އެއް ބިލިއަން ޑޮލަރަށް އަރާ 56 އިންވެސްޓްމަންޓް ގެނެވިއްޖެ: ރައީސް ޔާމީން

ޖުމްލަ އެއް ބިލިއަނަށް ވުރެ ގިނަ ޑޮލަރުން ފަށާ 56 އިންވެސްޓްމަންޓެއް މިހާތަނަށް ރާއްޖެ ގެނެސްފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި، ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެއީ ޓޫރިޒަމްގެ ސިނާއަތް ފިޔަވައި އެހެން ދާއިރާތަކުން ރަޖިސްޓަރީކޮށްފައިވާ އިންވެސްޓްމަންޓުތަކެެވެ. މި 56 އިންވެސްޓްމަންޓުން، ފަސް އަހަރުގެ ތެރޭގައި 1.483 ބިލިއަން ޑޮލަރު (22.7 ބިލިއަން ރުފިޔާ) ރާއްޖޭގައި ހަރަދު ކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މި ސަރުކާރުގެ އެންމެ އިސް އަމާޒަކީ ރާއްޖޭގެ ތަރައްގީ. ރައްޔިތުންނަށް ދުޅަހެޔޮ އަދި ފެންވަރު ރަނގަޅު ދިރިއުޅުމެއް ފަހިކޮށްދިނުން. ވުމާ އެކު، ރާއްޖެ އަކީ ހުރިހާ ގޮތަކުން ވެސް އިންވެސްޓަރުންނަށް ފަހި ތަނަކަށް ހެދުމަކީ މި ސަރުކާރުގެ އެންމެ މުހިއްމު އެއް މަސައްކަތް،" ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

އައިހަވަންގެ މާސްޓަ ޕްލޭން ނިމުމާ ގާތަށް

ރާއްޖޭގެ އެންމެ އުތުރުން، އިހަވަންދިއްޕޮޅުގައި ތަަރައްގީ ކުރާ އައިހަވަން މަޝްރޫއުގެ ތަފްސީލީ ކުރެހުންތައް އަންނަ އޭޕްރީލް މަހުގެ ކުރިން ލިބޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"މިއާ އެކު، މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭރުގެ އިންވެސްޓްމަންޓް ހޯދުމުގެ މަސައްކަތް ސަރުކާރުން ފައްޓާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ ބަޔާން ރައީސް ޔާމީން އިއްވެވުމަށްޓަކައި ދަރުބާރުގޭގައި މިއަދު ބޭއްވި މަޖިލިހުގެ ޖަލްސާގައި ބައެއް ވަޒީރުން: މިއީ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ.---ފޮޓޯ: ރައީސް އޮފީސް

އައިހަވަންގެ މާސްޓަ ޕްލޭން ހެދުމުގެ މަސައްކަތް، ގާތްގަނޑަކަށް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ސިންގަޕޫރުގެ ސުރުބަނާ ޖުރޮންގް ކުންފުންޏާ މިދިޔަ ނޮވެމްބަރު މަހު ވަނީ ހަވާލުކޮށްފަ އެވެ.

މި މާސްޓަ ޕްލޭން ނިމުމުން، ހިއްކަން ޖެހޭ ބިމުގެ ބޮޑުމިން އެނގޭނެ ކަމަށް ސަރުކާރުން ވަނީ ކުރިން ބުނެފަ އެވެ. އަދި ބަނދަރާއި އެއާޕޯޓް އަޅާނެ ތަނާއި ޔޮޓުފަހަރު ބަނދަރު ކުރަން ކަނޑައަޅާނެ ތަނާއި އެ ތަންތަނުގެ ބޮޑުމިން އަދި އެ ނޫން ވެސް ފަންނީ މައުލޫމާތުތައް އެނގޭނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.

އައިހަވަންގެ ފީސިބިލިޓީ ދިރާސާ އެެމެރިކާގެ ބޮސްޓަން ކޮންސަލްޓެންސީ ގްރޫޕާ (ބީސީޖީ)އާ ހަވާލުކޮށްގެން ކުރިން ވަނީ ހަދައިފަ އެވެ. މާސްޓަ ޕްލޭން ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމީ އެ ދިރާސާ އަށް ބަލައިފަ އެވެ.

