ބިދޭސީންނަށް ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބަދަލުކުރަން ހުށަހަޅަނީ

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އިއްޔެ ނިންމައިފި އެވެ.


އެމްޑީޕީގެ ތަރުޖަމާން އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ މިއަދު ވިދާޅުވީ ސަރުކާރުގެ ނުބައި ރޭވުމެއްގެ ދަށުން ފ. އަތޮޅު ވިއްކާލަން ނިންމާފައިވާ ނިންމުން ބަދަލުކުރަން އެ ޕާޓީން މަޖިލީހަށް އިސްލާހެއް ހުށަހަޅާނެ ކަމަށެވެ. އެ އިސްލާހު ހުށަހަޅަނީ، ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބަދަލުކޮށް، ރާއްޖޭގެ ބިން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުނުކުރެވޭނެ ހަރުކަށި ގޮތްތަކެއް ހޯދަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީގެ ވިސްނުމަކީ ފ. އަތޮޅު ވިއްކުން ހުއްޓުވަން ކުރެވެން ހުރި ކަމެއް ކުރުން. މަޖިލިސް ހުޅުވުމާ އެކު [އަންނަ ހަފުތާގައި]، ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބަދަލުކުރަން އެމްޑީޕީން މަޖިލީހަށް ވައްދާނެ،" އިމްތިޔާޒު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ، ވެރިކަން ކުރާ ޕީޕީއެމްގައި އޮތްއިރު، އެމްޑީޕީން ހުށަހަޅާ އިސްލާހު ފާސްވާނެތޯ ދެންނެވުމުން، އިމްތިޔާޒު ވިދާޅުވީ "މަޖިލީހުގެ މެޖޯރިޓީ ނެތަސް އެ އިސްލާހު ކާމިޔާބުކުރާނެ" ކަމަށެވެ.

ގާނޫނުއަސާސީ އަށް ބަދަލެއް ގެނެވޭނީ މަޖިލިހުގެ ހަތަރު ބައި ކުޅަ ތިން ބައިގެ ވޯޓުންނެވެ. އެއީ މިހާރު 85 މެމްބަރުން ތިއްބެވި މަޖިލިހުގެ ނިސްބަތުން 64 މެމްބަރުންގެ ވޯޓެވެ.

ރައްޔިތުންގެ މަޖިލިހުގައި މެމްބަރުން ބެހިފައިވާ ގޮތް

ޕީޕީއެމް 48

އެމްޑީޕީ 21

ޖުމްހޫރީ ޕާޓީ 7

އެމްޑީއޭ 6

އަދާލަތު ޕާޓީ 1

މިނިވަން 2

ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބަދަލުކުރަން ހުށަހަޅަން އެމްޑީޕީން ނިންމާފައިވާއިރު، އެ އިސްލާހު 2015 ގައި ފާސްކުރީ އެމްޑީޕީގެ ބައެއް މެމްބަރުންގެ ވެސް ވޯޓާ އެކުގަ އެވެ. ސަރުކާރާ އެކު ހެދި "ޑީލެއް"ގެ ދަށުން އެ އިސްލާހަށް އެމްޑީޕީ ވޯޓު ދިން މައްސަލާގައި އެ ޕާޓީގެ އާއްމު މެމްބަރުންގެ ނުރުހުން ވަރަށް ބޮޑަށް އަމާޒުވި އެވެ.

އިމްތިޔާޒު ވިދާޅުވީ ފ. އަތޮޅު ވިއްކާލަން ސަރުކާރުން ހިންގަނީ "ނުރައްކާތެރި، އަޑި ނޭނގޭ ކަންތައްތަކެއް" ކަމަށެވެ. އެ މައުލޫމާތު ފ. އަތޮޮޅު ރައްޔިތުންނާ ވެސް ހިއްސާނުކުރުމަކީ އެ އަތޮޅުގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފ. އަތޮޅު ވިއްކާލުމަކީ ވަރަށް އަނދިރީގައި ސަރުކާރުން ކުރާ ކަމެއް، ހުރިހާ ރައްޔިތުން ތިބީ އެކަމާ ދެކޮޅަށް،" އިމްތިޔާޒު ވިދާޅުވި އެވެ.

ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅުންނަށް ފ. އަތޮޅު ވިއްކާލަން އުޅޭ ކަމަށް ފަތުރާ މައުލޫމާތުތަކާ ގުޅިގެން ސަރުކާރުގެ ބައެއް ވަޒީރުންނާއި ޕީޕީއެމްގެ ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ވިދާޅުވަނީ ބޭރުގެ އެއްވެސް ބަޔަކަށް އެ އަތޮޅު ވިއްކާލަން ނޫޅޭ ކަމަށެވެ. އޭގެ ބަދަލުގައި އެ އަތޮޅުގައި ހިންގަން ރާވާފައި ވަނީ ތަރައްގީގެ ވަރަަށް ބޮޑު މަޝްރޫއުއެއް ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.

ފ. އަތޮޅުގައި ސައޫދީން ކުރިއަށް ގެންދާނީ ތަރައްގީގެ ބޮޑު މަޝްރޫއެއް ކަމަށް މިދިޔަ މަހު އެ އަތޮޅު މަގޫދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. އެކަމަކު މަޝްރޫއުގެ ތަފްސީލެއް ނުދެއްވަ އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ މަޝްރޫއާ އެކު އެ އަތޮޅު މުޅި ދުނިޔެ އަށް ހުޅުވާލެވި، ވަރަށް ގިނަ އަދަދަކަށް ވަޒީފާގެ ފުރުސަތު ތަނަވަސްވެގެންދާނެ އެވެ. މުޅި ދުނިޔޭގައި ވެސް އިންޓަގްރޭޓަޑް ޓޫރިޒަމްގެ ގޮތުގައި އޮތީ ވަރަށް މަދު ތަނެއް ކަމަށާއި ސަރުކާރުގެ ވިސްނުމަކީ ފ. އަތޮޅަށް އެފަދަ ތަރައްގީއެއް ގެނައުން ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.