ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި ވައްޑެ (ވ) ވާހަކަ ދައްކަވަނީ.---މިހާރު ފައިލް ފޮޓޯ
13 ފެބުރުއަރީ 2017 - 23:39
ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އަކީ ގައުމަށާއި ޕީޕީއެމަށް ނުހަނު ވަފާތެރި، އިޚުލާސްތެރި ބޭފުޅެއް ކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
މައުމޫން މިހެން ވިދާޅުވެ ޓްވީޓް ކުރެއްވީ، ތުލުސްދޫ ދާއިރާގައި ހިމެނޭ ހިންމަފުށީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް އެ ރަށުގައި މިއަދު ބޭއްވި ޖަލްސާގައި، ވައްޑެ އަކީ އިޚުލާސްތެރިއެއް ނޫން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ފޮނަދޫ ދާއިރާގެ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވުމުންނެވެ.
މައުމޫނާއި ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާ ދެބޭފުޅުންގެ މެދުގައި އުފެދުނު ކޯޅުމުގައި މައުމޫންގެ ފެކްޝަންގައި މިހާރު ހުންނެވި ވައްޑެ މަސައްކަތް ކުރައްވަނީ ރައީސް ޔާމީންގެ ސިޔާސަތުތަކާ ދެކޮޅަށް ކަމަށް އަބްދުއްރަހީމް ވިދާޅުވެފައިވެ އެވެ.
ހިންމަފުށީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް އެ ރަށުގައި މިއަދު ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
އަބްދުއްރަހީމްގެ ވާހަކަތަކަށް ރައްދު ދެއްވަމުން ވައްޑެ ވިދާޅުވީ، އޭނާގެ އިޚުލާސްތެރިކަން ތުލުސްދޫ ދާއިރާގެ ރައްޔިތުންނަށް އެނގޭނެ ކަމަށާއި އެކަން އަބްދުއްރަހީމަށް އެނގިވަޑައިގަންނަވަން ނުޖެހޭ ކަމަށެވެ.
ވައްޑެ "މިހާރު" އަށް ވިދާޅުވީ ތުލުސްދު އާއި ހިންމަފުށީގެ ބިން ހިއްކުމުގެ މަޝްރޫއު ދައުލަތުގެ ބަޖެޓުގައި ހިމަނާފައި ވަނީ އޭނާގެ ވަރަށް ބުރަ މަސައްކަތުން ކަމަށެވެ.
"ބަޖެޓުގައި ހިމެނުން އެކަންޏެއް ނޫން. ބަޖެޓަށް ލާފައި އަދި އެ ދެ މަޝްރޫއު އަވަހަށް ނިންމުމަށްޓަކައި އަޅުގަނޑު ވާނީ ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައި. އެ މަސައްކަތް ލަސްވެދާނެތީ، އެކަން އެހެން ވިޔަ ނުދިނުމަށް ކިތަންމެ މަސައްކަތްތަކެއް ކުރިން. އެކަން އެނގޭނެ އެ ދެ ރަށުގެ ރައްޔިތުންނަށް،" ވައްޑެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ތުލުސްދު އާއި ހިންމަފުށީގެ ބިން ހިއްކުމުގެ މަޝްރޫއުގެ އިތުރުން ވެސް އެ ދާއިރާގެ ތަރައްގީ އަށް ވާނީ އެތައް މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އެކި މަޝްރޫއުތައް ފެށުމަށްޓަކައި ސަރުކާރުގައި ދަންނަވާފައި ވާނެ ކަމަށް ވައްޑެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތުލުސްދޫގެ ބިން ހިއްކުމަކީ މައުމޫންގެ ވެރިކަމުގައި އެމަނިކުފާނުގެ ވަރަށް ބޮޑު އުންމީދެއް ކަމަށާއި އެކަމަށް ބަޖެޓް ވެސް ކުރެއްވި ކަމަށެވެ. އެކަމަކު މައުމޫންގެ ވެރިކަމަށް ފަހު، ދެން ވެރިކަމަށް އައި ބަޔަކު ތުލުސްދޫގެ ބިން ހިއްކުމުގެ މަޝްރޫއު އެހެން ދިމާލަަކަށް ގެންދިޔައީ ކަމަށް ވަައްޑެ ވިދާޅުވި އެވެ.
