ފޮރިން މިނިސްޓަރު އާސިމް ފުރަތަމަ ފަހަރަށް ޗައިނާ އަށް ވަޑައިގެންފި

ފޮރިން މިނިސްޓަރު މުހައްމަދު އާސިމް ޗައިނާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުގައި އިއްޔެ އެ ގައުމަށް ވަޑައިގެންފި އެވެ.


މިނިސްޓަރު އާސިމަށް ޗައިނާގެ ވެރިރަށް ބެއިޖިންގެ އެއާޕޯޓުން މަރުހަބާ ވިދާޅުވީ ޗައިނާގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ފައިސަލާއި ޗައިނާގެ ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުންނެވެ. މިނިސްޓަރު ވަނީ ޗައިނާގައި ހުންނަ ދިވެހި އެމްބަސީ އަށް ވެސް ވަޑައިގެން، އެ ތަނުގެ އޮފިޝަލުންނާ ބައްދަލުކުރައްވައިފަ އެވެ.

ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މިދިޔަ ޖުލައި 13 ގައި މިނިސްޓަރުކަމާ ހަވާލުވެވަަޑައިގަތުމަށް ފަހު އާސިމް ޗައިނާ އަށް ކުރައްވާ ފުރަތަމަ ދަތުރުގައި، އެ ގައުމުގެ ނައިބު ރައީސް ލީ ޔުއާންޗާއޯ އާއި ފޮރިން މިނިސްޓަރު ވޭންގް ޔީއާ ބައްދަލުކުރައްވާނެ އެވެ. އަދި ޗައިނާގެ ސިލްކް ރޫޓުގެ ދަށުން އުފައްދާފައިވާ އޭޝިއަން އިންފްރަސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އާއި ޗައިނާގެ އެގްޒިމް ބޭންކުގެ އެންމެ އިސް ވެރިޔާއާ ވެސް ބައްދަލުރައްވައި މަޝްވަރާތައް ބާއްވަވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓަރުކަމާ އާސިމް ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ވަޑައިގަތީ އަވަށްޓެރި އިންޑިއާ އަށެވެ. އޭގެ ފަހުން، އދ.ގެ އާއްމު މަޖިލީހަށާއި އެ ނޫން ވެސް ބައިނަލްއަގުވާމީ ބައެއް ޖަމާއަތްތަކުގައި ރާއްޖެ ތަމްސީލު ކުރައްވަން އޭނާ ވަޑައިގެންފައިވާ އިރު، އަންނަ މަހުގެ ތެރޭގައި އަނެއްކާ ވެސް އިންޑިއާ އަށް ދަތުރެއް ކުރައްވަން ވަނީ ހަމަޖެހިފަ އެވެ.

އާސިމް ޗައިނާ އަށް ވަޑައިގެންނެވި އިރު، ރާއްޖެ އާއި ޗައިނާއާ ދެމެދު ހާރިޖީ ގުޅުން ގާއިމް ކުރިތާ މި އަހަރު 45 އަހަރު ފުރޭނެ އެވެ. އެ މުނާސަބަތު ދެ ގައުމުން ގުޅިގެން ފާހަގަކުރާނެ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަން ފޫކާން އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

ފޮރިން މިނިސްޓަރު އާސިމް (ކ) ޗައިނާ އަށް ފުރާވަޑައިގަތުމުގެ ކުރިން، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު (ވ) މިނިސްޓަރާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ފޮރިން މިނިސްޓަރު

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތީއްސުރެ ރާއްޖޭން އަންނަނީ ޗައިނާއާ އެކު ވަރަށް ބޮޑަށް ގުޅުން ބަދަހިކުރަމުންނެވެ. އެ ގޮތުން، ސަރުކާރުން ހިންގާ ބޮޑެތި ހުރިހާ މަޝްރޫއުތަކަކަށްހެން ޗައިނާ އިން ލޯނު ދީފައިވާ އިރު، ހާރިޖީ ސިޔާސަތު ވެސް ވަނީ ޗައިނާ އަށް ފަހިވާ ގޮތަށް އަނބުރާލައިފަ އެވެ.