މައުމޫންގެ ބޭފުޅުންގެ ރައްދު: ދައުވާ އަށް އިންކާރު ކުރަން، އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އިން ހެދި އިމާރާތުގެ ފެންވަރު ރަނގަޅު ނޫން ކަމަށާއި، އެ އިމާރާތުގެ ރިޓެންޝަން ފީ ނުދެއްކި ކަމަށް ބުނެ އެ ބޭފުޅުންގެ މައްޗަށް ކުރާ ދައުވާ އަށް އިންކާރު ކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ބޭފުޅުން މިއަދު ވިދާޅުވެއްޖެ އެވެ.


މައުމޫންގެ ހަތަރު ބޭފުޅުން ކަމަށްވާ ދުންޔާ މައުމޫނާއި ޔުމްނާ މައުމޫނާއި ފާރިސް އަދި ޣައްސާން މައުމޫން ސޮއިކުރައްވައި ނެރުއްވި ބަޔާނެއްގައި އެހެން ވިދާޅުވީ، އިމާރާތުގެ ރިޓެންޝަން ފީ ކަމަށްވާ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އާއިލީ މަސްލަހަތު އޮންނަ އާރްސީސީން އެ ބޭފުޅުންނާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރުމުންނެވެ.

މި މައްސަލަ މީޑިއާ އަށް ތިލަވުމާ ގުޅިގެން، ކަންކަން ސާފުކޮށްދިނުމަށް މައުމޫންގެ ބޭފުޅުން ނެރުއްވި ބަޔާނުގައި ވިދާޅުވީ، ދައުވާ އަށް އެ ބޭފުޅުން އިންކާރު ކުރައްވަނީ އިމާރާތުގައި ގިނަ މައްސަލަތަކެއް ހުރި ކަމަށް ފާހަގަކުރެވޭތީ އާއި އެތަން ހަދާފައިވާ ފެންވަރު ރަނގަޅު ނުވުމުން ކަމަށެވެ.

"އަދި މި މައްސަލަ އަކީ ކޯޓުގައި މިހާރު ހިނގަމުންދާ މައްސަލައަކަށް ވާތީ، ކޯޓުން މައްސަލަ ނިމުމުގެ ކުރިން އިތުރު އެއްޗެއް ދަންނަވަން އަޅުގަނޑުމެން ބޭނުން ނުވާ ވާހަކަ ވެސް ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.

ދުންޔާ އާއި ޔުމްނާ އާއި ފާރިސް އަދި ޣައްސާންގެ ނަމުގައި ޗާންދަނީމަގުގައި އޮންނަ ބިމެއްގައި އާރްސީސީ އިން އިމާރާތެއް ކުރުމުން، އެ މަސައްކަތުގެ ފީ ކަމަށްވާ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބޭ ކަމަށް އެ ކުންފުނިން ސިވިލް ކޯޓުގައި ކުރާ ދައުވާގައި ވެ އެވެ.

އެނގިފައިވާ ގޮތުގައި އެ އިމާރާތުގެ މަސައްކަތް ނިންމިތާ ހަތަރު އަހަރެއްހާ ދުވަސްވީއިރު ވެސް ފައިސާ ނުލިބޭ ކަމަށް އާރްސީސީގެ ދައުވާގައިވެ އެވެ.

ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދުމަށް، ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ނާޒިމްގެ އާއިލީ މަސްލަހަތު އޮންނަ ކުންފުނިން މައުމޫންގެ ބޭފުޅުންގެ މައްޗަށް ދައުވާ ކުރިއިރު، ނާޒިމަށް 2.3 މިލިއަން ރުފިޔާ ދިނުމަށް ސަންލޭންޑް ޓްރެވެލްސްގެ އެއް ހިއްސާދާރު ހުސެއިން ހިލްމީގެ މައްޗަށް ވެސް ސިވިލް ކޯޓުން މިދިޔަ ބުރާސްފަތިދުވަހު ވަނީ ހުކުމް ކޮށްފަ އެވެ.

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި 11 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވާ، އެކަމަކު ވަގުތީ ގޮތުން ގޭ ބަންދުގައި މިހާރު ހުންނެވި ނާޒިމަށް 2.3 މިލިއަން ރުފިޔާ ދައްކަން ކުރީގެ ރައީސް މައުމޫންގެ ސަރުކާރުގައި ޔޫތު މިނިސްޓަރު ކަމާއި ފިޝަރީޒް މިނިސްޓަރުކަން ކުރެއްވި، ހިލްމީގެ މައްޗަށް ހުކުމް އައީ ދެ ފަރާތުގެ ދެމެދު ކުރެވުނު މުއާމަލާތެއްގެ ދަށުން، އެ ފައިސާ ނާޒިމަށް ލިބެންޖެހޭ ކަމަށް ބުނެ އޭނާ ދައުވާ ކުރެއްވުމުންނެވެ.