ހަމަދު ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރުން ތަފާތު ގޮތަކަށް!

ލ. ގަމު ހަމަދު ބިން ހަލީފާ އާލް ސާނީ ސްކޫލުގެ 19 ވަނަ އަހަރީ ދުވަސް ތަފާތު ގޮތަކަށް ފާހަގަކޮށްފި އެވެ. އެ ގޮތުން އެ ސްކޫލުގެ ގްރޭޑް 1-7 ގެ ދަރިވަރުން ވަނީ ރަށުގެ 65 އަހަރުން މަތީގެ މީހުންނަށް އިހުތިރާމު ކުރުމުގެ ގޮތުން، އެ މީހުންގެ ހާލު ބެލުމަށް ހަދިޔާއަކާ އެކު ގޭގެ އަށް ޒިޔާރަތްކޮށްފަ އެވެ.


އެ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝައުކަތު މިއަދު ވިދާޅުވި އެ ރަށުގައި 65 އަހަރުން މަތީގެ މީހުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ 205 މީހުންގެ ކައިރި އަށް ދަރިވަރުން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލްގައި ތިބި ބަލި މީހުންގެ ކައިރި އަށް ވެސް އެ ދަރިވަރުން ޒިޔާރަތްކޮށްފައިވާ ކަމަށް ޝައުކަތު ވިދާޅުވި އެވެ.

ހަމަދު ސްކޫލުގެ 19ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ހިނގާލުމުގެ ތެރެއިން.-- ފޮޓޯ: ހަމަދު ސްކޫލް

ޝައުކަތު ވިދާޅުވީ އެ ޒިޔާރަތްކުރުން ބޭއްވީ "ރެސްޕެކްޓް" ޝިއާރުގެ ދަށުން ކަމަށާއި މި އަހަރުގެ ކޮންމެ މަހަކަށް ވެސް ހާއްސަ ޝިއާރެއް ކަނޑައަޅައި، ތަފާތު ހަރަކާތްތަކެއް ބާއްވާނެ ކަމަށެވެ.

ޒިޔާރަތް ކުރުމުގެ އިތުރުން ދިދަ ނެގުމުގެ ހާއްސަަ ރަސްމިއްޔާތަކާއި އެސެމްބްލީއެއް އަދި އަހަރީ ދުވަހުގެ ހިނގާލުން ވެސް ބޭއްވި އެވެ.

ހަމަދު ސްކޫލުގެ 19ވަނަ އަހަރީ ދުވަސް ފާހަގަކުރަން އެ ސްކޫލުގެ ދަރިވަރަކު، އެ ރަށުގެ ދުވަސްވީ މީހަކަށް ޒިޔާރަތްކުރަނީ-- ފޮޓޯ: ހަމަދު ސްކޫލް

"މި ހަރަކާތްތަކުގައި ސްކޫލުގެ ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވި،" ގްރޭޑް 12އާ ހަމައަށް ކިޔަވައިދޭ އެ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި އެވެ.

ފާއިތުވި 19 އަހަރުގެ ތެރޭގައި އެ ސްކޫލަށް ގިނަ ކާމިޔާބީތަކެއް ލިބިފައިވާކަން ވެސް ޝައުކަތު ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ އިތުބާރު ލިބުމާއި އިތުރު ހަރަކާތްތަކުގެ ފެންވަރު ރަނގަޅު ވުން ވެސް އެއީ ބޮޑު ކާމިޔާބީއެއްކަމަށް ޝައުކަތު ވިދާޅުވި އެވެ.

ހަމަދު ސްކޫލުގެ 19ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި އެސެމްބްލީގައި، އަހަރީ ދުވަހުގެ ކޭކު ފަޅަނޯ- ފޮޓޯ: ހަމަދު ސްކޫލް

"އާއްމުންގެ އިތުބާރު ލިބުމާއި އިމްތިހާނުތަކުން ހޯދާ ނަތީޖާއާއި ހަރަކާތްތަކުގެ ފެންވަރު ރަނގަޅުވުމަކީ އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު ކުރިއެރުން،" ޝައުކަތު ވިދާޅުވި އެވެ.

އެ ސްކޫލަށް ދިމާވާ ބޮޑު ގޮންޖެހުމަކީ، ޝައުކަތު ވިދާޅުވި ގޮތުގައި، ދަރިވަރުން ސްކޫލަށް ދިއުމުގައި ކުރަން ޖެހޭ ދަތުރުފަތުރުގެ މައްސަލަ އެވެ.