މެމްބަރުންގެ އަޑު ކަޑުވާލަން މަޖިލީހުގައި ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ: މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ އަޑު ކަޑުވާލަން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ގޮވާލައްވައިފި އެވެ.


މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކޮންމެ މެންބަރަކީ އެ ދާއިރާއެއްގެ މީހުންގެ އިތުރުން އެންމެހައި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވަމުން ގެންދަވާ މެންބަރުން ކަމަށެވެ.

މަޖިލީހަށް ހުށަހެޅޭ ކޮންމެ މައްސަލައެއް ނުވަތަ ބިލެއްގައި، ޕާޓީތަކަށާއި މިނިވަން މެންބަރުންނަށް ކަނޑައަޅުއްވާފައިވާ ވަގުތުތަކުގައި، ކޮންމެ މެންބަރެއް ވެސް އެ މެންބަރެއްގެ ނުވަތަ އެ ދާއިރާގެ މީހުންގެ ހިޔާލު ހުށަހަޅުއްވައި ބަހުސް ކުރެއްވުމަށް ބޭނުންވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް މި ފަހަކަށް އައިސް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރައްވަން ބޭނުންފުޅުވާ މެންބަރުންނަށް ވަގުތު ދެއްވުމުގައި ތަފާތު ކުރުންތަކެއް ގެންގުޅުއްވާ ކަމަށް ކަމަށް މައުމޫން ވިދާޅުވި އެވެ.

މަޖިލިސް ތަޅުމުގައި މެންބަރުންނަށް ވަގުތު ދެއްވުމުގައި ޒިންމާ ނަންގަވައިގެން ތިއްބެވި އެންމެހާ ފަރާތްތަކުން މަޖިލީހުގައި ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ކަމޭ ހިއްތަވާ ހަމަހަމަ ކަން ގެންގުޅުއްވުމަކީ އެ ފަރާތްތަކުގެ ޒިންމާއެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

"އެހެންކަމުން މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ބައެއް ދާއިރާތައް ތަމްސީލު ކުރައްވާ ބައެއް އިއްޒަތްތެރި މެންބަރުންނަށް ފުރުސަތު ނުދީ، ބައެއް ދާއިރާތަކުގެ ރައްޔިތުންގެ އަޑު މަޖިލީހުން ކަނޑުވާލެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ކުށްވެރިކުރަމެވެ،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ފާހަގަކުރެއްވި މެމްބަރުންގެ ތެރޭގައި މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ)، ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އަދި ނޮޅިވަރަމު ދާއިރާގެ މެމްބަރު ހުސައިން އަރީފް ހިމެނިވަޑައިގަންނަވަ އެވެ.

މައުމޫން ވަނީ ޑިމޮކްރަސީގެ ރިވެތި އުސޫލާއި ހަމަތަކުގެ މަތިން ވަކި މެންބަރަކާ މެދު ތަފާތު ކުރެއްވުން ނުގެން ގުޅުއްވައި، ހުރިހާ މެންބަރުންނަށް ވެސް ދާއިރާތަކުގައި ދިރިއުޅޭ މީހުންގެ ހިޔާލުތައް ހުށަހެޅުއްވުމަށް ހަމަހަމަ ފުރުސަތުތަކެއް މަޖިލީހުގެ ތަޅުމުގައި ހޯއްދަވައި ދެއްވުމަށް ގޮވާލައްވާފަ އެވެ.