"ވިޝްކާ" ނެރުން ހުއްޓުވަން ކޯޓުން އަމުރެއް ނުދިން

ދިވެހި ފިލްމް "ވިޝްކާ" ނެރުން މަޑުޖައްސާލުމުގެ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.


ޔާރާ ޕްރޮޑަކްޝަންގެ ފިލްމް "ވިޝްކާ" މިރޭ ލޯންޗް ކުރަން ހަމަޖެހިފައި ވަނިކޮށް، ކޯޓުން އެގޮތަށް ނިންމީ އެ ފިލްމުގެ ވާހަކަ އާއި ސްރީންޕްލޭގެ މިލްކުވެރިކަމުގެ މައްސަލާގައި ކެމެރާމަން ހަސަން ހަލީމް (ކޮކޯ) ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

މި މައްސަލަ ނިމެންދެން "ވިޝްކާ" ގެ ހުރިހާ މަސައްކަތެއް މަޑުޖައްސާލަން ވަގުތީ އަމުރެއް ނެރެދޭން ހަސަންގެ ފަރާތުން އެދުނަސް ގާޒީ އަބްދުއްނާސިރު ޝަފީގު ނިންމެވީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

ކޯޓުގެ ނިންމުމުގައި ވަނީ ފިލްމުގެ މަސައްކަތް ކުރަމުން އަންނަކް ކަން އެތައް ދުވަހެއް ކުރިން ހަސަނަށް އެނގޭއިރު، އޭނާގެ އެ މައްސަލަ ކޯޓަށް ހުށަހަޅައި، ހައްގު ހޯދަން މަސައްކަތް ކުރުން އެކަށީގެންވާ ސަބަބެއް ނެތި ލަސްކޮށްފައިވާ ކަމަށެވެ. އަދި "ވިޝްކާ" ފިލްމު ނެރުމަށް ސަރުކާރުން ހުއްދަ ދީފައިވާއިރު، ފިލްމު ނެރުން މިވަގުތު ހުއްޓުވައިފި ނަމަ، ފިލްމުގެ ޕްރޮޑިއުސަރު އަދި އެ މައްސަލާގައި ދައުވާލިބޭ ރިޝްމީ އަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް އެ ނިންމުމުގައިވެ އެވެ.

"ހިނގަމުންދާ މި މައްސަލަ މައުޟޫއުގައި ބަލައި، "ވިޝްކާ" ގެ ވާހަކަ އަކީ ހަސަން ހަލީމްގެ މިލްކެއް ކަން ސާބިތުވުމުގެ ކުރިއަށް މއ. ކޮކޯގޭ ހަސަން ހަލީމްގެ ފަރާތުން އެދިފައިވާ ގޮތަށް ވަގުތީ އަމުރެއް މިހިނދުގައި ނެރެދެވޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައިފީމެވެ،" ކޯޓުގެ ނިންމުމުގައިވެ އެވެ.

ހަސަން ބުނާގޮތުން "ވިޝްކާ" ގެ ވާހަކަ އާއި ސްކްރިޕްޓަކީ އޭނާގެ މިލްކެއް ކަން ސާބިތުކޮށް ދެވޭނެ ހެކި އެބަހުއްޓެވެ. އެކަމަކު އެ ވާހަކަތައް ރިޝްމީ ދޮގު ކުރެ އެވެ. މި މައްސަލާގައި ސުލްހަވެެރި ހައްލެއް ނުލިބުމުން މައްސަލަ މިހާރު އޮތީ ޝަރީއަތް ހިންގާ ޑިވިޝަންގަ އެވެ.