ހުޅުމާލޭގައި ހަތަރު ފުރޮޅު ލީ އުޅަނދުތައް މާދަމާ އިން ފެށިގެން ދުއްވޭނީ އެކަމަށް ޚާއްސަ ސްޓިކާއެއް ގަތުމަށް ފަހު އެ ސްޓިކާ ޖަހައިގެން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފި އެވެ.
އެޗްޑީސީން އިއްޔެ ނެރުނު އިއުލާނެއްގައިވާ ގޮތުން ހުޅުމާލޭގައި ބޭނުންކުރަން ހުއްދަ ދީފައިވާ ހަތަރު ފުރޮޅު ލީ އުޅަނދުތައް މާދަމާ އިން ފެށިގެން ބޭނުން ކުރެވޭނީ އެކަމަށް ޚާއްސަކޮށް އެޗްޑީސީން ދޫކުރާ ސްޓިކާއެއް ޖަހައިގެންނެވެ. އެއް އަހަރަށް ދޫކުރާ އެ ސްޓިކާގެ އަގަކީ 50ރ. ކަމަށް އެ އިއުލާނުގައިވެ އެވެ.
އިއްޔެއިން ފެށިގެން ސްޓިކާ އަށް ފީ ދެއްކޭނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.
އެކަމަކު ހުޅުމާލޭގައި ބޭނުންކުރާ ސައިކަލުތަކުގައި އެ ސްޓިކާ ޖަހަން ނުޖެހޭނެ ކަމަށް އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވި އެވެ.
އެޗްޑީސީން އެގޮތަށް އެންގީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެ ކޯޕަރޭޝަނުން ހަދާފައިވާ އުސޫލަކާ ގުޅިގެންނެވެ. އެ އުސޫލު ބުނާ ގޮތުން ހުޅުމާލޭ ޒޯންގައި ބޭނުންކުރަން ހުއްދަ ދޫކުރާ އުޅަނދުތަކުން އެކަމަށް ޚާއްސަ ސްޓިކާއެއް ޖަހަން ޖެހެ އެވެ.