އަދީބު ޖަލުން ފިއްލަވާކަށް ނޫޅުއްވާ، ފެތުރީ ދޮގު ހަބަރެއް: ވަކީލުން

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކު ރައްވަމުން ގެންދަވަނިކޮށް، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މި ހަފުތާގައި ދޫނިދު އަށް ބަދަލުކުރީ ޖަލުން ފިއްލަވަން އުޅުއްވުމުން ނޫން ކަމަށާއި އެމަނިކުފާނު އެފަދަ ކަމެއް ކުރައްވަން ނޫޅުއްވާ ކަމަށް އަދީބުގެ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.


އަދީބު ދޫނިދު އަށް ބަދަލުކުރީ، ފިއްލަވަން އުޅުއްވާތީ ކަމަށް ސަރުކާރުގެ އޮފިޝަލަކާ ހަވާލާ ދީ "ވީ ނިއުސް" ގައި ޖެހި ހަބަރެއް ދޮގުކޮށް، ވަކީލުން ނެރުނު ނޫސް ބަޔާނުގައި ބުނީ މާފުށީ ޖަލުން ފިއްލަވަން އެއްވެސް އިރެއްގައި އަދީބު މަސައްކަތްޕުޅު ކުރައްވާފައި ނުވާ ކަމަށެވެ. އަދި އެފަދަ ގާނޫނާ ހިލާފު ކަމެއް ކުރައްވަން އެއްވެސް އިރެއްގައި އެމަނިކުފާނު ރާއްވަވާއި ނުވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"ދޫނިދޫ ޖަލަށް އަހްމަދު އަދީބް ބަދަލުކޮށްފައި ވަނީ އެފަދަ ސަބަބެއް އޮވެގެން ކަން ފުލުހުންގެ ފަރާތުން ނުވަތަ ކަރެކްޝަންސް އިން ވެސް އަހްމަދު އަދީބަށް ނުވަތަ އާއިލާ އަށް ވެސް އަންގާފައެއް ނުވެ އެވެ،" ވަކީލުން ވިދާޅުވި އެވެ.

ބަޔާނުގައި ބުނިގޮތުގައި އަދީބު ނުވަތަ އާއިލާގެ ބަހެއް ނުހޯދައި އެމަނިކުފާނާ ގުޅޭ ހަބަރެއް މީޑިއާގައި ގެނެސްދިންއިރު، ހިޔާލުފާޅުކުރުމާއި އަބުރު ރައްކާތެރިކޮށްދިނުމުގެ ގާނޫނުގެ ދަށުން ކޮންމެ ދިވެއްސަކަށް ލިބޭ ހިމާޔަތާއި ރައްކާތެރިކަން އަދީބަށް ވެސް ލިބިގެންވެ އެވެ. އެކަމަކު، އަދީބުގެ އަބުރަށް ރައްދުވާ ގޮތަށް ހަބަރެއް ގެނެސްދިންއިރު ބަހެއް ހޯދާފައި ނުވާ ކަމަށް ވަކީލުންގެ ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ.

އަދީބާ ގުޅޭ ވާހަކައެއް ލިޔާނަމަ، އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ ގާނޫނުގެ ދަށުން އެމަނިކުފާނަށް ވެސް ލިބިދީފައިވާ ހައްގުގެ ބޭނުން ހިއްޕެވުމުގެ ފުރުސަތު ދޭން ވަކީލުން ވަނީ ނަސޭހަތްތެރިވެފަ އެވެ.

އެނގިފައިވާ ގޮތުގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ސޮއިކުރައްވައި ކަރެކްޝަނަލް ސާވިސް އަށް ފޮނުއްވި ސިޓީއަކާ ގުޅިގެން އަދީބު ދޫނިދު އަށް ބަދަލުކުރީ، ސަލާމަތީ ސަބަބުތަކަށްޓަކަ އެވެ.

ބައެއް ވަކީލުން ވިދާޅުވި ގޮތުގައި ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކު، ދޫނިދޫ ޖަލަށް ބަދަލު ކުރުމަކީ ގާނޫނާ ހިލާފު ކަމެކެވެ.

ޕެރޯލްގެ ގާނޫނުގައި ވަނީ ވަނީ ތަހުގީގަށް ބަންދު ކުރެވޭ މީހުން ބައިތިއްބަން ޖެހޭނީ ކަސްޓޯޑިއަލް ޖަލެއްގައި ކަމަށެވެ. ތަހުގީގު ނިމި، ޝަރީއަތް ފެށުމުގެ ކުރިން ނުވަތަ ޝަރީއަތް ފަށައި ހުކުމް ކުރުމުގެ ކުރިން ކޯޓު އަމުރެއްގެ ދަށުން ބަންދުކުރާ މީހުން ބައިތިއްބަން ޖެހޭނެ ރިމާންޑް ޖަލެއްގައި ކަމަށާއި ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުން އަންނަ މީހުން ބައިތިއްބަން ޖެހޭނީ އާންމު ޖަލެއްގައި ކަމަށް ގާނޫނުގައިވެ އެވެ.