ތޮއްޑޫގެ ރައްޔިތުންނަށް އެއީ މީހުންނާ ގުޅޭ ސަމާސާ މިޒާޖުގެ މީހެކެވެ. އެހެންވެ، އެ ރަށު ބްލޫއެންޑްވައިޓްގޭ މޫސާ ޝާފިއު މަރު ވެގެން ދިޔައީ ގިނަ ބަޔަކަށް ހިތްދަތިކަން ގެނުވި، ގަބޫލުކުރަން ދަތި ހާދިސާއަކަށެވެ. މިދިޔަ ހުކުރު ދުވަހު ހިނގި ސައިކަލް އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކެއް ވެގެން، 34 އަހަރުގެ އެ ޒުވާނާ ރޭ މަރުވި ވާހަކައާ އެކު ރަށަށް ވެރިވެފައި ވަނީ ހިތާމަ އެވެ.
"ގިނަ މީހުންނަށް އަދިވެސް ގަބޫލެއް ނުކުރެވޭ އޭނާ މަރުވީ ކަމެއް. އެންމެންނަށް ވެސް ކުއްލި ޝޮކެއް ލިބިފައިވަނީ،" ތޮއްޑޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.
މޫސާ ޝާފިއު އަކީ އެ ރަށުގައި ދުއްވާ "ނަސްރު" ލޯންޗު ކެޕްޓަނެވެ. ގިނަ މީހުންނާ އޭނާ ގުޅުން އޮންނަނީ ވެސް އެހެންވެ އެވެ. މުހިއްމު އެއްޗެއް މާލެއަށް ފޮނުވަން ޖެހުނަސް އެ އެއްޗެއް ހަވާލު ކުރާނީ ޝާފިއު އާ އެވެ. އެހެންވެ، އޭނާ ވެފައި ވަނީ ތޮއްޑޫ މީހުން ވަރަށް އިތުބާރު ކުރާ އަދި ވަރަށް ގާތް އެކުވެރިއަކަށެވެ. އޭނާ އަކީ އެ ރަށުގައި އޮންނަ ބްރައިޓް ކްލަބްގައި ވެސް ވަރަށް ހަރަކާތްތެރި މީހެކެވެ. ހިތްހެޔޮ، ދީނީ ކަންކަމަށް އިސްކަން ދޭ މީހެކެވެ.
އެނގިފައިވާ ގޮތުގައި މިދިޔަ ހުކުރު ދުވަހު އެ އެކްސިޑެންޓް ހިންގީ، ތިން މީހަކު އަރައިގެން ދުއްވި ސައިކަލު ކޮންޓްރޯލް ނުކުރެވިގެން ގޮސް ރުކެއްގައި ޖެހިގެންނެވެ. އެކްސިޑެންޓްވި އިރު ސައިކަލް ދުއްވަން އިން ޝާފިއުގެ ބޯ، ރުކުގައި ޖެހި ބޮލުގެ ނާށިގަނޑު ވަނީ ފަޅައިގެން ގޮސްފަ އެވެ. އޭގެ އިތުރުން އޭނާގެ މޫނުމަތި ވެސް ވަރަށް ބޮޑަށް ޒަހަމްވެފައި ވެ އެވެ.
ރޭ 9:30ހާއިރު އޭނާ މަރުވީ، އައިޖީއެމްގެ އައިސީޔޫގައި ފަރުވާދެމުން އަންނަތާ ފަސް ވަރަކަށް ދުވަސް ފަހުންނެވެ. މަރުވި އިރު ވެސް އޭނާގެ ހެޔެއް ނެތެވެ.
ރަޝީދު ވިދާޅުވީ ހަތަރު މީހުން ހިމެނޭ އާއިލާގެ އެންމެ ދޮއްޓަށް ހުންނަ ފިރިހެން މީހާ އަށް ވުމުން އާއިލާގެ ހުރިހާ ހަރަދުތަކެއްހެން ބަލަހައްޓަނީ އޭނާ އާއި ހަގަށް ހުންނަ ފިރިހެން ކޮއްކޮ އެވެ. އަދި ހަތް އަހަރުގެ ދަރިއެއް ހުންނަ ޝާފިއު އަކީ ވަރަށް ޒިންމާދާރު މީހެއްކަން ވެސް އޭނާ ފާހަގަ ކުރި އެވެ.
"އެއީ އާއްމުކޮށް ބާރަށް ސައިކަލް ދުއްވާ މީހެއް ވެސް ނޫން. ދެން އެ ދުވަހު ހަމައެހެންވީ،" ރަޝީދު ވިދާޅުވި އެވެ.
ތިން މީހުން އަރުވައިގެން ސައިކަލް ދުއްވުމަކީ ތޮއްޑޫގައި ވަރަށް އާއްމު ކަމެކެވެ. އަދި މިއީ ކައުންސިލުން މަނާކުރަން ބޭނުންވާ އެކަމަކު އަދި މިހާތަނަށް ނުކުރެވި އޮތް ކަމެއް ކަމަށް ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތޮއްޑޫގައި ފަހަކަށް އައިސް ބާރަށް ސައިކަލު ދުއްވުމާއި ގަވައިދާ ހިލާފަށް ސައިކަލު ދުއްވުން އިތުރުވެފައިވާ ކަމަށެވެ. އެހެންވެ އެކަން ކޮންޓްރޯލް ކުރުމަށް އެ ރަށުގައި ފުލުހުން ބައިިތިއްބުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.