"ހަގީގަތުގައި އަޅުގަނޑު ދަންނަވާނީ ތުލުސްދު އާއި ހިންމަފުށީގެ ބިން ހިއްކުމުގެ މަޝްރޫއު ފެށުނީ އަޅުގަނޑުގެ އެދުމުގެ މަތިން އަޅުގަނޑު ކުރި މަސައްކަތުން އަދީބު [ކުރީގެ ނައިބު ރައީސް] ގެ އެހީތެރިކަމާ އެކުގައޭ. އެއީ ކޮންމެ ކަހަލަ ކުށެއް ކޮށްފައިވާ މީހަކަސް އެ މީހަކު ކުރި ރަނގަޅު ކަމަކަށް ޝުކުރު ހައްގުވާނެ. މި މަޝްރޫއު އަވަހަށް ފެށުމަށް އަދީބު ވަރަށް ބޮޑަށް މަސައްކަތް ކޮށްދެއްވި. އޭގެ ފަހުން ރައީސް މައުމޫނާއި ރައީސް ވަހީދު ވެސް އަދި ރައީސް ޔާމީނަށް ވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އަޅުގަނޑުގެ ނެތް އެއްވެސް ޒާތީ ކަމެއް،" ވައްޑެ ވިދާޅުވި އެވެ.
މައުމޫނާއި ވައްޑެ: ތުލުސްދޫ ދާއިރާ އަށް އޭނާ އިންތިިޚާބު ކުރީ މައުމޫނަށް ކޮށްދިން ކަމެއްގެ ގޮތުގައި ކަމަށް ވައްޑެ ވިދާޅުވި.---މިހާރު ފައިލް ފޮޓޯ
ވައްޑެ ވިދާޅުވީ ތުލުސްދޫ ދާއިރާ އަށް އޭޭނާ ހޮވީ، ކުރިން އެ ދާއިރާ ތަމްސީލް ކުރެއްވި ރޮޒެއިނާ އާދަމް އިދިކޮޅު އެމްޑީޕީ އަށް ސޮއިކުރެއްވުމުން، މައުމޫން ދޫކުރައްވާފައި ވަޑައިނުގަތުމަށް ރައްޔިތުން ޝަރުތު ކުރުމަށް ފަހުގައި ކަމަށެވެ. އަދި އެއީ ތުލުސްދޫ ދާއިރާ އިން މައުމޫނަށް ކޮށްދިން ކަމެއް ކަމަށް ވައްޑެ ވިދާޅުވި އެވެ.
"އޭރު މި ދާއިރާ އިން އަޅުގަނޑަށް ވޯޓު ދިން ކޮންމެ ރައްޔިތަކު ބުނަމުން ދިޔައީ، ރައީސް މައުމޫން ދޫކޮށްލާފައި ނުދައްޗޭ. ރައީސް މައުމޫނަށް ގޮތެއް ނުހަދައްޗޭ. އެގޮތުގެ މަތީގައި އަޅުގަނޑު މި ހުރީ. އަޅުގަނޑު މި ދާއިރާ އަށް ހޮވައި ދިނުމުގައި ރައީސް މައުމޫންގެ އެހީތެރިކަން އިންތިހާ އަށް ލިބުނު. އަދި ރައީސް މައުމޫނާއި ރައީސް ވަހީދާއި ރައީސް ޔާމީނާއި ޑރ. ޖަމީލްގެ އެހީތެރިކަން ވެސް ލިބުނު. ހާއްސަކޮށް ރައީސް މައުމޫންގެ ނަން އަޅުގަނޑު ފާހަގަ ކުރާނަން،" ވައްޑެ ވިދާޅުވި އެވެ.
ވައްޑެ ވިދާޅުވި ގޮތުގައި ތުލުސްދު އާއި ހިންމަފުށީގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތަށް އޭނާ އަށް ސަރުކާރުން ދައުވަތެއް ނުދެއްވަ އެވެ. އަދި އެކަމާ ހިތާމަކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީނާއި މައުމޫންގެ ކޯޅުމުގެ ތެރެއިން މައުމޫންގެ ފެކްޝަނާ ގުޅިވަޑައިގެންނެވި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ތެރެއިން ވައްޑެ ފާހަގަކުރެވިފައި ވަނީ ފެށުނީއްސުރެ އެ ގޮތުގައި ދެމި ހުންނެވި ބޭފުޅެއްގެ ގޮތުގަ އެވެ. މައުމޫންގެ ފެކްޝަނާ ގުޅުމަށް ފަހު، މަޖިލިހުގެ ޕީޕީއެމްގެ ގިނަ މެމްބަރުން ފަހު ވަގުތު ވަނީ އަނެއްކާވެސް ރައީސް ޔާމީންއާ ގުޅިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ
15 February 2017
ރައްޔިތުން މަޖިލީހުގެ މެންބަރުން ގައުމަށް ވަފާތެރިވުމަކީ ދާއިރާގާ ބައްވާ ރަސްމިއްޔާތުތަކުގައި ބައިވެރިވުންކަމަށް ދާއިރާގެ ރައްޔިތުން ގަބޫލުކުރާނަމަ، އެއީ ހިތާމަކުރަންޖެހޭ ކަމެކެވެ.
