އިސްލާމީ ޝަރީއަތުން ގެރެންޓީ ކޮށްދެނީ ފަރުދުންނާއި ޖަމާއަތުގެ ހެވާއިލާބަ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ބާއްވާ ދީނީ އިލްމުވެރިންގެ މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އިސްލާމީ ޝަރީއަތް ހިމާޔަތް ކުރަނީ ހުރިހާ ޒަމާނެއްގައި އަދި ހުރިހާ ތަނެއްގައި މީސްތަކުންނަށް ޝަރުއުކުރެވިފައިވާ އަދި އިންސާނީ ޒަރޫރިއްޔާތު ކަމުގައި ހިމެނޭ ހައްގުތަކާއި ވާޖިބުތައް ކަމަށެވެ.
"އިސްލާމީ ޝަރީއަތުގެ އިލްމުވެރިން މި ހައްގުތަކާއި ވާޖިބުތައް ހިމަނުއްވާފައި ވަނީ އަސާސީ ފަސް މަގްސަދެއްގެ މައްޗަށްކަން ފާހަގަކުރަން. އިސްލާމީ ޝަރީއަތުގެ ދަންނަ ބޭކަލުން ބަޔާން ކުރައްވާފައިވާ ގޮތުގައި އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކަންތައްތަކަކީ އެ ކަންތައްތައް ކުރުން މާތް ﷲ ވަރަށް ބޮޑަށް ހަރާންކުރައްވާފައިވާ ކަންތައްތަކެއް،" އަބްދުﷲ ސައީދު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ އިސްލާމީ ޝަރީއަތުގައި ހައްދު ލާޒިމްވާ ކަންތައްތަކަށް އިސްލާމީ ޝަރީއަތުގައި ބަޔާންވެގެންވާ އުސޫލްތަކާއި ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހައްދުގެ އަދަބު ކަނޑައެޅިފައި ވަނީ ﷲގެ ހައްގުފުޅާއި ހިލާފުވާ އުރެދުންތަކުން ސަލާމަތް ކުރުމަށާއި މުޖުތަމައުގެ މަސްލަހަތު ހިމާޔަތްކުރުމަށް ކަމަށެވެ.
"ބައެއް މުފައްސިރުން ވިދާޅުވާ ގޮތުގައި ހައްދަކީ މާތްﷲ އަޅުތަކުންނަށް ހަލާލު ކުރައްވާފައިވާ ކަންތައްތަކާއި ހަރާން ކުރައްވާފައިވާ ކަންތަތަކުގެ އިންވަކިކޮށްދޭ ހައްދުތައް. އެގޮތުން މާތްﷲ ހަރާން ކުރައްވާފައިވާ ހައްދާއި ނުވަތަ އިމާ ގާތް ނުވުމަށް ކީރިތި ގުރުއާނުގެ ސަރީހަ ނައްސުގައި ބަޔާންވެގެންވޭ،" އަބްދުﷲ ސައީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ޝައްކެތް ނެތް ގޮތުގައި އިސްލާމް ދީނުގެ ދައުވަތަކީ މެދުމިނުގައި ހިފުމާއި ހައްގާއި ހަމަހަމަކާއި އަދުލު ފެތުރުމެވެ. އަދި ފަރުދުންނާއި ޖަމާއަތްތަކުގެ އަސާސީ ހައްގުތަކަށް ރައްކާތެރިވެ އެ ހައްގުތަކަށް އިހުތިރާމްކުރުން ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.