ރިޔާސީ ލޯންޗުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބު 15 އަހަރަށް ޖަލަށް

އަދީބު 15 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރި އިރު އޭނާގެ ދެ ބޮޑީގާޑުން ވަނީ 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި. އަދީބަށް ކުރިން 10 އަހަރުގެ ހުކުމެއް އައިސްފައި ވާތީ މިހާރު އޭނާގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އެބަ އޮތް.

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން، ރިޔާސީ ލޯންޗު ފިނިފެންމާގައި އައިއީޑީއެއް ގޮއްވާލި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި 15 އަހަރަށް އަދި އޭނާގެ ދެ ބޮޑީގާޑުން 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިރޭ ހުކުމް ކޮށްފި އެވެ.


އަދީބުގެ މައްޗަށް މި ހުކުމް އައިސްފައި ވާއިރު މިދިޔަ ހަފުތާގައި ވަނީ، ފިސްތޯލައެއް ގެންގުޅުނު މައްސަލާގައި ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި 10 އަހަރުގެ ޖަލު ހުކުމެއް ވެސް އަދީބުގެ މައްޗަށް ކޮށްފަ އެވެ. އެހެންވެ އޭނާގެ މައްޗަށް މިހާރު 25 އަހަރުގެ ޖަލު ހުކުމެއް އެބަ އޮތެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މިރޭ ކޯޓު ދޮރުމަތީ ހުންނަވައި، އެތަނުގައި ތިބި މީހުންނަށް އަތުން އިޝާރާތްކޮށްލައްވަނީ. -- ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ލޯންޗުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ އިތުރުން އޭނާގެ ދެ ބޮޑީގާޑުން ކަމަށްވާ ހަސަން ރިކާޒާއި އަހްމަދު އާމިރުގެ މައްޗަށް ވެސް ކުރީ ޓެރަރިޒަމްގެ ދައުވާ އެވެ. މި ދެ މީހުންގެ މައްޗަށް 10 އަހަރުގެ ހުކުމެއް އައި ނަމަވެސް އަދީބަށް ބޮޑު އަދަބެއް އައީ ފިސްތޯލަ ގެންގުޅުނު މައްސަލާގައި ކުރިން ޓެރަރިޒަމްގެ ކުށް ސާބިތުވެފައި ވާތީ ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އަދީބަށް ކުރިން ހުކުމެއް ކޮށްފައި ވިޔަސް މިރޭ ވެސް އޭނާ ކޯޓަށް ހާޒިރުކުރީ ފުލުހުންގެ ބެލުމުގެ ދަށުންނެވެ. އަދި ހުންނެވީ ޖަލު ހެދުމުގައެއް ވެސް ނޫނެވެ.

ހަމަލާގައި ބައިވެރިވިކަން ސާބިތުވެ 10 އަހަރުގެ ހުކުމެއް އައި، އަދީބުގެ ބޮޑީގާޑެއް މިރޭ ކޯޓަށް ވައްދަނީ. -- ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

މިރޭގެ ޝަރީއަތް ވެސް ކުރިއަށް ގެންގޮސްފައި ވަނީ އާންމުންނާއި ނޫސްވެރިން ނުވައްދަ އެވެ.

ރައީސް ޔާމީންގެ ދެކަނބަލުން ހައްޖުގެ އަޅުކަމަށް ފަހު ރާއްޖެ ވަޑައިގެން، އެއާޕޯޓުން މާލެ އަށް ދަތުރުކުރެއްވި ލޯންޗުގައި އެއްޗެއް ގޮއްވާލާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އެ ހާދިސާގައި ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އާއި އެހެން ބައެއް ބޭފުޅުންނަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވެ އެވެ.

ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ލޯންޗުގައި އެއްޗެއް ގޮއްވާލުމުން ޒަހަމްވެ ވަޑައިގެންނެވި ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ލޯންޗުން ބާލަނީ. -- ފޮޓޯ: ރޮއިޓާސް

ލޯންޗުގައި ދިން ހަމަލާގެ ތުހުމަތު، ރައީސް ޔާމީނާ އެންމެ އަރިސްކޮށް އުޅުއްވި އަދީބަށް އަމާޒުވެ ތަހުގީގަށް ހައްޔަރުކުރުމާ އެކު ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި ނައިބު ރައީސް ކަމުގެ މަގާމުން ދުރުކުރި އެވެ. އަދި މި ތަހުގީގުގެ ތެރެއިން އަދީބާ ގުޅުން ހުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެ ބައެއް މައްސަލަތަކުގައި ވަނީ އަދީބުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ވެސް އުފުލައިފަ އެވެ.