މިދިޔަ އަހަރު އެކަނި 500 މިލިއަން ސިނގިރޭޓް އެތެރެކުރި: ކަސްޓަމްސް

ދިވެހިން އާންމުކޮށް ބޯ ސިނގިރޭޓް ރާއްޖެއަށް އެތެރެކުރާ މިންވަރު މަދުނުވާ ކަމަށާއި މިދިޔަ އަހަރު 497 މިލިއަން ސިނގިރޭޓް އެތެރެކުރި ކަމަށް ކަސްޓަމްސްއިން މިއަދު ބުނެފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީގައި ކަސްޓަމްސްއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން 2015 އަހަރަށްވުރެ، މިދިޔަ އަހަރު ސިނގިރޭޓު އެތެރެކުރި މިންވަރު އިތުރުވެ، މިދިޔަ އަހަރު ސިނގިރޭޓު އިމްޕޯޓްކޮށްގެން އާމްދަނީގެ ގޮތުގައި 622 މިލިއަން ރުފިޔާ ލިބުނެވެ.

މިދިޔަ އަހަރު ސިނގިރޭޓުގެ ގޮތުގައި 497 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު އެތެރެކުރި އިރު، އޭގެ ކުރީ އަހަރު 460 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް އެތެރެކުރި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ކޮމެޓީ ބައްދަލުވުމުގައި އާމިރު (ވ) ވާހަކަ ދައްކަވަނީ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވި ގޮތުގައި ސިނގިރޭޓުން ޑިއުޓީ ބޮޑުކޮށްފިނަމަ، މަކަރު ހަދައިގެން ސިނގިރޭޓްގެ އެކި ބާވަތްތައް އެތެރެކުރާނެ ކަމުގެ ބިރު އޮތުމުން އެކަމަށް ކަސްޓަމްސްއިން ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

"ސިނގިރޭޓްގެ އަގު ކުރިއަށް އޮތްތަނުގައި ބޮޑުކުރުމުން ދިމާވެދާނެ މައްސަލަތަކަށް ކަސްޓަމްސް އިން އޮތީ ތައްޔާރަށް. ބޭނުން ހުރިހާ ވަސީލަތެއް ނެތް، އެކަމަކު ކެޕޭސިޓީ އާއި މެކޭނިޒަމް އެބަހުރި ވަގަށް ސިނގިރޭޓް އެތެރެކުރާނަމަ. ފިޔަވަޅު އަޅާނަން،" ޝަރީފް ވިދާޅުވި އެވެ.

ސިނގިރޭޓްގެ ޑިއުޓީ ކުރިން ބޮޑުކުރުމުން، ތަންކޮޅެއް އަގުހެޔޮ ސިނގިރޭޓްތަކެއް އެތެރެކޮށް ވިއްކަމުންދޭތޯ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޝަރީފް ވިދާޅުވީ އެކަން ފާހަގަކުރެވިފައި ނެތް ކަމަށެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ސިނގިރޭޓް ފަދަ ސިއްހަތަށް ގެއްލުންދޭ ބާވަތްތަކުން ޓެކްސް ބޮޑުކުރަން ޖެހެނީ ސިނގިރޭޓް ބޯ މީހުންނާ ހެދި މުޅި ގައުމުގައި ދިރިއުޅޭ ރައްޔިތުންނަށް އުނދަގޫވާތީ ކަމަށެވެ. އަދި އިތުރު ހަރަދުތަކެއް ސިނގިރޭޓް ބޯ މީހުންނަށް ކުރަން ޖެހޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި އިސްލާހު ސިނގިރޭޓަކުން ޑިއުޓީގެ ގޮތުގައި މިހާރު ނަގާ 1.25ރ. ގެ ބަދަލުގައި 2ރ. އަށް ބޮޑުކުރަން ވެސް ވަނީ ކަނޑައަޅައިފަ އެވެ. އެއީ ސިނގިރޭޓަކުން 75ލ. ގެ ބޮޑުވުމެކެވެ.

ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑު ކުރުމުގެ އިތުރުން ސޮފްޓް ޑްރިންކާއި އެނާޖީ ޑްރިންކުން ލީޓަރަކަށް 4.60ރ. ނަގަން ވަނީ ކަނޑައަޅައިފަ އެވެ. އެ އިސްލާހުގެ ބޭނުމަކީ ސިއްހަތަށް ގެއްލުންދޭ އެއްޗެހި ވީހާ ވެސް މަދުކުރަން ބާރު އެޅުން ކަމަށް ބިލު ހުށަހެޅުއްވި މެމްބަރުން ވިދާޅުވި އެވެ.

ކޮމެޓީ ބައްދަލުވުމުގައި އީވާ ވާހަކަ ދައްކަވަނީ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޝަރީފް ވިދާޅުވީ ސިއްހީ ދާއިރާއާ ގުޅޭ ދާއިރާއަކުން އެނާޖީ ޑްރިންކާ ސޮފްޓް ޑްރިންކުގެ ގޮތުގައި ހިމެނޭ ބާވަތްތަކަކީ ކޮބައިކަން އާންމުކުރަން ޖެހޭ ކަމަށެވެ. ކަސްޓަމްސްގެ ބޭނުމަށް ސޮފްޓް ޑްރިންކް ގޮތުގައި މާނަ ކުރަނީ ކާބޮނޭޓެޑް ވޯޓާ އެކުލެވޭ ބުއިންތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކަސްޓަމްސްއިން ބުނީ ކާބޮނޭޓެޑް ވޯޓާ އެކުލެވޭ ބުއިންތައް ފިޔަވައި އެހެނިހެން ބުއިންތަކުން ކަސްޓަމުން ޑިއުޓީ ނުނަގާނެ ކަމަށެވެ. ނަމަވެސް ސަރުކާރުގެ އިދާރާއެއްގެ ކަންބޮޑުވުމަކީ ވަކިވަރަކަށްވުރެ ބޮޑަށް ހަކުރު އެކުލެވޭ ބުއިންތަކަކީ ސޮފްޓް ޑްރިންކުގެ ގޮތުގައި ސަރުކާރުގެ އިދާރާއަކުން ކަނޑައަޅައިފިނަމަ، މައިލޯ އާއި އެނޫން ވެސް ޕެކެޓްތަކުގެ އަގު ބޮޑުވާނެ ކަމަށް އެ ތަނުން ބުންޏެވެ.

މަޖިލީހުން ފާސްކުރި 2017ގެ ބަޖެޓުގައި އާމްދަނީ އިތުރު ކުރަން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި ސިނގިރޭޓާއި ސޮފްޓް ޑްރިންކާއި އެނާޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރުން ހިމެނެ އެވެ. އަދި ބަޖެޓްގައި ސިނގިރޭޓެއްގެ އަގު ބޮޑުކުރާނެ ކަމަށް އޮތީ 1.75ރ އަށެވެ. އެކަމަކު މިހާރު ހުށަހަޅާފައި ވަނީ އެއަށް ވުރެ ވެސް ބޮޑުކުރާ ގޮތަށެވެ.

ސިނގިރޭޓުން ނަގާ ޓެކްސް ބޮޑުކޮށްގެން 200 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވެ އެވެ. ޑިއުޓީ ބޮޑުކުރުމުން، މިހާރު 48ރ. އަށް ވިއްކާ ސިނގިރޭޓު ފޮއްޓެއްގެ އަގު 65ރ. އާއި 70ރ. އާ ދެމެދުގެ މިންވަރަކަށް މައްޗަށް ދާނެ އެވެ.