ލޯކަލް އިންތިހާބުގައި ޕީޕީއެމަށް ބޮޑު އަޣުލަބިއްޔަތެއް ހޯދައި ދިނުމަށް ރައީސް އެދިވަޑައިގެންފި

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހުރިހާ ދާއިރާއަކުން ވެސް ޕީޕީއެމަށް ބޮޑު އަޣުލަބިއްޔަތެއް ހޯދައި ދިނުމަށް އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން މިރޭ އެދިވަޑައިގެންފި އެވެ.


މ. މުލަކާއި ދިއްގަރު އަދި މަޑުއްވަރީގެ ބައެއް މީހުން ޕީޕީއެމަށް ސޮއިކުރުމަށް ދަރުބާރުގޭގައި ބޭއްވި ހަފުލާއެއްގައި ރައީސް ޔާމީން ވިދާޅުވީ ލޯކަލް އިންތިހާބުގެ ބޮޑު އަޣުލަބިއްޔަތެއް ސަރުކާރުން ހޯދަން ބޭނުންވަނީ އެއްގޮތަކަށް ވެސް ޕީޕީއެމްގެ ހައިބަތު ބޮޑުކުރުމަށް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ ރަށްރަށުގެ ބިންތައް ހުންނަނީ ކައުންސިލްތަކުގެ ދަށުގައި ކަމަށްވާއިރު، ސަރުކާރުން ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކަށް، އެ ބިންތަކުން ޖާގަ ހޯދައިދޭން ވާނެ ކަަމަށެވެ. އެ ޖާގަ ނުލިބޭ ނަމަ އެ ރަށެއްގެ ރައްޔިތުން ތަނަވަސްކަމާއި ތަރައްގީގެ ކަންކަމުން ބީވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ސަބަބަށްޓަކައި އަޅުގަނޑުމެން ކައުންސިލްތަކުގެ އަޣުލަބިއްޔަތު ބޭނުންވަނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އޭގެ އިތުރަށް އެމަނިކުފާނު ވިދާޅުވި ގޮތުގައި ކައުންސިލްތަކުގެ އަޣުލަބިއްޔަތު ހޯދުމަށް ސަރުކާރުން ބޭނުންވަނީ ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށެވެ. އަދި "އެއީ އެއްގޮތަކަށް ވެސް ގޮނޑިއެއް ހޯދުމުގެ" މަގުސަދުގައި ކުރާ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

"ކައުންސިލް އެހެން ބައެއްގެ އަތުގައި އޮތީމާ، ވަރަށް ރަނގަޅަށް މެޖޯރިޓީ އިދިކޮޅުގައި އޮތް ކައުންސިލްތައް ހުރީމާ، ރަށްރަށުން ބިން ދޫކުރުމާއި އިގުތިސޯދީ މަސައްކަތްތަކަށް، ތަރައްގީގެ މަސައްކަތްތަކަށް އެޅިފައި ހުރި ހުރަސްތައް އަޅުގަނޑުމެން ކޮންމެ މީހަކަށް ވެސް އެނގޭނެ. އެހެންވީމާ ގޮނޑިއެއް ހޯދުމަށް ކުރާ މަސައްކަތެއް ނޫން މިއީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ޕީޕީއެމާ އިތުރު މެމްބަރުން ގުޅޭނީ މިހާރު ތިބި މެމްބަރުން ގެންގުޅޭ ހިޔާލުތަކުގެ މައްޗަށެވެ. ޕާޓީއާ އަލަށް ގުޅޭ ކޮންމެ މީހަކީ މުހިންމު މެމްބަރަކަށް ވަނީ އެހެންވެ ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް އެއީ މުޅި ޕާޓީގެ ތެރޭގައި ހިމެނޭ ފިކުރަކަށް ވާން ވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެއީ ޕާޓީގެ މައިގަނޑު އަސާސާ ތައާރަޒުވާ، ނޫނިއްޔާ އަރައިރުންވާ ފިކުރަކަށް ނުވާނެ. އަޅުގަނޑުމެންގެ ޕާޓީގައި ހުރި ފިކުރުތައް، އިސްލާމީ އުސޫލުތައް ދިވެހިރާއްޖޭގައި އަށަގެންނެވުން. ކާކުތޯ މިއަށް ދެކޮޅު ހަދާނީ؟ އަޅުގަނޑުމެންނެއް ހަމަ ގައިމު ނުނިކުންނަނަށް އިސްލާމްދީން ނޫން އެހެން ދީނަކަށް އަޅުގަނޑުމެންގެ ދައުލަތުގެ ޖާގަ އޮތްތޯ ބަލާކަށް ސިޓީބިޓީއެއް ނުހިންގަން. އެހެންވީމާ އިސްލާމްދީން ނޫން ދީނަކަށް ދިވެހި ރާއްޖޭގައި ފުރުސަތެއް ނެތޭ އަޅުގަނޑުމެން މި ބުނަނީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މިހާރުގެ ސަރުކާރުން ޒުވާނުންނަށް ހާއްސަ އިސްކަމެއް ދެ އެވެ. އެކަމަށް ބާރު ލިބޭ ކަމެއްގެ ގޮތުގައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި މިހާތަނަށް ކޮންމެ އަހަރަކު ވެސް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ އަށް 300 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ޔޫތު މިނިސްޓްރީގެ ބަޖެޓުގެ ޖުމްލައަކީ 60 މިލިއަން ރުފިޔާ ކަމަށެވެ. އޭގެ ތެރޭގައި އެ މިނިސްޓްރީގެ މުވައްޒަފުންގެ މުސާރަ އާއި ޒުވާނުންނާއި ކުޅިވަރުގެ ދާއިރާގެ ތަރައްގީގެ ފައިސާ ހިމަނައިގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޔޫތު މިނިސްޓްރީ އަށް މިދިޔަ އަހަރު ކަނޑައެޅި ބަޖެޓް ގާތްގަނޑަކަށް އެއްކޮށް ހޭދަކުރި ކަމަށެވެ.

