އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރު ކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ ވޯޓު ކާމިޔާބު ވާނެ ކަމުގެ އަލާމާތެއް ކަމަށާއި އެކަމާ ގުޅިގެން އަންނަ ފިއްތުންތަކާ ގުޅިގެން ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
އޭސީސީގެ ތަހުގީގަކަށް، އެތަނުގެ އެންގުމަކަށް ހާޒިރުވެ ވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ ހާޒިރު ކުރީ އޭނާގެ މައްޗަށް ކުރާ ތަހުގީގަކާ ގުޅިގެން ނޫން ކަމަށެވެ.
"އަޅުގަނޑުގެ މައްޗަށް ތުހުމަތު ކުރެވިގެން ކުރައްވާ ތަހުގީގަކާ ގުޅިގެނެއް ނޫން ހާޒިރު ކުރީ، އަޅުގަނޑުގެ މައްޗަށް އެއްވެސް ތުހުމަތެއް ވުޒާރާއަކުން ކުރާކަން އެނގިފައެއް ނެތް،" ފާރިސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުއްލި ގޮތަކަށް އޭސީސީއަށް ހާޒިރު ކުރުމުން ސުވާލު އުފެދި ވަރަށް ބޮޑަށް ހައިރާންވެވަޑައިގެންފައިވާ ކަމަށެވެ. ފާރިސް ހާޒިރުކުރީ ކޮން މައްސަލައެއްގައިކަން ވިދާޅުވި ނުވި ނަމަވެސް އެނގިފައިވާ ގޮތުގައި، އޭނާ ހާޒިރުކުރީ 2008 ވަނަ އަހަރު ނެރުނު ތީމުގޭ އޮޑިޓް ރިޕޯޓްގައި ހުރި މައްސަލަތަކާ ގުޅިގެންނެވެ. އޭގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމާ ގުޅިގެން ފާރިސްގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫނާ ވެސް ކުރި ސުވާލުކޮށްފައިވެ އެވެ.
ފާރިސް ވިދާޅުވި ގޮތުގައި އޭސީސީއަށް ހާޒިރުކުރީ މަޖިލިސް ތެރެއިން ކުރަން އުޅޭ މަސައްކަތްތަކަށް ނުފޫޒު ފޯރުވަން ކަމަށް ގިނަ ބަޔަކު އަންނަނީ ގަބޫލު ކުރަމުންނެވެ. ނަމަވެސް، އެކުގައި މަސައްކަތް ކުރައްވާ މެމްބަރުން "ހިތްވަރު ކުރެއްވުމަށް" ފާރިސް އެދިވަޑައިގެންނެވި އެވެ.
"މެމްބަރުންނަށް ދަންނަވާނީ ހިތްވަރު ކުރައްވާށޭ، އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަމޭ، މިއަށްވުރެ ބޮޑެތި ގޮންޖެހުންތައް އަންނާނެ ކަމަށް ގަބޫލު ކުރަން،" ފާރިސް ވިދާޅުވި އެވެ.
ފާރިސް ވިދާޅުވީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކޮށްފައިވާތީ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އޭސީސީއަށް ހާޒިރު ކުރީ މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސް ކުރާނެ ކަން އެނގޭތީ ހުރަސް އެޅުމުގެ ގޮތުން ކަމަށް ވިދާޅުވި އެވެ.
ފާރިސްއާ އެކު ނޫސްވެރިންނާ ވާހަކަ ދެއްކެވި ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓަށް ތާއީދު ކުރައްވާ ކޮންމެ މެމްބަރަކާ މެދު ފިޔަވަޅު އެޅުން އެކަށީގެންވާ ކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގެ ތާރީހުގައި ހިނގައިދިޔަ އެންމެ ބޮޑު ހިޔާނާތް ކަމުގައިވާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ރިޕޯޓު އޭސީސީން ނުނެރެ ފަސްކުރީ، އެ ކޮމިޝަނުން ބޭނުންވާ ބޭފުޅުންގެ ނަންތައް ރިޕޯޓަށް އެރުވުމުގެ ބިރު މެންބަރުންނަށް ދެއްކުމަށް ކަމަށް އަލީ ހުސެއިން ތުހުމަތުކުރެއްވި އެވެ.
"އެކަމަކު މިހާރު ތިއްބެވި މެމްބަރުން އެގޮތަށް (މަސީހާ ދެކޮޅަށް) ތިއްބަވާނެ،" އަލީ ހުސެއިން ވިދާޅުވި އެވެ.
ތުލުސްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވި ގޮތުގައި މެމްބަރުންނަށް ބިރު ދައްކާ ފަރާތްތައް އާޚިރުގައި މިފަދަ ތަހުގީގުތަކާ ކުރިމަތިލާން ޖެހޭނެ އެވެ. އަދި މަސީހު މަގާމުން ވަކިކުރަން ހުށަހެޅި މެމްބަރުން ބޭނުންވަނީ ބިރު ފަހަނައަޅައި ގޮސް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ލިބުމަށް ކަމަށް ވެސް ވައްޑެ ވިދާޅުވި އެވެ.
މަޖިލިހުގެ ރައީސް ކަމުން މަސީހް ވަކިކުރުމަށްޓަކައި 26 މެމްބަރުންގެ ސޮޔާއެކު މިދިޔަ ބުދަދުވަހު މަޖިލީހަށް ހުށަހެޅި ލިޔުމުގައި އެންމެ ފުރަތަމަ ސޮއިކުރައްވާފައި ވަނީ ފާރިސް އެވެ. އަދި އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގައި އެންމެ އިސްކޮށް ހުންނެވީ ވެސް އޭނާ އެވެ.
މަޖިލީހުގެ ރައީސްކަމުން މަސީހު ވަކިކުރަން ބޭނުންވާ އަދަދަށް ވޯޓު ހަމަވެފައިވާ ކަމަށް "ރާއްޖެ ޓީވީ" ގައި ވާހަކަ ދައްކަވަމުން ފާރިސް އިއްޔެ ރޭ ވަނީ ވިދާޅުވެފަ އެވެ. އިތުބާރު ނެތް ކަމަށް ފާސްކުރަން މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 42 މެމްބަރުންގެ ވޯޓު ލިބިއްޖެ ނަމަ ފާސްވާނެ އެވެ. މަޖިލިހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވާނީ އެ ދުވަހެއްގެ ޖަލްސާއެއްގައި ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އިތުބާރު ނެތް ކަމުގެ މައްސަލަ މި މަހުގެ 27 އަށް ވަނީ ތާވަލްކޮށްފަ އެވެ.