ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިމްތިޔާޒަށް މަރުގެ އިންޒާރު ދިން މައްސަލަ ރޭގެ ވަގުތެއްގައި ހުށަހެޅުމާ އެކު ފުލުހުން އެކަން ބަލަމުން އަންނަ ކަމަށެވެ.
ޓުވިޓާ މެދުވެރިކޮށް އިންތި ވިދާޅުވީ އޭނާ އަށް މަރުގެ އިންޒާރު ދިނީ ވައިބަ މެސެޖަކުން ކަމަށެވެ. އެ މެސެޖުގައި އޮތީ، "ކަލޭ ވަޅި ހަރައި މަރާލާނަން" ކަމަށް ވެސް އިންތި ވިދާޅުވި އެވެ.
އޭނާ ވަނީ، އެ މެސެޖު ފޮނުވި ނަމްބަރު ވެސް ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ.
އެ އިންޒާރާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ގިނަ މެމްބަރުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އޭނާ އަށް ދިން އިންޒާރަކީ އާދައިގެ ކަމެއްގެ ގޮތަށް ނުނަގައި ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭން މެމްބަރުން ވަނީ ގޮވާލައްވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސެކިއުރިޓީ ބަލަހައްޓަނީ މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް އިންނެވެ. އެނގިފައިވާ ގޮތުގައި، ސެކިއުރިޓީ ދެމުން އަންނަނީ، އެކަމަށް އެދޭ މެމްބަރުންނަށެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކާއި ނޫސްވެރިންނަށް ވެސް ފުލުފުލުގައި މަރުގެ އިންޒާރުތަކެއް ފޮނުވި އެވެ. އެ މައްސަލަ ފުލުހުން ތަހުގީގުކުރި ނަމަވެސް އެއީ ކޮން ބަޔަކު ކުރި ކަމެއް ކަން ހާމަކޮށްފައެއް ނުވެ އެވެ.
އިންތިއަކީ އެމްޑީޕީ މެމްބަރުންގެ ތެރެއިން ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ އެއް ބޭފުޅެވެ.