމް ވިދާޅުވީ "އެފަދަ އެއްވެސް ކަމެއް ނެތް" ކަަމަށެވެ.
ޔާމީނާއި ނާޒިމްގެ ސިޔާސީ ހަޔާތުގައި ދެ ބޭފުޅުން "ކުނި" ޖެހެން ފެށީ ނޮވެމްބަރު 2013 ގައި ޔާމީން ވެރިކަމަށް ވަޑައިގެން، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނައިބު ރައީސް އަހުމަދު އަދީބާ، ޔާމީން މާ ބޮޑަށް ގާތްވެ، ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ކަންކަން ތިލަވާން މެދުވެރިވި ހިސާބުންނެވެ. އޭރު އޭގެ ބައެއް ކަންކަން ޔާމީނާ ހަމައަށް ގެންގޮސް ދެއްވުމުގައި އިސްކޮށް ހުންނެވި އެއް ބޭފުޅަކީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ނާޒިމް ދެއްކެވި ވާހަކަތަކަށް ބަލާއިރު ވެސް ނާޒިމެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ހިޔާނާތުގެ ފެށުން ކަމަށްވާ އެމްޕީއެލް އަށް އެމްއެމްޕީއާރުސީގެ ޗެކްތަކެއް ދިނުމަށް ފަހު ފަސް މިލިއަން ޑޮލަރު ނެގި މައްސަލަ ޔާމީނާ ހަމައަށް ގެންދެވީ ނާޒިމް ވިދާޅުވިގޮތުގައި ސީދާ އޭނާ އެވެ. އޭޕްރީލް 28، 2014 ގައި ޔާމީނާ ރައީސް އޮފީހުގައި ބައްދަލުކުރައްވައި އެ ވާހަކަ ދެންނެވި ކަމަށް ނާޒިމް މިއަދުގެ ޝަރީއަތުގައި ވިދާޅުވި އެވެ. އަދި އެ ދުވަހު އޭގެ ތަފުސީލު ޑޮކިއުމަންޓްތައް ވެސް ޔާމީނަށް ފޮނުއްވި ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ބައްދަލުކުރަން ދިޔައީ އަޅުގަނޑުގެ މަގާމުގެ ހައިސިއްޔަތުން އަޅުގަނޑަށް ލިބުނު މައުލޫމާތުގެ ގޮތުން އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދަންނަވަން. އަޅުގަނޑަށް ލިބުނު މައުލޫމާތަކީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ފަސް މިލިއަން ޑޮލަރު އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު، ޑޮލަރު ފަހުން ދެއްވާ ގޮތަށް ފަސް މިލިއަންގެ ރުފިޔާ ނަންގަވައިފި ކަމަށް. ދެން އެއާ ގުޅޭ ސަޕޯޓިވް ޑޮކިއުމަންޓްތަކާ އެއްޗެހި ވެސް އަޅުގަނޑަށް ލިބުނު މައުލޫމާތުގެ ތެރޭގައި ހިމެނޭ،" ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސްގެ މަގާމުގައި އޭރު ހުންނެވި ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި އެ ފައިސާ އެމްޕީއެލުން ނެގުމުގެ ބޭނުމަކީ ޔާމީންގެ އިންތިހާބަށް އެކިއެކި ވިޔަފާރިވެރިންގެ އަތުން ޗެކްތައް ބަހައްޓާފައި ނެގި ފައިސާ އަނބުރާ ދެއްކުމެވެ.
"އެމްޕީއެލުން އެ ފައިސާ ނަގައިގެން އަބްދުﷲ ޔާމީންގެ ރިޔާސީ އިންތިހާބުގެ ދަރަނި އަދާކުރަން ފެށީމާ އަޅުގަނޑު ގޮސް އެ ވާހަކަ ދެންނެވީ. އެއީކީ އަޅުގަނޑުގެ ޒަމީރު ގަބޫލުކުރި ކަމެއް ނޫން. ރައްޔިތުންގެ ފައިސާ އިން ރިޔާސީ އިންތިހާބުގެ ދަރަންޏެއް ނުދެއްކޭނެ،" ނާޒިމް ވިދާޅުވި އެވެ.
ޔާމީނާ ހަވާލާ ދެއްވައި ނާޒިމް ވިދާޅުވީ، އަދީބު އެކި ވިޔަފާރިވެރިންގެ އަތުން ފައިސާ ނަންގަވަނީ ޔާމީން ވިދާޅުވެގެން ކަމަށެވެ. ނަމަވެސް އެމްޕީއެލުން ފަސް މިލިއަން ޑޮލަރު ނެގި ކަން އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް އޮފީހުގައި އޮތް ބައްދަލުވުމުގައި ޔާމީން ވިދާޅުވި ކަމަށެވެ.
"އެ ދުވަހު އަޅުގަނޑުގެ ބަސް ގަބޫލު ކުރައްވައި އަޅުއްވަން ޖެހޭ ފިޔަވަޅުތައް އެޅުއްވި ނަމަ އެމްއެމްޕީއާރުސީގެ މުޅި މައްސަލަ 70 މިލިއަން ޑޮލަރުގެ ހިޔާނާތަކަށް ވެގެން ނުދިޔައީސް،" ނާޒިމް ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގައި ނާޒިމް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މޭސްތިރިއަކީ ޔާމީން ކަމަށާއި އެ ހިޔާނާތް ހިންގާކަން ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ނާޒިމް ވިދާޅުވީ އޭނާ ފުރަތަމަ ސަރުކާރުގައި ވަޒީފާ އަދާކުރެއްވީ މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގައި ކަމަށް ވާއިރު، އޭރު ވެސް އެ ތަނުގެ ކަންކަން ނުސީދާކޮށް ބެލެހެއްޓެވީ ޔާމީން ކަމަށެވެ. އަދި އިލެކްޓްރިސިޓީ ބޯޑު 1997 ގައި ސްޓެލްކޯގެ ނަމަށް ބަދަލުވުމުން ވެސް ނާޒިމް ވިދާޅުވިގޮތުގައި އޭނާ މަސައްކަތް ކުރެއްވީ ޔާމީންގެ ދަށުންނެވެ.
