ސައުދީ ރަސްގެފާނު ޗުއްޓީ ހޭދަކުރެއްވުމަށް ތިން ރިސޯޓެއް ބުކްކޮށްފި

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަންނަ މަހު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ޗުއްޓީ ހޭދަކުރެއްވުމަށް މާލެ އަތޮޅުން ފަސް ތަރީގެ ތިން ރިސޯޓް، 13 ދުވަހަށް، ބުކްކޮށްފި އެވެ.


"މިހާރު"އަށް އެނގިފައިވާ ގޮތުގައި ރަސްގެފާނާއި އެމަނިކުފާނާ އެކު އަންނަ ވަފުދުގެ ބޭފުޅުން ތިއްބަވާ ތިން ރިސޯޓުގެ ހުރިހާ ކޮޓަރިއެއް ވަނީ އަންނަ މަހުގެ 18 އިން 31 އަށް ބުކްކޮށްފަ އެވެ.

ރަސްގެފާނު ސަލްމާން ރާއްޖެއަށް ކުރައްވާ ހަ ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ހަތަރު ދުވަސް ހޭދަކުރައްވާނީ ޗުއްޓީއެއް ގޮތަށެވެ.

ސައުދީ ރަސްގެފާނުގެ މި ދަތުރުފުޅުގެ ސަބަބުން ވަރަށް ބޮޑު އާމްދަނީއެއް ރާއްޖެ އަށް ވަންނާނެ އެވެ. އެގޮތުން އެއް ރިސޯޓަށް އެކަނި ވެސް ދިހަ މިލިއަން ޑޮލަރު ހޭދަކުރާ ކަމަށްވެ އެވެ. އެޑްވާންސްގެ ގޮތުގައި ފަސް މިލިއަން ޑޮލަރު މިހާރު ވެސް ދައްކާފައިވާ ކަމަށްވެ އެވެ.

ރަސްގެފާނު ހުންނަވާ ރިސޯޓުގެ އެއްވެސް މުވައްޒަފަކަށް އެ ދުވަސްވަރު ރިސޯޓުން ބޭރަށް ދިއުން މަނަ އެވެ.

ސަލްމާން ރަސްގެފާނު ރާއްޖެ ވަޑައިގަންވާއިރު އެ މަނިކުފާނު ދަތުރުކުރައްވާ މަތިންދާބޯޓުގެ އިތުރުން ވަފުދުގެ ބޭފުޅުންނާ އެކު ފަސް މަތިންދާ ބޯޓާއި ދެ ހެލިކޮޕްޓަރު ރާއްޖެ އާދެ އެވެ. އޭގެ ތެރެއިން ދެ މަތިންދާބޯޓު ފިޔަވައި އެހެން ބޯޓުތައް އެ ދުވަހު ރާއްޖެއިން ފުރާނެ އެވެ.

ސައުދީ ގެޒެޓް ނޫހުގައި ބުނެފައި ވަނީ ރަސްގެފާނު ސަލްމާން ރާއްޖެއަށް ވަޑައިގަންނަވަނީ އޭޝިއާގެ ފަސް ގައުމަކަށް ކުރައްވާ ދަތުރުފުޅެއްގައި ކަމަށާއި ރާއްޖޭގެ އިތުރުން އިންޑޮނީޝިއާ، ޖަޕާން، ޗައިނާ އަދި މެލޭޝިއާ އަށް ވެސް ވަޑައިގަންނަވާނެ ކަމަށް، ދަތުރުފުޅާ ބެހޭ މައުލޫމާތު އެނގި ހުރި ފަރާތަކާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެ އެވެ.

މި ދަތުރުފުޅުގައި ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު ޑެޕިއުޓީ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ތެޔޮ އުފައްދާ ގައުމުގެ ވެރިޔާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ރައީސް އަބްދުﷲ ޔާމީނާ އެކު ރަސްމީ ބައްދަލުވުމެއް ބާއްވަން ވަނީ ހަމަޖައްސަައިފަ އެވެ.

ސަލްމާނަށް ރަސްކަން ލިބިވަޑައިގަތުމުގެ ކުރިން، ޑިފެންސް މިނިސްޓަރު ކަމުގައި ހުންނެވި އިރު ފެބްރުއަރީ 2014 ގައި ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީއެއް ހޭދަކުރެއްވި އެވެ. އެފަހަރު އެ މަނިކުފާނު ހުންނެވީ އަނަންތާރާގެ ތިން ރިސޯޓް ކަމަށްވާ ނަލަދޫ މޯލްޑިވްސް އާއި ވެލި ރިސޯޓް އަދި ދިގު މޯލްޑިވްސް ރިސޯޓްގަ އެވެ.