އަދާލަތާއި އެމްޑީޕީގެ ނިންމުން ތަފާތު: ފައިދާ އާއި ގެއްލުން!

ކުޑަ ޕާޓީއަކުން އިންތިހާބު ބޮއިކޮޓްކޮށްގެން ލިބޭނީ ކޮން ފައިދާއެއް ހެއްޔެވެ؟ މިއީ، އިލެކްޝަންސް ކޮމިޝަނަށް ބޮޑެތި ތުހުމަތުތަކެއްކޮށް، ލޯކަލް ކައުންސިލް އިންތިހާބު އަދާލަތު ޕާޓީން ބޮއިކޮޓްކުރުމުން އެ ޕާޓީ އަށް އަމާޒު ކުރި ފާޑުކިއުމެވެ.


އަދާލަތުގެ ރައްދަކީ މިއެވެ؛ "ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ، ގާނޫނުއަސާސީއާ ހިލާފަށް ހިންގާ ޖަރީމާއެއްގައި ބައިވެރިވުމަކީ ބޭއިންސާފަށް ތާއީދުކުރުމެ"ވެ. އެކަން ކުރަން އެ ޕާޓީން ތައްޔާރެއް ނޫނެވެ.

އަދާލަތުން ކުރިން ނިންމާފައި އޮތީ، އެ ޕާޓީން ކޯލިޝަން ހަދާފައިވާ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްއޯޔޫ)އާ ގުޅިގެން އިންތިހާބަށް ކެންޑިޑޭޓުން ނެރުމަށެވެ. އެކަމަކު އަދާލަތުގެ ވިސްނުން ބަދަލުކޮށް އިންތިހާބުގައި ވާދަނުކުރަން ނިންމި އިރު، އެމްޑީޕީގެ ހިޔާލު މުޅިން ތަފާތެވެ. އެކަމަކު އަދާލަތު ޕާޓީ ނިންމުން ގޯސް ކަމަށް ވެސް އެ ޕާޓީން ނުދެކެ އެވެ.

އަދާލަތު ޕާޓީގެ އިސް ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި ކޯލިޝަންގައި އޮވެ، އެ ޕާޓީން ނިންމީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށެވެ. އެކަމަކު އެ ނިންމުން ނިންމީ، ގައުމާއި ރައްޔިތުންގެ ހައްގުގައި، މުސްތަގުބަލަށް ވިސްނުމަށް ފަހު ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

އަދާލަތު ޕާޓީގެ މި ނިންމުމާ ހެދި އެމްޑީޕީ ތެރޭގައި ވެސް ހިޔާލުތައް ވަނީ ދެކަފި ވެފަ އެވެ. އަދާލަތުގެ ނިންމުމަށް ތާއީދުކޮށް އެއް ބަޔަކު އިންތިހާބުގައި ބައިވެރި ނުވާން ތިބި އިރު އަނެއް ބައެއްގެ ވިސްނުން ހުރީ އިންތިހާބުގައި ބައިވެރިވުމަށެވެ.

"އަދާލަތުން ނިންމީ ހިތްވަރު ގަދަ ނިންމުމެއް. ރައްޔިތުންނަށް ގެއްލުން ބޮޑު މި އިންތިހާބު ބޮއިކޮޓްކުރަންވީ،" އަދާލަތުގެ ނިންމުމަށް ތާއީދުކުރި އެމްޑީީޕީގެ އިސް އެކްޓިވިސްޓަކު ފޭސްބުކްގައި ލިޔެފައިވެ އެވެ.

ރައްޔިތުންނަށް މިނިވަން އިންސާފުވެރި އިންތިހާބެއް ލިބެން އޮތީ ކައުންސިލް އިންތިހާބަށް ކޮށްފައިވާ ގާނޫނާ ހިލާފު ހުރިހާ ކަމަކަށް ނޫނެކޭ ބުނެގެން ކަމަށް އަދާލަތުން ދެކޭ އިރު، އެމްޑީޕީގެ ވިސްނުމަކީ ކިތަންމެ ހަނި ފުރުސަތެއް ލިބުނަސް އިންތިހާބުގައި ވާދަކުރުމެވެ. ޑިމޮކްރަސީގައި އިންތިހާބަކީ އެންމެ މުހިއްމު އަސާސް ކަމަށް ވާއިރު އެ ފުރުސަތު ދޫކޮށްލުން ބުއްދިވެރި ނޫން ކަމަށް އެމްޑީޕީން ބުންޏެވެ.

އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވި ގޮތުގައި ސަރުކާރުން ބޭނުންވާ ހުރިހާ ގޮތަކަށް އިންތިހާބު ގެންދިޔަސް ވޯޓުން ބަލިކުރެވޭނެ އެވެ. އެ ހައްގު އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ވޯޓުލަނީ ލޯ ކުރިމަތީގައި، ވޯޓު ގުނަނީ ލޯ ކުރިމަތީގައި. އެހެންވީމަ މި ހަނި ޖާގައިގެ ތެރޭގައި ވެސް އެންމެން ނިކުމެ ވޯޓުލުން ވަރަށް މުހިއްމު،" އެމްޑީޕީގެ ނައިބު ރައީސް ޝިފާޒް ވިދާޅުވި އެވެ.

އަދާލަތު ޕާޓީން ދެކޭ ގޮތުގައި، ގާނޫނުއަސާސީގައި ބުނާ އިންތިހާބު ރައްޔިތުންނަށް ފޯރުކޮށްދޭން އިލެކްޝަންސް ކޮމިޝަނުން ވަނީ އިހުމާލުވެފަ އެވެ. ފުރަތަމަ އިއުލާންކުރި އިންތިހާބު ބާތިލްކޮށް، އާ އިންތިހާބެއް އިއުލާންކޮށްފައި ވަނީ ގާނޫނީ އިމުން ބޭރުގައި ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

މީގެ ސަބަބަކީ، އެ ޕާޓީން ބުނެފައިވާ ގޮތުގައި، ވެރިކަން ކުރާ ޕީޕީއެމަށް އިންތިހާބު ކާމިޔާބު ކޮށްދިނުމެވެ. އިންތިހާބުގެ މާ ކުރިން، މުއައްސަސާތައް މެދުވެރިކޮށް އިންތިހާބު ކާމިޔާބުކުރާނެ ސިއްރުތަކާއި އުކުޅުތައް އެ ޕާޓީ އަށް އޮތީީ އެނގިފައި ކަމަށް އަދާލަތު ޕާޓީން ބުންޏެވެ.

އެ ޕާޓީގެ އޮފިޝަލަކު ވިދާޅުވީ ހުރިހާ މުއައްސަސާތައް ބޭނުންކޮށްގެން އިންތިހާބުގެ ހައްގު ނިގުޅައިގަނެ، އިންތިހާބުގެ ނަމުގައި ކުރިއަށް ގެންދާ ކަންތައްގަނޑެއްގައި ބައިވެރިވުމަކީ ގާނޫނާ ހިލާފަށް ހިންގާ ކަމަކަށް އެއްބާރުލުން ދިނުން ކަމަށެވެ. މަކަރާއި ހީލަތް ހަދައިގެން ވެސް އިންތިހާބު ކާމިޔާބުކުރަން ކުރެވެން އޮތް ކަމެއް ކުރާނެ ކަން އެނގި ތިބެ، އިންތިހާބުގައި ބައިވެރިވުމަކީ ރައްޔިތުންގެ ހައްގަކަށް އަރައިގަތުން ކަމަށް ވެސް ކަމަށް އެ ޕާޓީން ދެކެ އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރިއަސް އިންތިހާބު ތާރީހު ވެސް ކަނޑައެޅީ ސަރުކާރުންނެވެ. އިންތިހާބާ ގުޅިގެން ފުރިހަމަކުރަން ގާނޫނުގައި ކަނޑައަޅާފައި ހުރި ހުރިހާ ކަމެއް ވެސް ސަރުކާރު ބޭނުންވާ ގޮތަށް ކުރިއަށް ގެންދާއިރު އިންތިހާބުގެ ނަތީޖާ ވެސް ފެންނާނީ އެ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ހާލަތު މިހެން އޮވެ އިންތިހާބުގައި ބައިވެރިވެއްޖެ ނަމަ ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން ވެސް ވަރަށް ނުބައި މެސެޖެއް ބައިނަލްއަގުވާމީ ދުނިޔެ އަށް އެ ދެވެނީ. ހަގީގަތް މުޅިން އޮޅުވާ ލެވެނީ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކައުންސިލް އިންތިހާބުގައި ޕާޓީތައް ބައިވެރިވެގެން ނުކުންނަ ނަތީޖާއާ ހެދި ދިވެހި ރައްޔިތުންގެ ހިތްވަރުގެއްލި، މުޅިން މާޔޫސްވާނެ އެވެ.