އޭރު ސްޓެލްކޯގެ ޗެއާމަނަކަށް ހުންނެވީ ވެސް ޔާމީނެވެ.
އެމްޕީއެލުން އެ ފައިސާ ނަގައިގެން އަބްދުﷲ ޔާމީންގެ ރިޔާސީ އިންތިހާބުގެ ދަރަނި އަދާކުރަން ފެށީމާ އަޅުގަނޑު ގޮސް އެ ވާހަކަ ދެންނެވީ. އެއީކީ އަޅުގަނޑުގެ ޒަމީރު ގަބޫލުކުރި ކަމެއް ނޫން. ރައްޔިތުންގެ ފައިސާ އިން ރިޔާސީ އިންތިހާބުގެ ދަރަންޏެއް ނުދެއްކޭނެ،"--- ނާޒިމް
ނާޒިމް ވިދާޅުވީ، އޭނާ 1999 ގައި ސިޔާސީ ކަންކަމަށް ނުކުމެވަޑައިގެންނެވި ފަހުން 2015 އާ ހަމައަށް ޔާމީންގެ އަރިހުގައި "އެކި މިންވަރަށް" މަސައްކަތް ކުރެއްވި ކަމަށެވެ. އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރަކަށް ޔާމީން ހުންނެވި ދުވަސްވަރު އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ވެސް ހުންނެވި ކަމަށް ނާޒިމް ވިދާޅުވި އެވެ.
ޔާމީންގެ ވެރިކަމުގައި އެންމެ ބޮޑު އަދަބެއް ލިބުނު އެކަކީ ނާޒިމް
ޔާމީންގެ އެންމެ ގާތް އެކުވެރިޔާ ނާޒިމަށް އެންމެ ބޮޑު އަދަބެއް ލިބުނީ ވެސް ޔާމީންގެ ވެރިކަމުގަ އެވެ. އެއީ އޭނާގެ ހިއްސާ އޮތް ނަމީރާ އިންޖިނިއަރިންގެ މުވައްޒަފުން ލައްވައި، އެކި ކުންފުނިތަކުގެ ނަމުގައި އެސްޓިމޭޓްތަކެއް ހުށަހަޅައިގެން ސަރުކާރުގެ ޕްރޮޖެކްޓެއް ކާމިޔާބު ކުރި ކަމަށް ބުނާ މައްސަލައެއްގަ އެވެ.
އެ މައްސަލައިގައި ނާޒިމްގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް 2015 ގައި ސުޕްރީމް ކޯޓުން އިއްވީ އެވެ. އެ ހުކުމާއެކު އޭނާ އޭރު ފުރަމުން އައި ދިއްގަރު ދާއިރާގެ މެމްބަރުކަން ވެސް ގެއްލި ސިޔާސީ ކަންކަމާ މުޅިން ކަހަލަ ގޮތަކަށް ދުރުވާން ޖެހުނީ އެވެ.
ނަމަވެސް ޔާމީންގެ ވެރިކަން ނޮވެމްބަރު 2018 ގައި ބަދަލުވެ، ހަމަ އެ އަހަރުގެ ޑިސެމްބަރު މަހު ސުޕްރީމް ކޯޓުން ވަނީ ނާޒިމްގެ 25 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށްފަ އެވެ. އެ ހުކުމް ރިވިއުކުރަން ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ކުރި ހުކުމުގައިވަނީ ނާޒިމްގެ ފަރާތުން ފާހަގަކުރި އިޖްރާއީ ނުކުތާއަށް ބަލާއިރު، ކުރީގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންނަށް އިއްތިފާގު ވެވިފައިވާތީ އެ ހުކުމް ބާތިލްކުރާ ކަމަށެވެ.
ޔާމީންގެ ވެރިކަމުގައި ބޮޑު އަދަބެއް ލިބުނުއިރު ދެ ބޭފުޅުންގެ ގާތްކަން އޮތީ ކެނޑިފަ އެވެ. އޭގެ ބަދަލުގައި ޔާމީން އެންމެ އިތުބާރު ކުރައްވާ ބޭފުޅަކަށް ވެފައި އޮތީ އަދީބެވެ.
ޔާމީންގެ ވެރިކަމުގައި ނާޒިމަށް ބޮޑު އަދަބެއް ލިބުނު ފަހުން، ދެ ބޭފުޅުންގެ މެދުގައި އެއްވެސް ކަހަލަ ގުޅުމެއް ނެތެވެ. ސިޔާސީ ގޮތުން ވެސް އަދި ރައްޓެހިކަމުގެ ގޮތުން ވެސް ތިބީ ދުރުގަ އެވެ. ޔާމީނާއި ނާޒިމާ އެންމެ ފަހުން ބައްދަލުވީ އެމްޕީއެލްގެ ފަސް މިލިއަން ޑޮލަރުގެ މައްސަލަ ޔާމީނަށް ހުށަހަޅުއްވަން އޭޕްރީލް 28، 2015 ގައި ރައީސް އޮފީހުގަ އެވެ. އޭގެ ފަހުން ދެން މި ފެނުނީ މިއަދު ޔާމީނާ ދެކޮޅަށް ހެކިބަސް ދެއްވަން ކްރިމިނަލް ކޯޓުންނެވެ.