މިދިޔަ އަހަރު 4.79 ބިލިއަން ރުފިޔާގެ ލޯނު

ރާއްޖޭގެ އިގްތިސާދީ ކުރިއެރުން މިދިޔަ އަހަރު 3.9 ޕަސެންޓުގައި ހުއްޓަސް، ސަރުކާރުން ކުރިން ވެސް ހާމަކޮށްފައިވާ ގޮތަށް މި އަހަރު އެ މިންވަރު 4.7 ޕަސެންޓަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ރައީސް ޔާމީން މިއަދު ވިދާޅުވި އެވެ. އަދި މިދިޔަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި 18.1 ބިލިއަން ރުފިޔާ ލިބުނުއިރު، 22.4 ބިލިއަން ރުފިޔާގައި ހަރަދުތައް ހުއްޓަސް، މި އަހަރު 21.9 ބިލިއަން ރުފިޔާ ލިބި އަދި 22.2 ބިލިއަން ރުފިޔާ ހަރަދު ކުރެވޭނެކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

އެހެންވެ، ބަޖެޓުގެ ޑެފިސިޓް މި އަހަރު ހުންނާނީ، ރައީސް ވިދާޅުވި ގޮތުގައި، 303 މިލިއަން ރުފިޔާގަ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ)ގެ ނިސްބަތުން 0.5 ޕަސެންޓަށް ކަމަށް ވާއިރު، މި އަހަރުގެ ބަޖެޓަށް އެކަނި ބަލާ ނަމަ 1.1 ބިލިއަން ރުފިޔާ އަރަނި ވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރުން ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ހޯދަން މިދިޔަ އަހަރު ވަނީ، ރައީސް ޔާމީން ވިދާޅުވި ގޮތުގައި، 4.79 ބިލިއަން ރުފިޔާގެ ފަސް ލޯނެއްގައި ސޮއިކޮށްފަ އެވެ.

"ދެ ހާސް ސަތާރަ ވަނަ އަހަރު ވެސް ތަރައްގީގެ ބިޔަ މަޝްރޫއުތަކަށް ފަންޑު ކުރުމަށް، ބޭރުގެ އެހީ ހޯދުމަށް މަސައްކަތް ކުރުމަށް ވަނީ ކަނޑައަޅާފައި،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ އަށް ރިޔާސީ ބަޔާން އިއްވެވުމަށްޓަކައި ރައީސް ޔާމީން މިއަދު ދަރުބާރުގެ އަށް ވަޑައިގަތުމުން ސިފައިން އެމަނިކުފާނަށް ގާޑްއޮފްއޮނާއެއް އަރުވަނީ---ފޮޓޯ: ރައީސް އޮފީސް

މިދިޔަ އަހަރު ނެގި ލޯނުތަކުގެ ތަފްސީލު ރައީސް މިއަދު ނުދެއްވިޔަސް، ރާއްޖޭގެ މައި އެއާޕޯޓުގައި އަޅާ އާ ޓާމިނަލްގެ މަސައްކަތަށް ސައުދީ ފަންޑުން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އަދި ކުވޭތު ފަންޑުން 50 މިލިއަން ޑޮލަރުގެ ލޯނު މިދިޔަ އަހަރު ވަނީ ދީފަ އެވެ. އަދި އެ މަޝްރޫއު އަށް އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮފިޑް) އިން ދޭ 50 މިލިއަން ޑޮލަރު (768 މިލިއަން ރުފިޔާ)ގެ ލޯނުގެ އެއްބަސްވުމުގައި ވެސް މިދިޔަ ޑިސެމްބަރު މަހު ވަނީ ސޮއިކޮށްފަ އެވެ.

މަޝްރޫއުތަކަށް ބޮޑެތި އަދަދުތަކުން ލޯނު ނަގަމުން ދާއިރު، ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް މާލީ އިދާރާ ކަމަށްވާ ވޯލްޑް ބޭންކުން ވަނީ މިދިޔަ އަހަރާއި މި އަހަރު ވެސް ރާއްޖޭގެ ދަރަނި ބޮޑުވަމުން ދާ މައްސަލަ ފާހަގަކޮށް، އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ގޮތުން، ދައުލަތުގެ ދަރަނި އަހަރުން އަހަރަށް މައްޗަށް ގޮސް، 2020 ވަނަ އަހަރު ޖީޑީޕީގެ ނިސްބަތުން ބޮލަކަށް ޖެހޭ ދަރަނި 120 ޕަސެންޓަށް އަރާނެ ކަމަށް އެ އިދާރާ އިން ވަނީ ލަފާކޮށްފަ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޮޑެތި މަޝްރޫއުތަކަށް ހޭދަ ކުރަނީ ބޭރުގެ ފަރާތްތަކުން ލޯނު ނަގައިގެންނެވެ. އަދި މި އަހަރުގެ ބަޖެޓުގައި، އާއްމު ތަރައްގީގެ މަޝްރޫއުތަކަށް (ޕީއެސްއައިޕީ) އަށް ހަރަދުކުރަން ކަނޑައަޅާފައިވާ އަށް ބިލިއަން ރުފިޔާގެ ތެރޭން 2.9 ބިލިއަން ރުފިޔާ ހޯދަން ހަމަޖައްސާފައި ވަނީ ވެސް ބޭރުން ލޯނު ނަގައިގެންނެވެ. އެހެންވެ، ދައުލަތުގެ ދަރަނި އިތުރަށް ބޮޑުވާނެ އެވެ.