ރަބަރޭގެ ގާތިލަށް ދެ ފަހަރެއްގެ މަތިން ފައިސާ ދިން: ދައުލަތް

ސްރީލަންކާގައި މަރައިލި ހުސައިން ރަޒީން (ރަބަރޭ) މަރާލަން ފައިސާ ހޭދަ ކުރި މީހާ، ރަބަރޭގެ ގާތިލަށް ދެ ފަހަރެއްގެ މަތިން ފައިސާ ފޮނުވި ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.


ނޮވެމްބަރު، 2015 ގައި ރަބަރޭ މަރައިލުމަށް ފަހު ލަންކާގެ ސަރަހައްދަކަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ ރ. ކަނދޮޅުދޫ ފީރޯޒުގޭ އިބްރާހިމް އަބްދުއްރަހުމާންގެ މައްޗަށެވެ. ދައުލަތުން ތުހުމަތު ކުރަނީ އޭނާ އަކީ ރަބަރޭ މަރާލަން ޚަރަދުކުރި މީހާ ކަމަށެވެ. އަދި ރަބަރޭ މަރައިލީ ބިލާލް މުހައްމަދު ކިޔާ ދިވެއްސަކު ކަމަށް ވެސް ދައުލަތުގެ ދައުވާގައިވެ އެވެ.

އަބްދުއްރަހުމާންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފެށުމާ އެކު ދައުލަތުން އިއްވި ދައުވާގައިވާ ގޮތުން ތޫނު އެއްޗަކުން ހަމަލާދީ ރަބަރޭ މަރައިލުމުގެ ކުރިން އަބްދުއްރަހުމާން ވަނީ ބިލާލް ކިޔާ މީހާއާ ބައްދަލުކޮށް އެކަމަށް ފައިސާ ދީފަ އެވެ. އަދި ބިލާލް ގެންގުޅުނު ވޭނެއްގެ ތެރޭގައި ރަބަރޭ މަރައިލުމަށް ފަހު ރަބަރޭގެ ފޮޓޯ އަބްދުއްރަހުމާނަށް ބިލާލް ފޮނުވި ކަމަށާއި ފޮޓޯ ފޮނުވުމުން އޭނާ އިތުރަށް ބިލާލަށް ފައިސާ ފޮނުވި ކަމަށް ދައުވާގައިވެ އެވެ. އެކަމަކު ފޮނުވި ފައިސާގެ އަދަދެއް ދައުވާގައެއް ނެތެވެ.

އަބްދުއްރަހުމާންގެ މައްޗަށް ދެ ދައުވާއެއް ދައުލަތުން ކުރެ އެވެ. އެއީ އެނގި ހުރެ މަރެއް ފޮރުވުމުގެ ދައުވާ އާއި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

ދައުވާ އިއްވުމުން އަބްދުއްރަހުމާން ބުނީ ދައުވާ ސާފުވެއްޖެ ކަމަށާއި ބޭނުންވަނީ ވަކީލަކު ހަމަޖައްސަން ކަމަށެވެ. އެހެންވެ 15 ދުވަސް އެކަމަށް ކޯޓުން ވަނީ ދީފަ އެވެ.

މިހާރު ގޭ ބަންދުގައި ހުރި އަބްދުއްރަހުމާން ޝަރީއަތް ނިމެންދެން ފުލުހުންގެ ބަންދަށް ބަދަލުކުރަން އަމުރު ކޮށްދޭން ދައުލަތުން އެދުނެވެ. އެކަމަކު މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ނިންމެވީ ޝަރީއަތް ނިމެންދެން ގޭ ބަންދުގައި އޭނާ ބެހެއްޓުމަށެވެ. އަދި އެކަމުގައި އިތުރު ގޮތެއް ނިންމާނީ ދެން އޮންނަ އަޑުއެހުމެއްގައި ކަމަށް ގާޒީ ޝަކީލް ވިދާޅުވި އެވެ.

ރަބަރޭގެ މަރާ ގުޅިގެން ލަންކާ އިން ބިލާލް ހައްޔަރުކުރި އެވެ. އޭގެ ފަހުން އޭނާ ރާއްޖެ ގެނައި ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެ އެވެ. އެ މައްސަލަ ތަހުގީގު ކުރަން ލަންކާގެ ފުލުހުންނާ ގުޅިގެން ދިވެހި ފުލުހުން ވެސް މަސައްކަތް ކުރި އެވެ.

އެ މައްސަލަ ތަހުގީގުކުރި ލަންކާގެ ފުލުހުން ބުނެފައިވާ ގޮތުގައި ރަބަރޭ މަރައިލީ 140 މިލިއަން ލަންކާ ރުޕީސްއަށެވެ. އަދި އެ ކަން ކުރީ ދިވެހި ވިޔަފާރިއަކު ޚަރަދު ކޮށްގެން ކަމަށާއި ވިޔަފާރިވެރިޔާ ބޭނުންވީ އޭނާގެ ކޮއްކޮގެ މަރުގެ ބަދަލު ހިފަން ކަމަށް ލަންކާ ފުލުހުން އޭރު ބުނެފައިވެ އެވެ.