ގިނަ އަދަދެއްގެ ޑޮލަރުތަކަކާ އެކު ފުރަން އުޅެނިކޮށް ހައްޔަރުކުރި ބިދޭސީ މީހާ ދޫކޮށްލައިފި

ގިނަ އަދަދެއްގެ ޑޮލަރުތަކަކާއެކު ރާއްޖެ އިން ބޭރަށް ފުރަން އުޅެނިކޮށް ހައްޔަރުކުރި ބިދޭސީ މީހާ ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރު ކުރި ބަނގްލަދޭޝްގެ އެ މީހާ ދޫކޮށްލިޔަސް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ މީހާ ދޫކޮށްލީ ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، އެ މީހާ ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ކޯޓުން ނިންމުމުންނެވެ.

ބިދޭސީ މީހާ ހައްޔަރުކުރީ 86،255 ޑޮލަރު (1.3 މިލިއަން ރުފިޔާ) އާއި 2،400 ޔޫރޯ (38،000 ރުފިޔާ) އާއި 2،400 ދިވެހި ރުފިޔާއާ އެކު ފުރަން އުޅެނިކޮށެވެ. އެކަމަކު އޭނާ ފުރަން އުޅުނީ ކޮން ގައުމަކަށް ކަމެއް ސާފެއް ނުވެ އެވެ. އަދި އަތުލައިގަތް މި ފައިސާތަކަށް ހެދީ ކިހިނެއް ކަމެއް ފުލުހުން ނުބުނެ އެވެ.

މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވާއިދު ބުނާ ގޮތުން 30،000 ޑޮލަރު ނުވަތަ އެ އަށް ވުރެ ގިނަ އަދަދެއްގެ ބޭރު ފައިސާ ރާއްޖެ އެތެރެ ކުރާ ނަމަ ނުވަތަ ރާއްޖެ އިން ބޭރަށް ގެންދާ ނަމަ މޯލްޑިވްސް ކަސްޓަމްސް ސާވިސް އަށް އެކަން ރިޕޯޓް ކުރަން ޖެހެ އެވެ.

މީގެ ކުރިން ވެސް ގިނަ އަދަދެއްގެ ޑޮލަރާ އެކު ފުރަން އުޅެނިކޮށް ބަނގްލަދޭޝްްގެ މީހަކު ހައްޔަރުކުރި ކަމަށް އެނގިފައިވެ އެވެ. އެކަމަކު އޭނާ މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

މަނީ ލޯންޑްރިންގެ ގާނޫނު ބުނާ ގޮތުން އެފަދަ ފައިސާއާ ބެހޭ ގޮތުން ސުވާލު ކުރެވޭ ހިނދު، އެއީ ކިހިނެއް ކޮން ގޮތަކަށް ލިބުނު އެއްޗެއް ކަން ސާބިތުކޮށް ދިނުމަކީ އެ ފައިސާ ގެންގުޅުނު ފަރާތުގެ ޒިންމާއެކެވެ.