ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ހެލްތުގެ ސްޓޭޓް މިނިސްޓަރަކަށް، ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަންކުރެއްވި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
ދުންޔާ ކުރެއްވި ޓްވީޓެއްގައި ވަނީ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު އޭނާ ގަބޫލު ކުރައްވާފައިވާ ކަމަށާއި ކުރި އަށް އޮތް ތަނުގައި ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށެވެ.
މި ސަރުކާރުގެ ފޮރިން މިިނިސްޓަރަކަށް ހުންނެވުމަށް ފަހު މިދިޔަ އަހަރުގެ ތެރޭގައި ދުންޔާ އެ މަގާމުން އިސްތިއުފާ ދެއްވީ ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމާ މެދު ހިޔާލު ތަފާތުވެގެންނެވެ.
ސްޓޭޓް މިނިސްޓަރަކަށް ދުންޔާ މިއަދު އައްޔަން ކުރެއްވި އިރު، ދުންޔާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް ޔާމީނާ ދެމެދު ހިޔާލު ތަފާތުވުން އުފެދި، ޕީޕީއެމް އޮތީ ދެ ބައި ވެފަ އެވެ. އަދި ދުންޔާ އަލުން ސަރުކާރާ ގުޅިވަޑައިގަތުމަށް ތާއީދު ނުކުރައްވާ ކަމަށް މައުމޫން ވަނީ މިއަދު ވިދާޅުވެފަ އެވެ.
ރައީސް ޔާމީނާއި މައުމޫނާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި މައުމޫން ވަނީ މި ސަރުކާރަށް އެ މަނިކުފާނު ކުރެއްވި ތާއީދު އަނބުރާ ގެންދަވައި، ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
ޕީޕީއެމްގެ ރައީސްކަން ވެސް ކުރައްވާ މައުމޫންގެ ހަތަރު ބޭފުޅުންގެ ތެރެއިން ގައްސާން މައުމޫން އަދިވެސް ހުންނަވަނީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރަކަށެވެ. މައުމޫނާއި ރައީސް ޔާމީނާ ދެމެދު އެންމެ ހިޔާލު ތަފާތުވުން ބޮޑުވި އިރު ވެސް ގައްސާން ހުންނެވީ އެ މަގާމުގަ އެވެ. އެކަމަކު، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރުކަން ކުރައްވާ ފާރިސް މައުމޫނާއި ޔުމްނާ މައުމޫން ގެންދަވަނީ އަދިވެސް ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.