މިދިޔަ މަހު ދައުލަތަށް އެއް ބިލިއަން ރުފިޔާ ލިބުނު

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ އެއް ބިލިއަން ރުފިޔާ އަށް އަރާ ކަމަށް މީރާ އިން ބުނެފި އެވެ.


މީރާ އިން ބުނި ގޮތުގައި އެއީ މިދިޔަ މަހު ލިބޭނެ ކަމަށް އެ އޮތޯރިޓީން ލަފާކުރި އަދަދަށް ވުރެ 15 ޕަސެންޓް އިތުރު އަދަދެކެވެ. އެކަމަކު މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ލިބުނު އަދަދަށް ވުރެ ކުޑަ އަދަދެކެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ލިބުނު އަދަދު އިތުރުވީ އިކުއިޒިޝަން ކޮސްޓްގެ ގޮތުގަ އާއި ކޮންވާޝަން ފީ އާއި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ އޭރު ލިބުމުން ކަމަށް މީރާ އިން ބުންޏެވެ.

މިދިޔަ މަހު ލިބުނު އެއް ބިލިއަން ރުފިޔާގެ ތެރެއިން ބޮޑު ބަޔަކީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ގެ ގޮތުގައި ލިބުނު ފައިސާ އެވެ. ޖީއެސްޓީގެ ގޮތުގައި 638 މިލިއަން ރުފިޔާ ލިބުނު އިރު ދެ ވަނަ އަށް އެންމެ ބޮޑު އަދަދެއް ލިބުނީ ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް (ބީޕީޓީ) އިންނެވެ. ބީޕީޓީން 136 މިލިއަން ރުފިޔާ ލިބުނު އިރު ގްރީން ޓެކްސް އިން 64 މިލިއަން ރުފިޔާ އަދި އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި 45 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ލޭންޑް އިކުއިޒިޝަން ފީ އާއި ކޮންވާޝަން ފީގެ ގޮތުގައި 24 މިލިއަން ރުފިޔާ ލިބުނުއިރު އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 93 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިދިޔަ މަހު ލިބުނު ފައިސާގެ ތެރެއިން 632 މިލިއަން ރުފިޔާއަކީ އެމެރިކާ ޑޮލަރުން ލިބުނު ފައިސާ ކަމަށް މީރާ އިން ބުންޏެވެ. އެއީ 41 މިލިއަން އެމެރިކާ ޑޮލަރެވެ.