ވިލާ އިން ހިންގި ކާޑެއްދޫ އެއާޕޯޓް އަތުލައި މާމިގިލީ އެއާޕޯޓް ޑޮމެސްޓިކް އެއާޕޯޓަކަށް ބަދަލުކޮށްފި

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ އަތުން ގދ. ކާޑެއްދޫ އެއާޕޯޓް އަތުލައި އެ ކުންފުނިން ހިންގާ އދ. މާމިގިލީ އެއާޕޯޓް ޑޮމެސްޓިކް އެއާޕޯޓަކަށް ބަދަލުކޮށްފި އެވެ.


ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް މިރޭ "މިހާރު" އަށް ވިދާޅުވި ގޮތުގައި ކާޑެއްދޫ އެއާޕޯޓް ހިންގަން ވިލާ އެއާއާ އެކު ހަދާފައިވާ އެއްބަސްވުން ވަނީ މިއަދު އުވާލައިފަ އެވެ. އެ ގޮތަށް ނިންމީ، އޭނާ ވިދާޅުވި ގޮތުގައި، އެ އެއާޕޯޓުގެ ބައެއް ކަންކަން ސިވިލް އޭވިއޭޝަންގެ ގަވާއިދުތަކާއި މިންގަނޑުތަކާ ހިލާފަށް ހުރީމަ އެވެ.

ކާޑެއްދޫ އެއާޕޯޓް ވިލާގެ އަތުން ނެގިއިރު، އެ އެއާޕޯޓުގެ އިންސްޕެކްޝަނެއް ސިވިލް އޭވިއޭޝަނުން ވަނީ މިދިޔަ ނޮވެމްބަރު މަހު ހަދައިފަ އެވެ. އެ ކުންފުނީގެ އަތުން އެ އެއާޕޯޓް އަތުލަން އުޅޭ ކަމަށް އޭރުއްސުރެ ވާހަކަ ދެކެވެމުން އަޔަސް، ސިވިލް އޭވިއޭޝަނުން ބުނެފައި ވަނީ އެއީ ރޫޓިން އިންސްޕެކްޝަނެއް ކަމަށާއި ރާއްޖޭގައި ހިންގާ ހުރިހާ އެއާޕޯޓުތަކެއްގެ އިންސްޕެކްޝަން ކޮންމެ އަހަރަކު ވެސް ހަދާ ކަމަށެވެ.

ވިލާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނަމުގައި މާމިގިލީގައި ހިންގާ އެއާޕޯޓް ޑޮމެސްޓިކް އެއާޕޯޓަކަށް ބަދަލުކުރީ، ސާމީ މިރޭ ވިދާޅުވި ގޮތުގައި، އެ އެއާޕޯޓް ހިންގާ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކުންފުނިން އެ ގޮތަށް އެދުމުންނެވެ. ވިލާ އިން ލިޔުމުން އެ ގޮތަށް އެދުމުން، އިންޓަނޭޝަނަލް އެއާޕޯޓެއް ހިންގަން ސިވިލް އޭވިއޭޝަނުން އެ ކުންފުންޏަށް ދޫކޮށްފައިވާ ހުއްދަ މިދިޔަ ޖޫން 1 އިން ފެށިގެން ބާތިލްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންޓަނޭޝަނަލް އެއާޕޯޓެއް ހިންގަން އެ ކުންފުންޏަށް ދިނީ އެ ފަރާތުން ވެސް ވަކި ކަންތައްތަކެއް ކުރާ ގޮތަށް. އެކަމަކު، އެ ފަރާތުން އަންގާފައި ވަނީ އެ ކަންކަން ފުރިހަމަކުރަން ދަތިވާ ކަމަށް،" ސާމީ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމާއި (ކ) އަދި ޕީޕީއެމްގެ ރައީސް މައުމޫން: ސިޔާސީ މައްސަލަތަކެއްގެ ތެރޭގައި، ކާޑެއްދޫ އެއާޕޯޓް އަތުލަން ކުރިން ވެސް ނޯޓިސް ދީފައިވޭ.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ވިލާ އަށް ކާޑެއްދޫ އެއާޕޯޓް ދިނީ ނޮވެމްބަރު 2013 ގަ އެވެ. އެކަމަކު، ސަރުކާރު ކޯލިޝަނުން ވަކިވެ، އިދިކޮޅު އެމްޑީޕީއާ އެކު ގާސިމް މަސައްކަތް ކުރައްވަން ފެއްޓެވުމާ އެކު، ކާޑެއްދޫ އެއާޕޯޓް އަތުލަން ނިންމައި އެ ކަމުގެ ނޯޓިސް އޮގަސްޓް 2014 ގައި ޓޫރިޒަމް މިނިސްޓްރީން ފޮނުވި އެވެ. ވިލާ އިން ކޯޓަށް ދިއުމުން އެ ނޯޓިހަށް އަމަލުކުރުން ފަސްކުރަން ކޯޓުން އަމުރެއް ނެރެފައި ވަނިކޮށް، ސަރުކާރުން ވަނީ ސެޕްޓެމްބަރު 2014 ގައި ކާޑެއްދޫ އެއާޕޯޓް އަލުން ވިލާ އަށް ދީފަ އެވެ.

އެ ދުވަސްވަރު، މާމިގިލީ އެއާޕޯޓް ޑޮމެސްޓިކް އެއާޕޯޓަކަށް ވެސް ބަދަލުކުރި އެވެ. އަދި ވިލާގެ އެހެން ކުންފުނިތަކަކަށް ދޫކޮށްފައިވާ ރަށްތަކެއް ވެސް އަތުލައި، ދައުލަތަށް ނުދައްކާ ހުރި ރަށްރަށުގެ ކުއްޔާއި އެހެނިހެން ފީ އަދި ޖޫރިމަނާ ހިމެނޭ ގޮތަށް ޖުމްލަ 90.4 މިލިއަން ޑޮލަރު (1.4 ބިލިއަން ރުފިޔާ) ދައްކަން އެންގި އެވެ. އަދި އެ ފައިސާ ނުދެއްކުމުން ވިލާގެ އެކައުންޓުތައް ވެސް ފްރީޒް ކުރި އެވެ.

ކާޑެއްދޫ އެއާޕޯޓު އަނބުރާ ވިލާ އަށް ދީ އަދި ކުރިން އެޅި ހަރުކަށި ފިޔަވަޅުތައް އުވާލީ، ސަރުކާރަށް ފާޑު ވިދާޅުވުން ގާސިމް ހުއްޓާލެއްވުމުންނެވެ.

ވެރިކަން ކުރާ ޕީޕީއެމްގެ ތެރޭގައި މިހާރު ޖެހިފައިވާ މައްސަލައިގެ ތެރޭގައި ގާސިމް ވަނީ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފަ އެވެ. އެކަމަކު، އޭނާ ވަނީ ސަރުކާރަށް ފާޑު ވިދާޅުވުން ފަހުން އަނެއްކާ ވެސް ހުއްޓާލައްވައިފަ އެވެ.