"10 މިލިއަން ކަންނޭނގޭ ހޭދަނުވެ އޮތީ. އެހެންވީމާ ހިދުމަތްތަކެއް އެބަދެވޭ ޒުވާނުންނަށް. އަނެއްކާ އައި ބަަދަލު އެބަފެނޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

މި ސަރުކާރުން ރައްޔިތުންނާ ގާތުން މަސައްކަތް ކުރާ ކަމުގެ ހެކި ދައްކަވަމުން ރައީސް ވިދާޅުވީ، ވަޒީރުން އުޅުއްވަނީ އަބަދުވެސް ކޮންމެވެސް ދާއިރާއެއްގެ ރައްޔިތުންނާ އެކުގައި ކަމަށެވެ. އެގޮތުން މިހާރު ވެސް ހދ. އަތޮޅުގައި ސަރުކާރުގެ ޓީމެއް ހަރަކާތްތެރިވަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އަދި ދެ ދުވަސް ކަންނޭނގޭ ވީ އައްޑުއަތޮޅުން ޓީމު އައިތާ. މިކަހަލަ ބައިވަރު މަސައްކަތްތަކެއް އެބަކުރެވޭ،" ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އިސްވެ ހުންނަވައިގެން އައްޑު އަށް އެންމެ ފަހުން ދިޔަ ޕީޕީއެމްގެ ޓީމަށް އިޝާރާތް ކުރައްވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު އަބަދުވެސް މަސައްކަތްޕުޅު ކުރައްވަނީ ޕީޕީއެމް ވަރުގަދަ ކުރުމަށްޓަކައި ކަމަށެވެ. އަދި ޕީޕީއެމް ފިޔަވައި އެހެން ޕާޓީއަކާ މީހުން ގުޅެންޖެހޭ ސަބަބެއް އޮތް ކަމަށް ވިސްނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފަހަކަށް އައިސް އެންމެ ބޮޑު ބަދަލަކަށް ފެނުނީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ 30 އަހަރުގެ ވެރިކަން ބަދަލުކޮށް، އެމްޑީޕީ އަށް ޖާގަދިނުން ކަމަށެވެ. އެކަމަކު އެ ނިންމުން ފެއިލްވެގެން ދިޔަކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"ހަމަ ދުވަސްނުފުރާ ވިހެއީ. އެހެންވީމާ ދެން މީހުންގެ ވިސްނުމެއް އެއަކަށް [އެމްޑީޕީ] ދާންޖެހޭ ސަބަބެއް ނެތް. އެހެންވީމާ ގަބޫލުކުރަންޖެހެނީ އަނެއްކާވެސް ހަމަ 30 އަހަރުގެ ވިސްނުމާއި ފިކުރަށް އަމާނާތްތެރިކަމާ އެކީ މަސައްކަތްކުރާ، ފަރިތަ ކައްޕިއަކާ އެކީގައި ދިއުން ނޫން ގޮތެއް ނެތޭ." ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތިބީ އިންޑިއާ މާކަނޑުގައި ނަގާ ބިޔަ ރާޅުތަކުގައި ނަގާ ކުޑަ ޖަޒީރާ ގައުމުތަކެއްގެ ގޮތުގައި ﷲ ލައްވަވާފައި. މި ކަނޑުތަކަށް އަޅުގަނޑުމެން ފަރިތަވާން އެބަޖެހޭ. އެހެންވީމާ އެއްގޮތަކަށް ވެސް އަތުގައި އޮތް އެެއްޗެއް ދުލެއް ނުކޮށްލާނެ ތިން ހަތަރު އެތި ލިބިދާނެ ކަމުގެ އުންމީދަކު. އެ ދޫކޮށްލައިފިއްޔާ ގިނަ ފަހަރު ހަމަ ލިބޭނީ ކެހި. އެހެންވީމާ އަޅުގަނޑަކަށް ހަމަ ނުވިސްނޭ އެހެން ޕާޓީއަކާ ގުޅެން ޖެހޭ ސަބަބެއް."