އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓް އަންނަ މަހު ނެރެނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ ރިޕޯޓް އަންނަ މަހު ނެރޭނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.


އޭސީސީގެ އަހަރީ ރިޕޯޓް އާއްމުކުރަން ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ކޮމިޝަންގެ ރައީސް ހަސަން ލަތީފް ވިދާޅުވީ އެ މައްސަލައިގެ ރިޕޯޓް ލަސްވަނީ، މައްސަލައިގެ ބާވަތުން އެއީ އެ ކޮމިޝަނުން ވެސް މިހާތަނަށް ތަހުގީގުކުރާ އެންމެ ބޮޑު މައްސަލަ ކަމަށްވާތީ ކަމަށެވެ. ތަހުގީގު ނިމި މިހާރު ކުރަމުން އަންނަނީ، ފަހުގެ މަސައްކަތްތައް ކަމަށާއި އަންނަ މަހު ނެރޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގައުމު ސިއްސުވާލި ބޮޑު ޚިޔާނާތުގެ ތަހުގީގު އޭސީސީން ކުރަމުން އަންނަތާ ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެ މައްސަލައިގެ ރިޕޯޓް ލަސްވާތީ، މީގެ ކުރިން އަމާޒުކުރި ފާޑުކިއުންތަކަށް ރައްދު ދީ އޭސީސީން ބުނެފައި ވަނީ، "ހީކުރާ ވަރަށް ވުރެ މާ ބޮޑު" ތަހުގީގެއް ކަމަށެވެ. މައްސަލައިގެ ބާވަތުންނާއި މައުލޫމާތު ހޯދަން ޖެހުނު ގޮތުން އެއީ އެހާ ފަސޭހަ އިން ނިންމާލެވޭނެ ތަހުގީގެއް ނޫން ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އޭސީސީގެ ނައިބު ރައީސް މުއައްވިޒް ވިދާޅުވެފައިވާ ގޮތުގައި މީގެ ކުރިން އޭސީސީން ކޮށްފައިވާ ބޮޑެތި ބައެއް ތަހުގީގުތަކާ އަޅާބަލާއިރު އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަހުގީގު ކުރިއަށްދާ ސްޕީޑު އަވަހެވެ.

އެމްއެމްޕީއާރުސީގެ ތަހުގީގަށް އޭސީސީން ވަނީ ނުވަ މީހުންގެ ހާއްސަ ޓީމެއް އެކުލަވާލައިފަ އެވެ. ތަހުގީގުގެ ހުރިހާ މަސައްކަތެއް ކުރިއަށް ގެންދަނީ ވެސް އެ ޓީމުންނެވެ.

އޭސީސީން ކުރިން ބުނެފައިވާ ގޮތުގައި މިހާތަނަށް ލިބިފައި ހުރި މައުލޫމާތުތަކަށް ބަލާއިރު، އޮޑިޓް އޮފީހުން އާއްމުކޮށްފައިވާ ފައިސާގެ އަދަދާއި އެ ކޮމިޝަނުން ހޯދި މައުލޫމާތުން ލިބުނު އަދަދުގައި މާ ބޮޑު ތަފާތެއް ނެތެވެ. އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ވަންނަން ޖެހޭ 1.2 ބިލިއަން ރުފިޔާ ވަނީ ގެއްލިފަ އެވެ.