އަނގަފުޅު
14 February 2017
އާނ މައުމޫނަށް ވަފާތެރިއެއް. އޭނާ ގައުމަސް ވަފާތެރިނަމަ އޭނާގެ ދާއިރާގައި އިއްޔެ ެބޭއްވި ރަސްމިއްޔަތުގައި ބައިވެރިވީސް.
ހުއްޗާ
14 February 2017
ރައީސް ޔާމީން ވަރެއްނެތް. ޤައުމު ތަރައްޤީ ކުރެވޭނި ޔާމީނަށް އެންމެންވެސް ޔާމީނަށް ވޯޓް ދެއްވާ. އިރާދަކުރެއްވިއްޔާ ރަގަޅުވާނެ
ކަމި
14 February 2017
މުޅިންވެސް ތިބީ ޤައުމުދެކެ ލޯބިވާ މީހުން ވާހަކަ ދައްކާއިރު މުޅިންވެސް ތެދުވެރިން އިޚްލާސްތެރިން.
ދޮންތުއްތު
14 February 2017
އާދެ އަލްއުސްތާޒު މުހައްމަދު ވަހީދު އިބުރާހީމު އަކީ އަޅުގަނޑަށާ އަޅުގަނޑު އާއިލާއައް ވަރަށް އިހުލާސްތެރި ވަފާތެރި ބޭފުޅެއް
މަޙުމޫދު އަލީ
14 February 2017
ދަންނަވާލަން ބޭނުންވަނީ ޙަޤީޤަތް ވާނީ ޙަޤީޤަތަށޭ، ރައީސް ޔާމީން ފަހަތުގަ އެތިބި މީހުންނަކީ ނަގޫފިތިގެން އެނޫންގޮތެއް ނެތި މަޖުބޫރުވެގެން ތިބި ބައެކޭ، އެކަން އެބަ އިނގޭތާ، ކޮޅު ބަދަލު ކުރީމަ، ބުރުމާ ޤާސިމްގެ އެއަރޕޯރޓް އަތުލީ، ރެޑުވޭވް ސަލީމުގެ މާރޓު އަތުލަން އުޅުނީ، ސަލީމު އުނބަށް ޖެހީމަ އަޅާނުލީ، ބީއޭ ގެ ޕްރޮޖެކްޓާ ތައް ވެސް އަތުލީ، މިހެންގޮސް ދައްކާނެ ވާހަކަ އެބަހުރި، އެމީހުންގެ ޙަޤީޤަތް އެނގޭނެ ރައީސް ޔާމިން ވެރިކަމުން ފޭބީމަ، ވަރަށް ސަލާމް....
ވަފާދާރު
14 February 2017
ޔާމީނު ކައިރީ ތިބިމީހުން ޔާމީނައް ވަފާތެރިޔޯ!!!!!!!!!!!!!މައުމޫނު ކައިރީ ތިބި މީހުން މައުމޫނައް ވަފާތެރިޔޯ!!!!!!!!!!!!!މިގައުމައް ވަފާތެރިޔަކު ނެތް. އަމިއްލަ ނަފްސަށާއި އާއިލާއައް ވަފާތެރި މީހަކު ނެތް. ދީނައް ވަފާތެރި މީހަކު ކޮބާ؟
ޒީ
14 February 2017
ޔާމީނު ކައިރި ޔާމީނަށް ތާޢީދު ކޮށްގެން އެ ތިބީ ޤައުމަށް ޤައްދާރު މީހުން ހުސް. ވަފާތްތެރި އެކަކުވެސް ނެތް.
ރަދީފް
14 February 2017
ކޮބާ އަދުރޭ.ބުރަދަން ހުންނާނީ މައުމޫނުގެ ބަސްފުޅުގަ.އަދުރޭގެ ބަސް އެއީ ވައިގަދަ ދުވަހެއްގަ ހުޅަނގު ފަރާތުގަ ހުރެ ހަޅޭލެވުމާއެއްވަރުކަމެއް. ވ.ވެދުން
ޝަފީޤު
14 February 2017
މަރުހަބާ އާއި ތަހުނިޔާ ވައްޑޭ މައުމޫނު ގެ ދުލުން ތައުރީފުގެބަސް ލިބުމަކީ ވަރަށް އުފާކުރާކަމެއް